އެންމެން ތިބީ ކަސްރަތު ކުރުމުގައި އަވަދި ނެތި އެވެ. ދުންތަކެއް އެރުމަށް ފަހު ދެން އިވުނީ ބާރު އަޑުފަށްގަނޑެކެވެ. އޭރު ކައިރި ކައިރީގައި އަޅާފައި އޮތް ހަތަރު ލޯންޗެއްގައި ހުޅު ހިފައި ރޯވެ އަނދަނީ އެވެ.
"ދުން އަރާތަން ފެނުނީމައި އަސްލު ފުރަތަމަ ހީކުރީ އިންޑަސްޓްރިއަލް ޒޯންގައި ހުރި އެއްޗެހި ތަކެއްގައި ރޯވީ ކަމަށް. ފަހުން އެނގުނީ ލޯންޗްތަކެއްގައިކަން،" އެ ވަގުތު ދުވަން ނުކުމެ ހުރި މީހަކު "އަދަދު" އަށް ބުންޏެވެ.
މާލޭ ދެކުނު ފަރާތު ބަނދަރުގައި އަޅާފައި ހުރި ލޯންޗުތަކެއްގައި މިއަދު ހެނދުނު ރޯވެ ހަތަރު ލޯންޗެއް ބޭނުން ނުކުރެވޭ ވަަރަށް އަނދައި ހުލިވެފައިވާ އިރު، ކައިރީގައި އޮތް އިތުރު ލޯންޗަކަށް ވެސް ވަނީ އަލިފާނުގެ އަސަރުކޮށްފަ އެވެ. އަލިފާނުގެ ހާދިސާގައި ގެއްލުންވެފައި ވަނީ ތިން މަސް ލޯންޗާއި ދެ ޕެސެންޖާ ލޯންޗަށެވެ.


އެ ހާދިސާގައި ތޮޅިފަހާ ލޯންޗް އެއްކޮށް އަނދާފައި: އެ ލޯންޗްގެ އަގު 1.5 މިލިއަން ރުފިޔާއަށް އަރާ-- ފޮޓޯ: އަހުމަދު ސާއިލް އަލީ/އަދަދު
އޭގެ ތެރެއިން ފަސިންޖަރުން އުފުލާ "ތޮޅިފަހާ" ނަމަކަށް ކިޔާ ލޯންޗުގައި ހުރި ބިދޭސީ ފަޅުވެރިއަކު ވަނީ ފިހިފަ އެވެ. އުމުރުން 20 އަހަރުގެ އެ ބިދޭސީ މީހާގެ 25 ޕަސެންޓް ފިހިފައިވާއިރު އައިޖީއެމްއެޗްގައި އަންނަނީ ފަރުވާ ދެމުންނެވެ.
މަންޒަރު ދުށް މީހުން ބުނާގޮތުގައި ހަތަރު ލޯންޗްގައި ރޯވުމާ އެކު ދެ ފަހަރެއްގެ މަތިން ބާރު އަޑެއް އިވުނެވެ.
"ބޮޑަށް ހީވަނީ ޕެޓްރޯލް ޓޭކްގައި ރޯވެ ގޮވީހެން. ފުރަތަމަ ގޮވި ފަހަރު ވަރަށް ބާރު އަޑު ހުރި،" ކަސްރަތު ކުރަން ހުރި މީހާ ބުންޏެވެ.
އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އުޅަނދުތައް ބަހައްޓާ ތަނާ ދާދި ކައިރީގައި ހިނގި އެ އަލިފާނުގެ ހާދިސާ ހިނގިތާ ވަރަށް އަވަހަށް ސިފައިން އައިސް އަލިފާން ނިއްވާލުމުގެ މަސައްކަތް ފެށި ކަމަށް ވެސް މަންޒަރު ދުށް މީހުން ބުނެ އެވެ.
"ފަސް މިނެޓު ވެސް ނުވާނެ [ރޯވިތާ] ސިފައިން އައިސްފި،" މަންޒަރު ދުށް މީހަކު ބުންޏެވެ.

އަލިފާން ނިއްވުމުގައި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ.
އެ ހާދިސާގައި ބޭނުން ނުކުރެވޭ ވަރަށް އެނދި "ތޮޅިފަހާ" ލޯންޗާ ހަވާލުވެ ހުރި ޖައުފަރު ރަޝީދު، "އަދަދު" އަށް ބުނި ގޮތުގައި އަނދައިގެން އެ ދިޔައީ 1.5 މިލިއަން ރުފިޔާގެ ލޯންޗެކެވެ. އެ ލޯންޗް އޮންނާނީ އިންޝުއަރެންސް ކޮށްފައި ކަމަށް އޭނާ ބުންޏެވެ.
ޖައުފަރު ބުނީ އަލިފާން ރޯވަން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.
ތޮޅިފަހާ ކިޔާ އެ ލޯންޗް ދުއްވާތާ އަށް ވަރަކަށް އަހަރު ވެއްޖެ އެވެ. އެއީ ކުލީ ދަތުރުތަކަށް އަތޮޅުތެރެއާ މާލެއާ ދޭތެރޭ ދުއްވާ ލޯންޗެކެވެ.
އިތުރު ލޯންޗްތަކެއް ވެސް އަނދާފައިވާއިރު މި ހާދިސާއިން ލިބުނު ގެއްލުން ހައެއްކަ މިލިއަނަށް އަރާނެ ކަމަށް ބެލެވެ އެވެ. ގެއްލުންވި އެހެން ދޯނިތައް ވެސް ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފަ އެވެ.
އަލިފާން ރޯވަން ދިމާވި ސީދާ ސަބަބެއް ތަހުގީގީ އެއްވެސް އިދާރާއަކުން އަދި ނުބުނެ އެވެ.
ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.












