ށ. ފޯކައިދޫން މި މަހުގެ 12 ވަނަ ދުވަހު ކޮވިޑަށް މީހަކު ޕޮޒިޓިވްވި ފަހުން މިވީ އަށް ދުވަހުގެ ތެރޭގައި 97 މީހުން އެ ލިސްޓަށް އިތުރުވެފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ބުނެފި އެވެ.
އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ނޭވާލާން އުނދަގޫ ވެގެން އެ ރަށު މަރުކަޒަށް ދެއްކި މީހެކެވެ. އޭނާ ޕޮޒިޓިވްކަން މި މަހުގެ 12 ވަނަ ދުވަހު އެނގުނީ އޭނާގެ އޮކްސިޖަން ލެވެލް ދަށްވުމުން އިތުރު ފަރުވާއަށް ކުޅުދުއްފުއްޓަށް ފޮނުވާލުމަށް ފަހު ނެގި ސާމްޕަލުންނެވެ.
ފޯކައިދޫގައި މިވަގުތު ކަރަންޓީނުގައި 221 މީހުން އެބަ ތިއްބެވެ. އިއްޔެ އެ ރަށުން ނެގި 53 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެ އެވެ. އެ ރަށުގެ 300 ގޭގެ ތެރެއިން 155 ގެ ހުރީ މޮނިޓަރިންގަ އެވެ.
ފޯކައިދޫ ހެލްތް ސެންޓަރުގެ ޕީއޭ އަހުމަދު އަންވަރު "އަދަދު" އަށް ވިދާޅުވީ އެ ރަށުން ފުރަތަމަ ޕޮޒިޓިވްވި މީހާ ގަޔަށް ވައިރަސް ވަން ގޮތެއް އަދި ނޭގޭ ކަމަށެވެ.
"(އެއް ގޮތަކީ) ކުޅުދުއްފުށި މޮނިޓަރިންގައި އޮއްްވާ ހާއްސަ ހުއްދައިގެ ދަށުން 24 ގަޑިއިރަށް ގޮއްސަ ކަރަންޓީން ނުވެ އައިސްފައި ވުމުން ޕޮޒިޓިވް ވުން. އަނެއް ގޮތަކީ ހޯމް ކަރަންޓީންގަ ހުރި ޕޮޒިޓިވް މީހަކާ ގަވާއިދާ ހިލާފަށް ދިމާވެފައި ވުން،" ކަމަށް އަންވަރު ވިދާޅުވި އެވެ.

ކައުންސިލްގެ ރައީސް އަހުމަދު އާސިފް ވިދާޅުވީ އެ ރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ ރަށް މޮނިޓަރިން އަށް ލުމުން އެ ރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް ހުއްޓާލާފައިވާ ކަމަށެވެ. އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) އިން އެ ރަށުގައި ކާފިއު ހިންގުމަށް ހުއްދަ ދީފައިވާ ކަމަށާއި ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އަމަލު ކުރަމުންދާތީ އެ ފިޔަވަޅު ނާޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ރަށުގައި މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ގެއިން ބޭރަށް ނުކުމެވޭނީ ކަރަންޓީނުގައި ނުހިމެނޭ ގެތަކުން ކޮންމެ ގެއަކުން އެކަކަށެވެ. އެގޮތަށް ނުކުންނަން ޖެހޭ މީހުންނަށް ކައުންސިލުން ހާއްސަ ފާހެއް ދޫކުރެ އެވެ.
މީގެ އިތުރުން ކައުންސިލުން ވަނީ އެ ރަށުގައި ކަރަންޓީނަށް ނުލާ ހުރި ގެ ތަކުގެ ތެރެއިން ކޮންމެ ގެ އަކުން އެއް ސާމްޕަލް ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގަން ނިންމައިފަ އެވެ.













