ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ގޮތުން ސެލޫން އަދި ބޯކޮށާ ތަންތަން އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ހުުޅުވުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.
އެޗްޕީއޭން ބުނެފައިވާ ގޮތުގައި ކޮވިޑަށް ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި ސެލޫންތައް ހުޅުވައިގެން ހިދުމަތް ދޭގޮތަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ހުއްދަ ދެވޭނީ އެތަންތަން ހިންގާ ގޮތުގެ ސާވިސް ޕްލޭނެއް އެޗްޕީއޭއަށް ހުށަހެޅުމުންނެވެ.
ކޮވިޑް ބަލި މިދިޔަ މަހު ދުވާލެއްގެ މައްޗަށް ރިޕޯޓު ކުރާ ކޭސްތަކުގެ އަދަދު 1000 އިން މައްޗަށް އަރައިގެން ދިޔަ އެވެ. އެހެންކަމުން މިދިޔަ މަހުގެ 26 ވަނަ ދުވަހު ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރި އެވެ.
އެ ގޮތުން ސެލޫންތަކާއި ބޯކޮށާ ތަންތަނުން ހިދުމަތް ދިނުން ހުއްޓާލުމަށް އޭރު އެންގި އެވެ. މިއަދާ ހަމައަށް އެ އުސޫލާ އެއްގޮތަށް ސެލޫންތައް ބަންދުކޮށްފައި ހުންނަތާ މަހަކާ ވަނީ ގާތްވެފަ އެވެ.
ނަމަވެސް، ކޮވިޑް ކޭސްތައް ދައްވުމާއެކު އަނެއްކާވެސް ލުއި ދޭން ފަށާފައިވާއިރު މިއަދު ވަނީ ކާފިއުގެ ވަގުތު ކުރުކޮށް، ކަސްރަތު ކުރުމަށް ނުކުމެވޭނެ ގޮތް ވެސް ހަދައިފަ އެވެ.













