އެރިކްސަންގެ ޝުކުރު އެންމެނަށް، ޑެންމާކުން ޔުއެފާ ދެކެ ރުޅި އަތުވެއްޖެ

Jun 15, 2021, 3:32 AM
ކްރިސްޓިއަން އެރިކްސަން: ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުނު ނަމަވެސް މިހާރު އަންނަނީ ހާލު ރަނގަޅުވަމުން.

ކްރިސްޓިއަން އެރިކްސަން: ދަނޑު މައްޗަށް ހޭނެތިގެން ވެއްޓުނު ނަމަވެސް މިހާރު އަންނަނީ ހާލު ރަނގަޅުވަމުން.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހޮނިހިރު ދުވަހުގެރޭ ފިންލެންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ހޭނެތިގެން ދަނޑު މައްޗަށް ވެއްޓުުމުން ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނައިރު، އޭނާ ވަނީ މިކަމުގައި ސަޕޯޓް ދޭ އެންމެނަށް ޝުކުރު އަދާކޮށް ހާއްސަ މެސެެޖެއް ދީފަ އެވެ.

އެރިކްސަން އަށް ދިމާވި ކަންތައްތަކަށް ފަހު ޔުއެފާ އިން އަވަސްއަރުވާލައިގެން މެޗު ކުޅެން ނިންމި ނިންމުމާ މެދު ޑެންމާކުގެ ފުޓްބޯޅަ ފެޑެރޭޝަނާއި އެ ޓީމުގެ ކުރީގެ އަދި މިހާރުގެ ކުޅުންތެރިން އަންނަނީ ވަރަށް ބޮޑަށް ހިތްހަަަމަނުޖެހުން ފާޅުކުރަމުންނެވެ.

ޑެންމާކުގެ ކޮޕެންހާގެންގައި ކުޅުނު މެޗު 0-0 އިން އެއްވަރުވެފައި ވަނިކޮށް މެޗުގެ 43 ވަނަ މިނިޓްގައި އުމުރުން 29 އަހަރުގެ އެރިކްސަން ދަނޑުގެ އަރިމަތިން ވެއްޓުނީ އެއްލުން އެއްލި ބޯޅައަކަށް ދުވަމުން ދަނިކޮށެވެ. ކުޑަވަގުތު ކޮޅެއްގެ ތެރޭގައި މެޗުގެ ރެފްރީ އެންތަނީ ޓޭލާ ވަނީ މެޑިކަލް ޓީމު އަވަހަށް ދަނޑަށް އަރުވައިފަ އެވެ. މެޑިކަލް ޓީމު އަންނަންދެން އެ ހިނގި ކުޑަ ވަގުތުކޮޅުގެ ތެރޭގައި އެރިކްސަން އަށް ސީޕީއާރް ދިނީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އެވެ.

ދެ ގަނޑިއިރެެއްހާއިރު ފަހުން އަލުން މެޗު ފަށައިގެން މެޗު ފުރިހަމަ ކުރިއިރު، ޑެންމާކް ވަނީ ފިންލެންޑް އަތުން 1-0 އިން ބަލިވެފަ އެވެ.

ދިމާވި ކަންތައްތަކަށް ފަހު ގިނަ ބަޔަކު އަންނަނީ އެރިކްސަން އަށް ސަޕޯޓް އޮތްކަން ދައްކުވައިދީ ޝުއޫރުފާޅު ކުރަމުންނެވެ.

އެރިކްސަން އަށް ފަރުވާދެމުންދިޔަ ވަގުތު ދަނޑުގައި ތިބި ފިންލެންޑާއި ޑެންމާކުގެ ސަޕޯޓަރުން ދިޔައީ އެރިކްސަންގެ ނަމުން ދަނޑު ގުގުމާލަމުންނެވެ. އެރިކްސަން އަށް ސަޕޯޓް އޮތްކަން ހާމަކޮށް ލަނޑު ޖެހުމަށް ފަހު ބައިނަލްއަގުވާމީ މެޗުތަކުގައި ބައެއް ކުޅުންތެރިން ވަނީ އެ ގޯލު އެރިކްސަން އަށް ވެސް ހާއްސަކޮށްފަ އެވެ.

އެ ކުޅުންތެރިންގެ ތެރޭގައި އެރިކްސަންއާ އެކު އިންޓަ މިލާނަށް ކުޅޭ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އާއި މޮރޮކޯގެ ފުލްބެކް އަޝްރަފް ހަކީމީގެ އިތުރުން ޓޮޓެންހަމްގައި އެރިކްސަންއާ އެކު ކުޅުނު ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން ހިމެނެ އެވެ.

ނެދަލެންޑްސްގެ ސަަޕޯޓަރުން އެރިކްސަން އަށް ހާއްސަ މެސެޖެއް ޖަހާފައިވާ ޕޯސްޓަރެއް ހިފައިގެން.

މީގެ އިތުރުން އިންގްލެންޑާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗާއި ނެދަލެންޑްސް އާއި ޔޫކްރެއިން ކުޅުނު މެޗުގެ ސްޓޭޑިއަމްގައި ވަނީ އެރިކްސަން އަށް ހާއްސަ މެސެޖެއް ދަނޑުގެ ސްކްރީނުން ދައްކާލައިފަ އެވެ. އެރިކްސަން މި ވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ޑެންމާކުގެ ކޯޕެންހާގެންގައި ހުރި ހޮސްޕިޓަލް ބޭރުގައި ގިނަ ސަޕޯޓަރުންތަކެއް އަންނަނީ އެކި އިރު އެއްވެ، އެރިކްސަން އަށް އޮތް ސަޕޯޓް އަންގައިދޭން އަޑުއުފުލަމުންނެެވެ.

އެންމެންނަށް ޝުކުރިއްޔާ. އަހަރެން ގިވަޕް ނުކުރާނަން. އަހަރެން މިހާރު ކުރިއަށް ވުރެ ރަނގަޅު، އަހަރެން ބޭނުން އަހަންނަށް ވީ ގޮތް އެނގެން. އަހަރެން ޝުކުރު އަދާކުރަން ތި އެންމެން އަހަންނަށް ކޮށްދިން ކަންތައްތަކަށް - އެރިކްސަން އޭނާގެ އޭޖެންޓް މެދުވެރިކޮށް އިޓަލީގެ މީޑިއާ އަށް ދީފައިވާ މެސެޖް

ޑެންމާކުގެ ކުޅުންތެރިން އެރިކްސަންގެ ހާލު ގަވާއިދުން ބަލަ އެވެ. އަދި ގިނަ ކުޅުންތެރިންނާ ވީޑިއޯ ކޯލް މެދުވެރިކޮށް އެރިކްސަން އަންނަނީ ވާހަކަ ދައްކަމުންނެވެ.

މެޗު އަލުން ފަށަން ޔުއެފާ އިން އަމަލުކުރީ ގޯސްކޮށް: ޑެންމާކް

އެރިކްސަން އަށް އެ ގޮތަށް ދިމާވުމުން ފުރަތަމަ ބެލީ އެރޭ ދެން އިތުރަށް އެ މެޗު ނުކުޅެވޭނެ ކަމަށެވެ. އެކަމަކު ހޮސްޕިޓަލަށް ގެންގޮސް އެރިކްސަން އަށް ފަރުވާދޭން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާގެ ހާލު ރަނގަޅުވަމުން ދިއުމާ އެކު ޔުއެފާ އިން ނިންމީ އަލުން ހުއްޓާލި ހިސާބުން މެޗު ކުޅޭށެވެ. އެ ގޮތަށް ނިންމުމުން އެ ވަގުތު ވެސް ވަރަަށް ގިނަ ބަޔަކު ޔުއެފާއާ މެދު ހިތްހަމަނުޖެހުނެވެ.

ޑެންމާކުގެ ޓީމު ޑޮކްޓަރު މޯޓެން ބޮއެސަން އާއި ކޯޗު ކެޝްޕާ ޖޮލްމަންޑް ވަނީ މެޗު އެހާ ކުޑައިރުކޮޅެއްގެ ތެރޭގައި އަލުން ފެށުމަކީ ގޯސް ނިންމުމެއް ކަމަށް ބުނެފަ އެވެ.

ބޮއެސަން ބުނީ މެޗު އަލުން ފުރިހަމަ ކުރިއިރު، މެޗަށް ފަހު ޑެންމާކުގެ ގިނަ ކުޅުންތެރިންނާއި ސްޓާފުން ވަނީ ނަފްސާނީ އެހީތެރިކަން ހޯދުމުގެ ގޮތުން ސައިކޮލޮޖިސްޓަކަށް ދައްކާފައި ކަމަށެެވެ.

"ޓީމު ހޮޓަލަށް ސައިކޮލޮޖިސްޓެއް ގެނެސްގެން އަހަރެމެން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުންގެ ހާލު އޮޅުންފިލުވުމުގެ ކަންތައްތައް ކުރިއަށް ގެންދިޔައިން. ކޮންމެ ކުޅުންތެރިއަކަށް ފެނުނު މަންޒަރާއި އެ ކުޅުންތެރިންނަށް މިހާރު އިހުސާސް ކުރެވޭ ގޮތް ބަލައި ދޭން ޖެހޭ އެހީތެރިކަމެއް ދިނިން. އެއީ ވަރަށް ގިނަ ކުޅުންތެރިންނަށް ހުރީ ނަފްސާނީ ގޮތުން އަސަރުކޮށްފައި،" ޑރ. ބޮއެސަން ބުންޏެވެ.

"މެޗު ފެށުމަކީ ޔުއެފާ އިން ކުރި ވަރަށް ބޮޑު ގޯސްކަމެއް،"

ޑެންމާކް ޓީމުގެ ކްރިސްޓެންސަން (ކ) އާއި ޑެލަނީ: އެރިކްސަން އަށް ފަރުވާދިން ވަގުތުގައި.

ކޯޗު ޖޮލްމަންޑް ބުނީ ޑެންމާކުގެ ކެޕްޓަން ސިމޯން ކިއޭ އަށް އަލުން މެޗު ފަށައިގެން ނުކުޅެވުމުން އޭނާ ބަދަލުކުރަން އެނދުމުން އެކަން ކޮށްދިން ކަމަށެވެ. ކިއޭ އަކީ އެރިކްސަން ހޭނެތިގެން އެންމެ ފުރަތަމަ އެހީވި ކުޅުންތެރިޔާ އެވެ.

"އެ ވަގުތު މެޗު ކުޅެން ނިންމީ ޔުއެފާ އިން އެންގީ ފުރަތަމަ ފަސްކުރެވެން ނެތް ކަމަށް. ފަހުން ދިނީ ދެ ފުރުސަތެއް. އަނެއް ދުވަހަށް މެޗު ފަސްކުރަން ނޫނީ ވަކި ވަގުތެއްގެ ތެރޭގައި މެޗު ފަށަން. ދެން އެރިކްސަން ވެސް ރަނގަޅުވަމުން އަންނާތީ އެ ވަގުތަށް ފެނުނީ ޔުއެފާ އިން އަންގާފައި އޮތް އެއް ގޮތަކަށް ކުރިއަށްދާން. ހަގީގަތުގައި އެއީ (މެޗު ފެށުމަކީ) ރަނގަޅު ނިންމުމެއް ނޫން،" ޖޮލްމަންޑް ބުންޏެވެ.

ޑެންމާކުގެ މިހާރު ޓީމަށް ކުޅެމުން އަންނަ ފޯވާޑް މާޓީން ބްރައިތުވެއިޓާއި މިޑްފީލްޑަރު ޕިއޭ އެމީލް ހޮއިިބިއާ އަދި ގޯލްކީޕަރު ކެޝްޕާ ޝްމައިކަލް ވަނީ މެޗު އަލުން ފަށަން ޔުއެފާ އިން އެންގީ ރަނގަޅަށް ނޫން ކަމަށް ބުނެފަ އެވެ.

ކެޝްޕާ ޝްމައިކަލްގެ ބައްޕަ، ޑެންމާކުގެ ކުރީގެ ކީޕަރު ޕީޓަ ޝްމައިކަލް ބުނީ ޑެންމާކުން މެޗު ނުކުޅެން ނިންމައިފިނަމަ ޔުއެފާ އިން ވަނީ މެޗު ފިންލެންޑަށް 3-0 އިން ދޭން ޖެހިދާނެ ކަމަށް ބުނެ، ޑެންމާކަށް ބިރު ދައްކައިފަ އެވެ. އެކަމަކު ޔުއެފާ އިން އެ ވާހަކަ ދޮގުކުރެ އެވެ.

ޔުއެފާ އިން ބުނީ ޔުއެފާ އިން ހުށަހެޅި ދެ ގޮތުގެ ތެރެއިން މެޗު ކުޅެން ނިންމީ ދެ ޓީމު ވެސް އެގޮތަށް އެއްބަސްވުމުން ކަމަށާއި އެއްވެސް ޓީމެއްގެ ނިންމުމަށް ނުފޫޒުފޯރުވައި ބިރެއް ދައްކާފައި ނުވާނެ ކަމަށެެވެ.

އެރިކްސަން ހިނިތުންވެފައި ހުންނާތީ ކުޅުންތެރިންނަށް ހިތްހަމަޖެހުން

ޑެންމާކް ޓީމުގެ ބައެއް ކުޅުންތެރިން ވަނީ އެރިކްސަންއާ ހޮސްޕިޓަލުގައި ބައްދަލުކޮށްފަ އެވެ. އެރިކްސަނާ އެކު އެ ކުޅުންތެރިންގެ އެ ބައްދަލުވުމުގެ ކަންތައް ދިޔައީ ޔުއެފާ އިިން ދިން ހުއްދައެއްގެ ދަށުން ހާއްސަ ޕްރޮޓޮކޯލެއްގެ ތެރެއިންނެވެ. އެރިކްސަންއާ ބައްދަލުކުރަން ދިޔަ ކުޅުންތެރިންގެ ތެރޭގައި ކީޕަރު ކެޝްޕާ ޝްމައިކަލް ހިމެނެ އެވެ.

ޝްމައިކަލް ބުނީ އެރިކްސަން އުފަލުން ހުންނަ މަންޒަރު ފެނުމުން ވަރަށް ހިތްހަމަޖެހޭ ކަމަށާއި ކުޅުންތެރިންނަށް ވީޑިއޯ ކޯލްކުރާއިރު ވެސް ޓީމަށް ހިތްވަރުދޭ ކަމަށެވެ.

"ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނު އެރިކްސަން ހިނިތުންވެފައި ހުންނާތީ. ވަރަށް ބޮޑަށް ޓީމު ރޫހު އޭނަގެ ކިބައިން ފެންނާތީ އެހެން ކުޅުންތެރިންނަށް ވެސް ހިތްވަރު ލިބޭ. އެރިކްސަން އެ ގޮތަށް ފެނުމަކީ މި ޓީމުގެ ކުޅުންތެރިންނަށް މި ދިމާވި ކަންތައްތަކުން އަރައިގަންނަން ވެސް ލިބޭނެ ހިތްވަރެއް،" ކެޝްޕާ ޝްމައިކަލް ބުންޏެވެ.

އެރިކްސަން އަށް ދަނޑުމަތީގައި ފަރުވާދެމުންދިޔަ ވަގުތުގައި ޑެންމާކުގެ ކުޅުންތެރިން ވަނީ ޓީވީން އެ މަންޒަރުތައް ދެއްކިޔަ ނުދޭން އެރިކްސަން ކުރިމަތީގައި ސަފަކަށް އެތުރިފަ އެވެ. އަދި ދަނޑު މަތިން އެރިކްސަން އަށް ފަރުވާދެމުން ބޭލުމާ ހަމައަށް ކުޅުންތެރިން ތިބީ އެންމެ ގާތުގަ އެވެ.

ފުރަތަމަ މެޗުން ފިންލެންޑް އަތުން ބަލިވި ނަަމަވެސް ކެޝްޕާ ޝްމައިކަލް ދެކޭގޮތުގައި މިދިމާވި ކަންތައްތަކުން އަރައިގަނެ ޑެންމާކުން މި ފަހަރުގެ ޔޫރޯގައި ކޮންމެ ވެސް ކަމެއް ހާސިލްކުރުމަކީ މުޅި ޓީމުގެ އަޒުމެއް ކަމަށެވެ.

"އަހަރެމެން ކަމެއް ހާސިލްކުރަން ބޭނުންވަނީ އެރިކްސަން އަށް ޓަަކައި،" ކެޝްޕާ ޝްމައިކަލް ބުންޏެވެ.

ޑެންމާކުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ކަންތައްތައް އެންމެ ރަނގަޅަށް ގޮސްފިނަަމަ އެރިކްސަން ހޮސްޕިޓަލުން ދޫކޮށްލާނީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ޔޫރޯ އަށް ލިބޭނެ މޮޅަކީ އެރިކްސަން ސަލާމަތުން އެނބުރި އައުން: މުއަމްބާ

އެރިކްސަން އަށް ދިމާވި ގޮތަށް ދަނޑުމަތީގައި "ކާޑިއަކް އެރެސްޓް" ޖެހިފައި ތިބި ފުޓްބޯޅަ ކުޅުންތެރިން ގިނަ އެވެ. އޭގެ ތެރެއިން އެންމެ ހިތްދަތި ތަޖުރިބާއެއް ކުރަން ޖެހުނު އެއް ކުޅުންތެރިއަކީ 2012 ވަނަ އަހަރު އިނގިރޭސި އެފްއޭ ކަޕް މެޗެއްގެ ތެރެއިން އެ ގޮތަށް ދިމާވި ބޯލްޓަން ވެންޑާސްގެ މިޑްފީލްޑަރު ފަބްރީސް މުއަމްބާ އެވެ.

ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން މުއަމްބާ އަށް ކާޑިއަކް އެރެސްޓެއް ޖެހިގެން ހޭނެތިގެން ވެއްޓި އޭނާ އަށް ފަރުވާދިނުމުގެ ތެރޭގައި ހިތުގައި ވިއްދެއް ނެތި 78 މިނިޓް ހޭދަވި ނަމަވެސް ފަހުން ހޭ އެރި އެވެ. އޭނާ ހޭއެރީ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ.

ސްކައި ސްޕޯޓްސް އަށް މުއަމްބާ ދިން އިންޓަވިއުއެއްގައި ބުނީ އެރިކްސަން އަށް މި ދިމާވި ކަންތައްތަކުގެ ސަބަބުން އޭނާ އަށް ވެސް ވަރަށް އަސަރުކުރި ކަމަށާއި އެދެނީ އެރިކްސަން އަށް އަވަސް ޝިފާއެެއް ލިބުމަށް ކަމަށެވެ.

"މި ގޮތަށް ދިމާވި (ހޭނެތިގެން ވެއްޓުނު) އިންސާނެއް ދުނިޔޭގައި ހުރުމަކީ ޔޫރޯ އިން މި ފަހަރު ފެންނާނެ އެންމެ އުފާވެރި ކަންތައް. މި މުބާރާތުގެ ޗެމްޕިއަންކަން ކޮންމެ ޓީމެއް ހޯދިޔަސް އެއީ އެއް ނޫން މިހާރު ބޮޑު ކަމަކީ. ބޮޑު ކަަމަކީ އެރިކްސަން ރަނގަޅުވެގެން ފުރިހަމަ ސިއްހަތެއްގައި އެނބުރި އައުން. އެއީ ޔޫރޯ އިން ގިނަ ބަަޔަކަށް ލިބޭނެ އުފާވެރި ހަބަރަކީ،" މުއަމްބާ ބުންޏެވެ.

މުއަމްބާ ބުނީ އެންމެން ވެސް ޝުކުރު އަދާކުރަން ޖެހޭނެ އެއް ބަޔަކީ އެރިކްސަން އަށް އެހެން ދިމާވިއިރު، އެ ހާސްކަމުގެ ތެރޭގައި ވެސް ރަނގަޅު ނިންމުންތައް ނިންމައި އެރިކްސަން ރަނގަޅު ހާލަތަށް ގެނައި ޑޮކްޓަރުންނާއި މެޑިކަލް ސްޓާފުން ކަމަށެވެ.

މުއަމްބާ ހުރީ އޭރު އޭނާ އަށް ދިމާވި ކަންތައްތަކަށް ފަހު އަލުން ފިޓްވެގެން ފުޓްބޯޅަ ކުޅެން ނިންމައިގެންނެވެ. އެކަމަކު އޭނާގެ އުއްމީދުތައް ފުނޑުފުނޑުވީ ރިހެބިލިޓޭޝަނުގެ ވަކި ހިސާބަކުން ބެލްޖިއަމަށް ގޮސް ސްޕެޝަލިސްޓަކަށް ދެއްކި ފަހުންނެވެ. މުއަމްބާ ދެެއްކި ޑޮކްޓަރު އެދުނީ އޭނާގެ ސިއްހީ ސަލާމަތަށްޓަކައި ޕްރޮފެޝަނަލް ފުޓްބޯޅަ އިން ރިޓަޔާކުރާށެވެ.

ސްކައިނިއުސް އަށް ސްޕޯޓްސް ކާޑިއޯލޮޖީގެ ޕްރޮފެސަރެއް ކަމަށްވާ ސަންޖޭ ޝަރްމާ ދިން އިންޓަވިއުއެެއްގައި ބުނެފައިވަނީ އެރިކްސަން އަށް ދިމާވި މި ކަންތައްތަކަށް ފަހު އަލުން އޭނާ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެވޭނެތޯ އެއީ "އުފެދޭ ސުވާލެއް" ކަމަށާއި އިންގްލެންޑްގައި އުސޫލުތައް އޮތްގޮތުން އެރިކްސަން އަށް އަލުން އެ ގައުމުގައި ފުޓްބޯޅަ ކުޅެވޭނީ ވަރަށް ގިނަ ޓެސްޓްތަކާއި ކަންތައްތަކަށް ބެލުމަށް ފަހު ކަމަށެވެ.

ކުރިން އަޔަކްސް އާއި ޓޮޓެންހަމަށް ކުޅުނު އެރިކްސަން އަކީ މި ފަހަރު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި އިންޓަ މިލާން ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އެރިކްސަން ވަނީ މުހިއްމު ވަގުތުތަކުގައި އިންޓަ އަށް ލަނޑު ވެސް ޖަހައިދީފަ އެވެ. ހޭނެތިގެން ވެއްޓުމާ ހަމައަށް ފިންލެންޑާ ދެކޮޅަށް ވެސް ޑެންމާކުން އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ އެރިކްސަން އެވެ.

ޑެންމާކް ޓީމުގެ ޑޮކްޓަރު ބޮއެސަން އެ ގައުމުގެ މީޑިއާ އަށް ބުނީ އެރިކްސަން އަލުން ކުޅެވޭނެ ދުވަހަކާ ބެހޭގޮތުން މި ވަގުތު ވާހަކަ ދެއްކުން ރަނގަޅުނުވާނެ ކަމަށާއި މި ވަގުތުގެ އެންމެންގެ ފޯކަސް އަކަށް ވާންޖެހޭނީ އޭނާގެ ރިކަވަރީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox