ސިޔާސީ ނުވުން މުހިއްމު، ކުޅިވަރުގެ އެންމެން ބައިވެރި ކުރާނަން: ސައްތާރު

ސްވިމިން އެސޯސިއޭޝަންގެ އިވެންޓެއްގެ ތެރެއިން ޗަމްޕީ.--

ސްވިމިން އެސޯސިއޭޝަންގެ އިވެންޓެއްގެ ތެރެއިން ޗަމްޕީ.--

ސިޔާސީ ކަންތައްތައް ކުޅިވަރުގެ ތެރެއަށް ނުގެނެސް ކުޅިވަރުގެ މީހުން ވާން ޖެހޭނީ ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ކަމަށާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ކުރިއަށް އޮތް ދައުރުގައި ކަންތައްތައް ކުރާނީ ކުޅިވަރުގެ އެންމެންގެ ބައިވެރިވުމާ އެކުގައި ކަމަށް ދާދި ފަހުން އެ ކޮމިޓީގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

މިިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ޗަމްޕީ ކާމިޔާބު ކުރެއްވީ 18 މެމްބަރު އެސޯސިއޭޝަނުގެ ތެރެއިން 11 ވޯޓު ހޯދައިގެންނެވެ. ޗަމްޕީއާ ވާދަކުރެއްވި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އަށް ލިބުނީ ހަތް ވޯޓެވެ. އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެފްއޭއެމްގެ ސީނިއާ ނައިބު ރައީސް އަލީ އުމަަރު (އައްޔަ) ވަނީ އިންތިހާބުގެ އެއް ދުވަސް ކުރިން ނަން ނަންގަވައިފަ އެވެ.

ސައްތާރު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގައި އޭނާ ބޭނުންވަނީ ހުރިހާ އެސޯސިއޭޝަނަކާ ވަރަށް ގާތުން އެކުވެރި މާހައުލެއްގައި މަސައްކަތް ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ކުޅިވަރުތައް ތަފާތު ނުކޮށް ހަމަހަމަ ފުރުސަތުތައް ހޯދައިދޭނެ ކަމަށެވެ. އަދި ސިޔާސީ ކަންކަން ކުޅިވަރު ތެރެއަށް ނުވެއްދުމަށް ސައްތާރު އިލްތިމާސްކުރެއްވި އެވެ.

"ކުޅިވަރު ތެރެއަށް ސިޔާސީ ކަންތައް ނުވެއްދުން މިއީ މުހިއްމު ކަމެއް. ސިޔާސީ މީގެ ތެރެއަށް ވެއްދީމަ ކުޅިވަރު ހަލާކުވެގެންދާނެ. ކުޅިވަރަށް ލޯބިކުރާ ބައެއް މިތިބީ. ކުޅިވަރު ކުރިއަރުވަން ވިސްނައިފިއްޔާ އެކަމެއް ނާންނާނެ. ފިކުރުތައް ހުރެދާނެ އިނގޭތޯ. ވެން ޔޫ ކަމް ޓު ސްޕޯޓްސް އެ ހިސާބުން އެ ބައި (ސިޔާސީ ބައި) ދުއްވާލަން ޖެހޭނެ. އެ ކުޅިވަރެއް ކުރިއެރުވުމުގެ ކަންތަކަށް ވިސްނަންޖެހޭނީ. އަޅުގަނޑުމެންގެ ފިކުރަކަށް ވާން ޖެހޭނީ ސްޕޯޓްސް ކުރިއެރުވުން،" ސައްތާރު ވިދާޅުވި އެވެ.

އެންމެ ފަހުން ދެ ދައުރުގައި އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވި މުހައްމަދު ޝަވީދު މި ފަހަރުގެ އިންތިހާބުގައި ވާދަނުކުރައްވަ އެވެ. މީގެ ކުރިން ޝަވީދުގެ އިތުރުން އޮލިމްޕިކް ކޮމިޓީގެ ރައީސްކަން ކުރެއްވީ ކުޅިވަރުގެ ގިނަ އެސޯސިއޭޝަންތަކެއްގައި މަސައްކަތްކުރެއްވި އިބްރާހިމް އިސްމާއިލް އެވެ.

އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްގެ އިންތިހާބު ކާމިޔާބުކުރެއްވީ ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް އާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އެވެ.

ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ތިން ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ސައްތާރު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ބައިވެރިވުން އޮވެގެން ކުޅިވަރު ހިންގުމުގައި ގެންނަން ޖެހޭ ބަދަލުތައް ގެންނަން ހުރި ފުށުއެރުންތައް ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

"އޮލިމްޕިކް ޗާޓަރަށް ކުޅިވަރު ގާނޫނާއި ރާއްޖޭގައި މި ހުރި އެހެން ގާނޫނުތަކާއި އެ ހުރިހާ އެއްޗެއް އެއްގޮތްކޮށް އެ ގޮތަށް ވޯކް ކުރުން ވެސް މުހިއްމު. ހާއްސަކޮށް އަޅުގަނޑުމެންގެ އައިއޯސީގެ ޗާޓަރާއި އޮލިމްޕިކް ކޮމިޓީގެ ސްޓެޓިއުޓްސް (އަސާސީ ގަވާއިދު)އާ މި އެއްޗެހިތައް އެއްގޮތް ކުރުން ވަރަށް މުހިއްމު. އެއީ މިހާރު ވެސް އެބަހުރި ސްޓެޓިއުޓްސްއަށް ލާން އައިއޯސީން އެދިފައި ހުރި އެއްޗެހި އެ އަށް ވޯކް (މަސައްކަތް) ކުރުން އެއީ އަޅުގަނޑުކުރާނެ ކަމެއް،" ސައްތާރު ވިދާޅުވި އެވެ.

ކޮންމެ ކުޅިވަރެއްގެ ވެސް މައި ބޮޑީ (ދުނިޔޭގެ ފެޑެރޭޝަން)އާ ގުޅިގެން ބަދަލު ގެންނަން ޖެހެނީ ކޮންކޮން ކަންތައްތަކެއްތޯ ބަލައި އެކަމަށް ވެސް އެހީތެރިވުމުގެ ވިސްނުން އެބަހުރި -- ސައްތާރު

ގެންނަން ޖެހޭ ބައެއް ބަދަލުތަކަށް އިޝާރާތް ކުރައްވާ ސައްތާރު ވިދާޅުވީ ރަނގަޅުކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިންގާ ކޮމިޓީތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށެވެ.

އޮލިމްޕިކް ކޮމިޓީގައި ހުންނައިރު ވަކި ކުޅިވަރެއް ހާއްސަ ނުވާނެ: ސައްތާރު

ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ނަމަވެސް އޮލިމްޕިކް ކޮމިޓީގެ ރައީސްގެ ހައިސިއްޔަތުން ދެން ސައްތާރަށް އޮތް ޒިންމާ އަކީ ކުޅިވަރުގެ ބަލަދުވެރިއެއްގެ ހައިސިއްޔަތުން ކުރަން ޖެހޭ މަސައްކަތްތަކެވެ.

ސައްތާރު ވިދާޅުވީ ޑިވެލޮޕްމަންޓާއި މެޑަލް ހޯދުމުގެ ދުރުރާސްތާ ޕްލޭން ހެދުމުގެ ކަންތައްތައް އެސޯސިއޭޝަންތަކާ ގުޅިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

"(އޮލިމްޕިކް ކޮމިޓީގެ ރައީސްގެ) މި ހެޓް (ތޮފި) އަޅައިގެން އަޅުގަނޑު އެމްއޯސީގައި އިންނައިރު ޖެހޭނެ ހުރިހާ ކުޅިވަރެއް ކުރިއަރުވަން ހުރިހާ މަސައްކަތެއް ކުރަން. އެއްގޮތަކަށް ވެސް ވިސްނައިގެން ނުވާނެ ސްވިމިން އަށޭ ދެން ހުރިހާ ކަމެއްވާނީ. އެހެނެއް ނުވެސް ކުރެވޭނެ އެކަމެއް. ރާއްޖޭގެ ކުޅިވަރު މިހާރު ހުރި ހަރުފަތުން އެހެން ހަރުފަތަކަށް ގެންދަން ބޭނުމީ،" ސައްތާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަސައްކަތްކުރާނީ ސަރުކާރާއި ކުޅިވަރާ ބެހޭ ވުޒާރާ އާއި ކުޅިވަރު ކައުންސިލާއި އަދި ކޮމިޝަނާ އޮފް ސްޕޯޓްސްއާ ވަރަށް ގާތްގުޅުމެއް ބާއްވައި ކުޅިވަރުގެ ސިޔާސަތުތައް ތަންފީޒުކުރަން އިސްކަންދީގެން ކަމަށެވެ.

ރާއްޖޭގެ ކުޅިވަރު މިހާރު އޮތް ހިސާބުން ދެން ކުރިއަށްދާނަމަ ވަރަށް ވިސްނުންތެރިކަމާ އެކު ލިބެން ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުން ކޮށްގެން ވިޔަސް މެޑަލާ ހަމައަށް ދެވޭނެ ދުރުރާސްތާ ޕްލޭންތަކެއް ކޮންމެ އެސޯސިއޭޝަނަކުން ވެސް ހެދުން މުހިއްމު ކަމަށައި އޮލިމްޕިކް ކޮމިޓީން ވެސް އެކަން ކުރާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ.

މި ސަރުކާރުން ކުޅިވަރަށް ވަރަށް ގިނަ އިންފްރާސްޓްރަކްޗާ (ވަސީލަތްތަކެއް) ތަކެއް އެބަ ހަދައިދޭ ކަމަށް ސައްތާރު ވިދާޅުވި އެވެ.

"އޭގެއިން އަޅުގަނޑުމެންނަށް ކުރިއެރުމެއް ނުދެއްކޭ ކަމަށް ވެއްޖިއްޔާ (ދެން އެ ފަދަ ކަމެއް ކޮށްދިނުމުގައި) ފަހަތަށް ވެސް ޖެހޭނެ. އެއީ ކޮށްދޭ ކަންކަމުގެ ނަތީޖާއެއް ފެންނަން ޖެހޭނެ،" ސައްތާރު ވިދާޅުވި އެވެ.

އެސޯސިއޭޝަންތަކާއި އޮލިމްޕިކް ކޮމިޓީ އަށް އޮތް ޒިންމާ އަކީ ވަސީލަތްތަކުގެ ބޭނުންވީ އެންމެ ރަނގަޅަށް ބޭނުންހިފައި ރާއްޖެ އަށް ކުޅިވަރުން ލިބެންޖެހޭ ކުރިއެރުން ހޯދުން ކަމަށް ސައްތާރު ގަބޫލުކުރައްވަ އެވެ.

"މިސާލަކަށް އަޅުގަނޑުމެންނަށް ސްވިމިންގައި ކުރިއެރުން ލިބުނީ ބޭރަށް ފޮނުވައިގެން ސީދާ އެކަމުގެ ތަނަކަށް ފޮނުވައިގެން އެކަމުގެ ތަޖުރިބާކާރު ކޯޗުންނާ އެކު މަސައްކަތް ކޮށްގެން،" ސައްތާރު ވިދާޅުވި އެވެ.

"ރާއްޖޭގައި ވެސް އެކަންތައް ކުރެވިދާނެތޯ އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗާގައި ފެންވަރުގެ ކޯޗުންނާއި މީހުން ތަމްރީން ކުރެވިދާނެތޯ ނޫނީ ބޭރުން މީހުން ގެންނާނީތޯ މިއީ ބަލަން ޖެހޭ އެއްޗަކީ. ދެން ބަލަން ޖެހެނީ އަރަމުން އަންނަ ކުޅުންތެރިންނަށް. މި ހުރިހާ އެއްޗެއް ސްޓެޕް ބައި ސްޓެޕް ބަލަން ޖެހޭ މިކަން ކުރާއިރު،"

ސައްތާރު ވިދާޅުވީ ކަންތައްތައް ކުރެވޭނެ ގޮތްތައް މިހާތަނަށް އައިއިރުވެސް ފެނިފައިވާ ކަމަށާއި ކުޅިވަރުގެ ކުރިމަގަށް ކުރެވޭނެ ކަންތައްތައް އަދިވެސް ބައިވަރު އެބަހުރި ކަމަށެވެ.

ޑިވެލޮޕްމަންޓްގެ ތެރެއިން ރަނގަޅު މަސައްކަތްތަކެއް ކޮށް މެޑަލް ހޯދާފައިވާ ކުޅިވަރުތަކާއި މެޑަލް ހޯދަން މަސައްކަތް ކުރަމުން އަންނަ ކުޅިވަރުތައް އެއްވަރުކުރެވި އަދި އިތުރު ކުރިއެރުން ހޯދުމަށް ޕްލޭންތަކެއް ކޮށްގެން ކުރިއަށް ދިއުން އެއީ އޮލިމްޕިކް ކޮމިޓީން ވަރަށް ބޮޑު އިސްކަމެން ދީގެން ކުރާނެ ކަމެއް ކަމަށް ސަންތާރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox