ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ނުވަތަ އެސްއެމްއީތަކުގެ ލޯނުތައް ފަސްކޮށްދީފައިވާ މުއްދަތު އިތުރު ކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އޭޕްރީލް މަހު ނިންމާފައިވަނިކޮށް، ހަމަ އެކަމަށް ހުށަހެޅި ގަރާރަކަށް ގިނަ މެމްބަރުން ތާއީދުއޮތްކަން މިއަދު ހާމަކޮށްފި އެވެ.
ކޮވިޑް-19އާ ގުޅިގެން މޮރަޓޯރިއަމްގެ ތެރެއިން ލޯނުތައް އަނބުރާ ދެއްކުން ފުރަތަމަ ފަސްކުރެވިގެން ދިޔައީ ހަ މަހަށް ނަމަވެސް ފަހުން މި މުއްދަތު އިތުރުކުރެވުނެވެ. ބީއެމްއެލް އިން މި މުއްދަތު އިތުރު ހަ މަހަށް އިތުރުކޮށް ދިނެވެ. އެސްޑީއެފްސީން އެ މުއްދަތު އިތުރު ކުރީ ހަތަރު މަހަށެވެ. މިހާރު މޮރަޓޯރިއަމްގެ މުއްދަތުތައް ހުރީ ހަމަވެފަ އެވެ.
މޮރަޓޯރިއަމްގެ މުއްދަތު ހަމަވުމާ ގުޅިގެން ބަލަމުންދާ މައްސަލައެއްގައި ތައްޔާރު ކުރި ރިޕޯޓުގައި ބުނީ މޮރަޓޯރިއަމްގެ މުއްދަތު އިތުރުކޮށްފި ނަމަ ބޭންކުތަކާއި ދައުލަތުގެ އާމްދަނީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
ދައުލަތުގެ އާމްދަނީ ހީނަރުވެފައިވާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ރަނގަޅު ނުވާނެ ކަމަށް ރިޕޯޓުގައި ފާހަގަ ކުރި އެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން ބޭންކުތަކުން އެސްއެމްއީތަކަށް ދޫކޮށްފައިވާ ލޯނުތަކުގެ މުއްދަތު ފަސްކޮށް ދިނެވެ. މިކަމުގެ ސަބަބުން މިދިޔަ އަހަރު ބޭންކުތަކުގެ ފައިދާ ދަށަށް ދިޔަ އެވެ. އެކަމަކު މިދިޔަ އަހަރު ބޭންކުތަކުގެ އާމްދަނީން ޓެކްސް ނަގަން ފެށުމާ ގުޅިގެން، 2019 ވަނަ އަހަރާ އަޅާ ބަލާ އިރު، ބޭންކުތަކުން ދައުލަތަށް ލިބުނު އާމްދަނީ އިތުރުވި އެވެ.

އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައި ބުނީ، އިތުރު އަހަރަކަށް މޮރަޓޯރިއަމްގެ މުއްދަތު އިތުރުކޮށްފި ނަމަ ޕާފޯމް ނުކުރާ ލޯނުތައް އިތުރުވެ، ބޭންކުތަކުގެ ލިކުއިޑިޓީއަށް އަސަރު ކުރާނެ ކަަމަށެވެ.
ވަކިން ހާއްސަކޮށް އެސްޑީއެފްސީއަށް އަލިއަޅުވާލާ އެ ރިޕޯޓުގައިވާ ގޮތުގައި، އެ ބޭންކުން ދޫކޮށްފައިވާ ލޯނުތައް ދެއްކުން އިތުރަށް ފަސްކޮށްފި ނަމަ ބޭންކުގެ އާމްދަނީ ހީނަރުވެ، އޮޕަރޭޝަނަށް އަސަރު ކުރާނެ އެވެ.
އަދި މީގެ ސަބަބުން ޖެނެރަލް ޕްރޮވިޝަން 25 ޕަސަންޓު އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ. ޖެނެރަލް ޕްރޮވިޝަންއަކީ މުސްތަގުބަލުގައި ލިބޭ ގެއްލުންތައް ފޫބައްދަން ބަހައްޓާ ފައިސާ އެވެ. މި އަދަދު އިތުރުވުމުން ބޭންކުގެ ކޭޝްފްލޯ ދަަށަށް ގޮސް ގެއްލުން ވާނެކަމަށް ބުނެފައިވެ އެވެ.
އެސްޑީއެފްސީން ލަފާކުރާ ގޮތުގައި، މޮރަޓޯރިއަމްގެ މުއްދަތު އިތުރުކޮށްފި ނަމަ ގެއްލުން 21 މިލިއަނަށް އިތުރު ވާނެ އެވެ. އަދި ނެޓް ކޭޝް ފްލޯ 38 މިލިއަނަށް ދަށަށް ދާނެ އެވެ. އެސްޑީއެފްސީއަކީ ސައްތައިން ސައްތަ ދައުލަތް ހިއްސާވާ ކުންފުންޏެކެވެ. މި ބޭންކުގެ ހިއްސާދާރުންގެ ތެރޭގައި ސިޓީ ކައުންސިލްތައް ވެސް ހިމެނެ އެވެ.
އަދި މިކަމުގެ ސަބަބުން ބޭންކުގެ އާމްދަނީ ދަށަށް ގޮސް، އިތުރު ލޯނުތައް ދޫކުރަން އުނދަގޫ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެސްއޯއީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުގައި، އެސްއެމްއީތަކަށް މޮރަޓޯރިއަމް މުއްދަތު އިތުރުކުރުމުން އިތުރު ވަނީ ވިޔަފާރިތަކުގެ ދަރަންޏެވެ. އެގޮތުން ލޯނު ދޫކޮށްފައިވާ ވިޔަފާރިތަކަށް އިތުރު ލޯނު ދޫކުރަން ނުފެންނަ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
އެސްއެމްއީތަކުގެ ދަރަނި އިތުރުވުމުގެ ސަބަބުން ދިގު މުއްދަތުގެ ވިޔަފާރިއަށް އަސަރުކޮށް، ދުރު ރާސްތާގައި ވިޔަފާރިތަކަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ބޭއްވި މިއަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާގައި އެ ރިޕޯޓު ފާސްކޮށްފައިވަނީ 70 މެމްބަރުންގެ ވޯޓާއެކު އެވެ.
ނަމަވެސް، އޭގެ ގާތްގަނޑަކަށް ދެ މަސް ދުވަސް ފަހުން، ކޮވިޑް-19 ގެ ބަލިމަޑުކަމުން އިގުތިސޯދަށް ކުރަމުންދާ ނޭދެވޭ އަސަރުގެ ސަބަބުން، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން ލޯނު ނަގާފައިވާ ފަރާތްތަކަށް މޮރިޓޯރިއަމް ދިނުން އެދި ގޮވާލައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފަ އެވެ.
އެ ގަރާރުގެ ބަހުސް މިހާރު މަޖިލީހުގައި ކުރިއަށްދާއިރު، އެ ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މިއީ މިވަގުތު ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް ވިދާޅުވެފަ އެވެ.
މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ކޮވިޑުގެ ހަަތަރު ވަނަ ރާޅާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން ކުދި ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތައް ފޫބެއްދުމަށް ބީއެމްއެލް މެދުވެރިކޮށް ކޮވިޑް ރިލީފް ލޯން ދޫކުރަން ސަރުކާރުން ނިންމާފައިވަނިކޮށެވެ.













