ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(ބުރާސްފަތި ދުވަހުގެ ބަޔާ ގުޅޭ)

ފިކުރު ބޮޑުވެ ހާސްވިވަރުން، ނަޖާހުގެ މަންމަ އަވަސް އަވަހަށް ނަޖާހުގެ ފޯނަށް ގުޅިއެވެ. ފުރަތަމަ ވެސް ބުނީ، ފޯނު ނިވާލައިފައި އޮތް ވާހަކައެވެ. ފޯނު ނިވާލީއެވެ. ނޫނީ ނިވުނީއެވެ. އެހެންނަމަވެސް ފޯނުން އައި މެސެޖަށް އިތުބާރުނުކޮށް، ތިން ހަތަރު ފަހަރު އޭނާ ގުޅިއެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. އޭނާގެ މޫނުމައްޗަށް ވެރިވަމުން ދިޔަ ކަންބޮޑުވުމުގެ އަސަރު ހިނދެއް ހިނދަކަށް އައީ އިތުރުވަމުންނެވެ. އޭނާއަށް އަނެއްކާ ވެސް ބަލައިލެވުނީ ގަޑިއަށެވެ. ދެ ގަޑި ބައިވަނީއެވެ. މިހައި ލަސްވާންދެން ނަޖާހު ބޭރަކު ނޫޅޭނެއެވެ. އޭނާއަކީ ލަޓޯފަޓޯ މީހުން އުޅޭހެން އުޅޭ ކުއްޖެއް ނޫނެވެ. ކުރީން އޭނާގެ ކިބައިގައި ހުރި، ނަމާދަށް ފަރުވާކުޑަކުރުމުގެ އާދަ ވެސް، ﷲގެ ރަޙުމަތާއެކު މިހާރު ވަނީ ބަދަލުވެފައެވެ.

ހަދާނެ ގޮތަކާމެދު ފިކުރުކުރާން އިނދެފައި، އޭނާ ގުޅީ ކަމާލަށެވެ. ކަމާލުގާތުގައި އެހުމުން، ވީ ގޮތެއް ސާފުވެދާނެއެވެ. އޭނާ މަސައްކަތްކުރީ ޝައިތާނާ ހިތަށް ވައްދަމުން ގެންދާ ވަސްވާސްތައް ހިތުން ބޭރުކުރެވޭތޯއެވެ. އެ ވާނީ އޮލިމްޕަސް ސާފުކުރުން ކަހަލަ ކަމެއް، މި ރޭ ފަށައިގެން އުޅެނީކަމަށެވެ. އިރާދަކުރެއްވިއްޔާ ކަމާލަށް ގުޅުމުން، މި ނުތަނަވަސްކަން ފިލާނެއެވެ.

ދެތިން ހަތަރު ރިންގާއެކު ކަމާލު ފޯނު ނަގައިފިއެވެ. ހަލޯއޭ ބުނިއިރު، އެ އަޑުގައި ހުރީ ނިދީގެ ބަރުހެލިކަމެވެ.

"ކަމާލުތަ؟" އަވަސްއަވަހަށް ނަޖާހުގެ މަންމަ އެހިއެވެ.

"އާނ! ނަޖާހު މަންމަ ދޯ؟ ކިހިނެއްވީ އަނެއްކާ؟" ކަމާލު ގަޑިއަށް ބަލައިލިއިރު، ދެ ގަޑި ބައިވެއްޖެއެވެ. އޭނާގެ ނިދިފިލިއެވެ. މި ކަހަލަ ވަގުތެއްގައި ކޮންމެވެސް ބޮޑުކަމެއް ދިމާވެގެން ނޫނީ ނުގުޅާނެއެވެ.

"ކޮން ތާކު ތި އުޅެނީ؟"

"ގޭގަ. ކިހިނެއްވީ އަނެއްކާ؟"

"ކޮބާ ނަޖާހު؟ އޭނަ އަދިވެސް ގެއަކަށް ނާދޭ!"

"ނޭނގެ ދައްތާ! އަހަރެން ތަންކޮޅެއް ކުރިން މި ރޭ ގެއަށް އަތުވެއްޖައިން. އޭރު އިން ކައުންޓަރު ދޮށުގަ."

"އެ ތާނގައި މި ރޭ އެއްވެސް ކަމެއް އޮންނާނެބާ؟" ނަޖާހުގެ މަންމަގެ ހިތުގެ ނުތަނަވަސްކަން އިތުރުވަމުން، މޭގެ ތެޅުން ހަލުއިވަމުން އާދެއެވެ.

"އިތުރު އެއްވެސް ކަމެއް މި ރެއަކު ނޯންނާނެ!"

"އެކަމަކު..... ފޯނު ވެސް ނިވާލާފަ އޮތީ. ދައްތަ އެބަ ވަރަށް ބިރުގަނޭ!"

"ކިހިނެއްވީބާ އަނެއްކާ؟" ކަމާލު އެނދުން ފޭބިއެވެ.

"އަޅެ ބަލައިލަދީބަލަ އެ ކުއްޖާއަށް ވީ ގޮތެއް! އޭނަ ނާންނަނީހެއް ދައްތައަކަށް ދެން ނުނިދޭނެ! ނަޖާހުގެ މަންމަގެ އަޑު ތުރުތުރުއަޅަން ފެށިއެވެ.

"ކަންބޮޑުނުވޭ ދައްތާ! ދެރަގޮތެއް ނުވާނެ! އަހަރެން މިހާރު މި ދަނީ އެ ދިމާއަށް ދާން. ގޮއްސަ ދައްތައަށް ގުޅާނަން!"

ފަތިސްނަމާދުކޮށްލައިގެން ޝިމާނާ އަނެއްކާ ވެސް ޖައްސައިލީ ނިދާލެވޭތޯއެވެ. މި ރޭ ވެސް އޭނާއަށް ރަނގަޅަކަށް ނުނިދުނެވެ. އެހެންކަމުން އެނދުމަތީގައި ދިގުދެމިލަމުން ލޯ މާރައިލިއެވެ.

ޝިމާނާއަށް ހޭލެވުނީ، ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު ގަޑިން އަށެއް ޖަހަނީއެވެ. ގުޅަނީ ފަރީހާއެވެ.

"ތިން ހަތަރު ދުވަސްވެގެން ދިޔައިރު ޚަބަރެއް ވެސް ނުވޭ! އަދި މީހަކާ އިނީމަ ކިހާ ވަރެއްވާނެބާ!" ޝިމާނާ ފޯނު ނެގުމާއެކު، ފަރީހާ ފެށީ ދިމާކުރާށެވެ. ދިރިއުޅުމަށް ކުއްލިއަކަށް އައި ގުޖަޑުގަނޑަށް ފަހު، އޭނާ، އޭނާގެ އެއްވެސް ރައްޓެއްސަކަށް ނުގުޅައެވެ.

"ކިހިނެެއް ފަރީ؟" ޝިމާނާގެ އަޑުގައި ހުރީ ކުރަކިކަމެވެ. ފަރީހާގެ އެ ސަމާސާގައި ބައިވެރިވާނެ ހިތްވަރެއް އޭނާގެ ކިބަޔަކު ނެތެވެ.

"ތި ސުވާލު ކުރަންވީ މި ކޮޅުން ކަންނޭނގެ! ތިހިރަ އަޑެއް ހުރިގޮތް ބަލާބަލަ!"

"ދެންމެ މި ހޭލެވުނީ." ޝިމާނާ ތެދުވިއެވެ.

"އޮފީހަށް ވެސް ނުދަންތަ؟ ކައިވެނީގެ ޑޭޓާއެކު އޮފީހުން ވެސް ކެނޑުނީ؟"

"ފަރީ!" ޝިމާނާގެ ހިތުގެ ރިހުން ގަދަވާގޮތްވެއްޖެއެވެ. "ކައިވެނީގެ ވާހަކަ ނުދައްކާ! ހުރިހާކަމެއް އެފުށް މިފުށަށް ޖެހި ނިމިއްޖެ." ޝިމާނާގެ އަޑު ތުރުތުރުއަޅައިގަތެވެ.

"ކިހިނެއްވީ އަނެއްކާ؟" ފަރީހާގެ ސަމާސާއަޑުގައި، ސީރިޔަސްކަން އުފެދުނެވެ.

ޝިމާނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ތެދުވެ ހަމަޖެހިލެވޭތޯ މަސައްކަތް ކުރަމުން، ކަންދިމާވި ހިތްދަތިގޮތް، ކުރުގޮތަކަށް ފަރީހާއަށް ކިޔައިދިނެވެ. އެ ވާހަކަ ކިޔައިދީ ނިމުނުއިރު، ޝިމާނާއަށް އިނީ ރޮވިފައެވެ.

"ހާދަ ދެރަ ގޮތެކޭ ތި ދިމާވީ؟ އެކަމަކު ތި ކަމުގައި ނަޖާހުގެ ކުށެއް ވެސް ނެތް."

"ގަބޫލުކުރަން."

"އޭގެ ފަހުން ފައިރޫޒުގެ އެއްވެސް ޚަބަރެއް ނުވޭ؟"

"ވަރަށް ގިނަ ފަހަރު ގުޅައިގެން އެއް ފަހަރު ނެގި."

"ކީކޭ ބުނީ؟"

"ނެގި ގޮތަށް ބުނީ ނަޖާހު އުޅޭތަނެއް ބުނާށޯ! ނަޖާހާ ވާހަކަ ދައްކައި، ތިކަން ހިނގާފަ އޮތް ގޮތެއް ބެލުމަށްފަހު ނޫނީ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫނޯ. އަހަރެން ރޮއިފަ އާދޭސް ކުރިން." ޝިމާނާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.

"ތިކަން ހިނގައިދިޔަ ގޮތް، ފައިރޫޒަށް ރަނގަޅަށް ކިޔައިދޭންވީނު."

"ދެން ކިޔައިދިނީމަ އޭނަ ބަލާނީ އަހަރެން ދޮގުހެދީކަމަށް."

"ހަތަރު ފަރާތުން ބެދުނީ ދޯ؟" ފައިރީހާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. "ދެން ކިހިނެއް ހަދާނީ؟"

"ފަރީ މަށަށް ކަމެއް ކޮށްދޭވީނު!"

"ކޮންކަމެއް؟"

"ނަޖާހަށް ގުޅައިލަދޭންވީނު!"

"ކީއްކުރަން؟" ފަރީހާއަކަށް ނުވިސްނުނެވެ.

"ފައިރޫޒު އެ ކަހަލަ ވާހަކައެއް އަހައިފިއްޔާ، އެއީ ޝިމާނާއާ ކޮށްލި ސަމާސާއެކޭ ބުނާށޭ ބުނެދީބަލަ! ނަޖާހުގެ އެހީތެރިކަން ނުލިބި، މި ކަމުން އަހަރެން ސަލާމަތެއް ނުވާނެ!"

"މަށަށް ހީވަނީ ތިކަން ކުރަންވީ ޝިމާނާހެން. ޝިމާނާ ބުނެފިއްޔާ އޭނަ މާ ފަސޭހައިން އެއްބަސްވާނެހެން ހީވަނީ.

"އޭރުން އަނެއްކާ މަގޭ ނަންބަރޭ އޭނައަށް އެނގޭނީ.

"އެކަމަކު ވެސް ޝިމާނާ ގުޅާފަ، ރޮއިލާފަ ބުނީމަ އޭނާއަކަށް ނުކެރޭނެ ނޫނެކޭ ބުނާކަށް. ޓްރައި ކޮށްބަލަ!"

ޝިމާނާއަށް އެ ވާހަކަ ގަބޫލުކުރެވުނެވެ. އޭނާ އެ ކަމާ އެއްބަސްވީ، މި ވަގުތަށް އެހެން ގޮތެއް ނެތީމައެވެ. ކޮންމެ ގޮތެއް ވިޔަސް، މިއަދު އޭނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭނެ ހަމައެކަނި މީހަކީ ނަޖާހެވެ. ނަޖާހުގާތު އާދޭސްކޮށް ސަލާންޖައިހެން ވިޔަސް، އެކަން ވޭތޯ ބަލާން އެބަޖެހެއެވެ.

މެންދުރުކުރީގެ ވަގުތެވެ. އިރުގެ ހޫނު ދޯދިތައް މާލޭގެ މާހައުލުގައި އަލިފާން އާވި އުފައްދަމުން ގެންދެއެވެ. އޭގެ އުދާސްތަކުން ކޮޓަރި ހޫނުވަމުން ދިޔަ ނަމަވެސް، ނަޖާހުގެ މަންމަގެ ހިތުގައި އުފެދިފައި ވަނީ، މުޅިން އެހެން އުދާހެކެވެ. ދެ ލޮލުން އޮހެމުން ދަނީ، ދުނިޔޭގައި ހުރި ހަމައެކަނި ދަރިފުޅު، ވީނުވީއެއް ނޭނގި ގެއްލުމުން ހިތަށް ލިބެމުންދާ އަނިޔާގެ ވޭނީ ކަރުނައެވެ. އޭނާގެ ގާތުގައި ކަމާލު އިނދެ ބުނާ، ހިތްވަރުގެ ބަސްތަކުން، އެ މުސްކުޅި ހިތަށް ލިބޭ އެއްވެސް ފަރުވާއެއް ނެތެވެ.

"ދެން ނުރޮއި ދައްތާ! އިރާދަކުރެއްވިއްޔާ ނަޖާހު ފެންނާނެ. އޭނާ ސަލާމަތުން އައިސް ދައްތަގެ ގައިގައި ބައްދާލައި، ދައްތަގެ ހިތް އުފާކޮށްދޭނެ!"

"ތި ދުވަސް އަތުވެއްޖިއްޔާ ހާދަ ރަނގަޅޭ!" ކަރުނައިން ފޯވެފައިވާ ދެ ލޮލުން، ކަމާލުގެ މޫނަށް އޭނާ ބަލައިލިއެވެ.

"އިރާދަކުރެއްވިއްޔާ އަންނާނެ!" ނަޖާހަށް ވީނުވީއެއް ނޭނގުމުން ކަމާލުގެ ހިތަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ.

"އެކަމަކު އެ ކުއްޖާ ނެތް ދުނިޔެއެއްގައި، ކާކު ދައްތައަށް އަޅައިލާން ހުރީ؟" އެ ފަކީރަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.

"ކަމާލުގެ ފޮޓޯއެއް ދައްތަގެ އަތުގަ އެބަ އޮތްތަ؟" އެއްޗެއް ނުބުނެ އިރުކޮޅަކު އިނދެފައި ކަމާލު އަހައިލިއެވެ.

ކަމާލު ބޭނުންވަނީ ފުލުހުންނަށް ރިޕޯޓުކުރާށެވެ. ކޮންމެ ގޮތެއް ވިޔަސް، މިހާރު ނަޖާހު އެ ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ކަމާލަށް ކަށަވަރުވަނީ، ނަޖާހު އަމިއްލަ އަތުން ގޯހެއް ނުހަދާނެކަމެވެ. ޝިމާނާގެ ލޯބީގައިޖެހި ދީވާނާވެގެން އުޅުނެއްކަމަކު، މިހާރު އޭނާ ހުރީ ވަރަށް ބޮޑަށް ހަމަޖެހިފައެވެ. އެހެންކަމަށްވާ ނަމަ، އޭނާއަށް އެ ވީ ކީއް ބާވައެވެ؟ އޭނާގެ ދުޝްމަނަކު ހުންނަނީ ބާވައެވެ؟ އެ ކަހަލަ ވާހަކައެއް ދުވަހަކު ވެސް ބުނެފައެއް ނެތެވެ.

ކަމާލު އެ ކޮޓަރިން ނިކުތީ، ނަޖާހުގެ މަންމަގެ އަތުން ލިބުނު ނަޖާހުގެ ފޮޓޯ ހިފައިގެންނެވެ. ނިކުތްގޮތަށް އޭނާ މިސްރާބުޖެހީ، ފުލުސް އޮފީހާދިމާއަށެވެ.

މެންދުރުފަހުގެ ވަގުތެވެ. ފައިރޫޒު އޮތީ އޭނާގެ މަޑުފެހިކުލަ ލާފައިވާ ތަނަވަސް ކޮޓަރީގައެވެ. ފިނިހޫނުމިން، ދަރަޖަ 17 ގައި ހުރި ނަމަވެސް، އޭނާގެ އުދާސްވެފައިވާ ހިތަށް ފިނިކަން ފޯރުކޮށެއް ނުދެވެއެވެ. އެނދުގައި އަޅާފައި އޮތް ފުށްކަފަ ބާލީހެއް ފަދަ މަޑު ގޮދަޑިއަކަށް، އެޭނާގެ ވަރުބަލިވެފައިވާ ހަށިގަނޑަށް އަރާމެއް ހޯދައެއް ނުދެވެއެވެ. އޭނާގެ ފެންދަމާލައިފައި ހުރި މޫނުމަތީން ފެންނަނީ، މާޔޫސްކަމާއި މޮޅިވެރިކަމެވެ. ޝިމާނާއަކީ އޭނާގެ ފުރަތަމަ ލޯބިވެރިޔާއެވެ. އެހެންކަމުން ފުރާނަ ފަދައިން ޝިމާނާދެކެ އޭނާ ލޯބިވެއެވެ. ޝިމާނާއާ ނުގުޅައި، ވާހަކަ ނުދައްކައި، އެންމެ ދުވަހެއް ހޭދަކުރުމަކީ ވެސް ބޮޑު ވޭނެކެވެ. އެހެންނަމަވެސް އޭނާ އައީ ކެތްކުރަމުންނެވެ. ކުއްލިއަކަށް އައިސް މި ލައިގަތީ، ކުޑަކުޑަކަމެއް ނޫނެވެ. މަައްސަލައަކީ ނަޖާހު އުޅޭތަނެއް އަދިވެސް ނޭނގޭތީއެވެ. އެނގޭތޯ އެތައް މަސައްކަތެއް ކޮށްފިއެވެ. ފެނޭތޯ އެތައް ދިމާއެއް ބަލައިފިއެވެ.

ކޮޓަރީގައި ހުރި ޓީވީ، އޭގެ ވާޖިބު އަދާކުރެއެވެ. ބަލާނެ މީހަކު، އަހާނެ މީހަކު ނެތަސް، އެންމެ ސިކުންތަކަށް ވެސް މަޑުޖެހިނުލައެވެ. އަޅުވާފައި ހުރީ ޕީއެސްއެމްއެވެ. ފައިރޫޒުގެ ސަމާލުކަމުގެ ކަށި ޓީވީއާ ދިމާއަށް ހުއްޓުނީ، ކަންފަތުގައި ޖެހުނު ނަމަކުންނެވެ. "ނަޖާހު" މި ނަން އިވިފައެވެ. އޭނާއަށް ފުންމައިގެން ތެދުވެވުނެވެ. އޭރު 50 އިންޗީގެ ޓީވީގެ ސްކްރީން އޭނާއަށް ދައްކަނީ، އޭނާ ނުފެނިގެން އެ އުޅޭ ނަޖާހުގެ ފޮޓޯއެވެ. ފައިރޫޒު އިނީ ކަންފަތް ކޮޅަށް ޖަހައިގެންނެވެ. ޓީވީން އިވެމުންދާ އިއުލާނު އަޑުއެހުމަށެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

އާންމު ދިރިއުޅުމަށް އައުމަށް އޮކިއުޕޭޝަނަލް ތެރަޕީގެ މުހިންމު

އޮކިއުޕޭޝަނަލް ތެރަޕީއަކީ ބައްޔެއް ނުވަތަ އަނިޔާއެއްގެ ސަބަބުން އާންމު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް ހުރަސްއެޅޭ މީހުންނަށް، އެހެން މީހެއްގެ އެހީއާ ނުލައި މިނިވަންކަމާއެކު އުޅުމުގެ ހުނަރުތައް ދަސްކޮށްދޭ ފަރުވާއެކެވެ. މި ފަރުވާގެ ތެރެއިން ސްޓްރޯކް ޖެހިފައިވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން އަދި ކުޑަކުދިންނަށް ބޭނުންވާ ހާއްސަ ތަމްރީނުތައް ދީގެން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދެއެވެ.

ތައިލެންޑުގެ 16 އަހަރުގެ ލަވަކިޔުންތެރިޔާ އޭޖީޓީ ކާމިޔާބުކޮށްފި

އެމެރިކާސް ގޮޓް ޓެލެންޓްގެ 21 ވަނަ ސީޒަން ކާމިޔާބުކޮށް، ތައިލެންޑުގެ އުމުރުން 16 އަހަރުގެ ރޮކް ލަވަކިޔުންތެރިޔާ ނނީ ރޯޔަލް ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ. ފައިނަލްގައި ނުވަ ފަންނާނުންނާ ވާދަކޮށް އެއްވަނަ ހޯދުމުން އޭނާއަށް ވަނީ އިނާމެއްގެ ގޮތުގައި 1 މިލިއަން ޑޮލަރު ލިބިފައެވެ. މިއީ މި މުބާރާތުގެ ތާރީޚުގައި ތައިލެންޑުގެ ފަންނާނަކު މި ޝަރަފު ހޯދި

ތައިލެންޑުގެ ކުއްޖަކު އެމެރިކާޒް ގޮޓް ޓެލެންޓް ކާމިޔާބުކޮށްފި

އުމުރުން 16 އަހަރުގެ ތައިލެންޑްގެ ރޮކް ލަވަކިޔުންތެރިޔާ ނީނީ ރޯޔަލް، "އެމެރިކާސް ގޮޓް ޓެލެންޓް" މުބާރާތް ކާމިޔާބުކޮށް އެއް މިލިއަން ޑޮލަރުގެ އިނާމު ހޯދައިފިއެވެ. މިއީ މި ޝޯގެ ތާރީޚުގައި ތައިލެންޑްގެ ބައިވެރިއަކު މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ މި ކާމިޔާބީއަކީ މުޅި ގައުމަށް ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތައިލެންޑުން އަންނަނީ ފާހަގަކުރަމުންނެވެ.

ޓޮމް ކްރޫޒްގެ އެންމެ ތަފާތު ރޯލު ފެނިގެންދާ "ޑިގާ" ނެރެފި

ޓޮމް ކްރޫޒްގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ތަފާތު ރޯލު ފެނިގެންދާ ފިލްމު "ޑިގާ" ލަންޑަނުގައި ބޭއްވި ޝާހީ ރަސްމިއްޔާތެއްގައި ވަނީ ޕްރިމިއާކޮށްފައެވެ. މި ފިލްމުގައި ކްރޫޒް ފެންނަނީ ސިފައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ތަފާތު މިޒާޖެއްގެ ތެޔޮ މަހުޖަނެއްގެ ރޯލުން ކަމަށްވާއިރު، މިއީ ތިމާވެށީގެ ކާރިސާއަކުން ދުނިޔެ ސަލާމަތްކުރަން އޭނާ ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ.

އެވޯޑު ހޯދި ފޮތެއް ލިޔަން އޭއައި ބޭނުންކުރި ކަމުގެ ތުހުމަތު

ފަރަންސޭސިވިލާތުގެ އަދަބީ އެވޯޑެއް ހާސިލްކޮށްފައިވާ ލިޔުންތެރިޔާ ތޭލީސަން އޮރޭލިއަންގެ ފޮތެއް ލިޔުމުގައި އޭއައި ބޭނުންކުރި ކަމުގެ ތުހުމަތުތަކެއް ފެންމަތިވެ، އެ ގައުމުގެ އަދަބީ ދާއިރާގައި ބޮޑު ނުތަނަވަސްކަމެއް އުފެދިއްޖެއެވެ. "ބެލެންސް ޓޮން ކްލޯޑް" ގްރޫޕުން މި ތުހުމަތު ކުރި ނަމަވެސް، ލިޔުންތެރިޔާ ވަނީ އެކަން ދޮގުކޮށް އެއީ އަމިއްލަ އުފެއްދުމެއްކަން ސާބިތުކޮށްދޭނެ ކަމަށް ބުނެފައެވެ.

"ޗޫސިން ޓެކްސަސް" އިން މަރާޔާ ކެރީގެ ރެކޯޑު މުގުރާލައިފި

އެލާ ލެންގްލީގެ "ޗޫސިން ޓެކްސަސް" މިހާރު ވަނީ އެމެރިކާގެ ޗާޓުތަކުގެ އެއްވަނައިގައި 23 ހަފުތާ ހޭދަކޮށް، މަރާޔާ ކެރީގެ ރެކޯޑު މުގުރާލާފައެވެ. މި ލަވައަކީ އެމެރިކާގެ އިތުރުން ޔޫކޭގެ ޗާޓުތަކުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދައި، އެކަޑަމީ އޮފް ކަންޓްރީ މިއުޒިކް އެވޯޑްސްގެ ހަތް ދާއިރާއަކުން އެވޯޑު ހާސިލްކޮށްފައިވާ ލަވައެކެވެ.

ކޮޅަށް ހުރުމަކީ ހަކުރު ބަލިން ސަލާމަތްވުމަށް އޮތް މަގެއް

ކޮޅަށް ހުރުމަކީ ހަށިގަނޑުގެ އިންސިއުލިން ސެންސިޓިވިޓީ ރަނގަޅުކޮށްދީ، ޓައިޕް 2 ޑައިބެޓީސް ފަދަ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކަމެއްކަން އާ ދިރާސާއަކުން ވަނީ ހާމަވެފައެވެ. ގިނައިރު އިށީނދެގެން ތިބުމުގެ ބަދަލުގައި ކޮޅަށް ހުރުމުން، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކޮށްދޭ ހޯމޯންގެ މަސައްކަތް ހަރުދަނާވެ، ސިއްހީ ނުރައްކާތަކުން ސަލާމަތްވުމަށް މަގުފަހިވެއެވެ.

Newsletter

Get the latest news delivered straight to your inbox