ދިގުވާހަކަ: އޮލިމްޕަސް

ދިގުވާހަކަ: އޮލިމްޕަސް

(އާދީއްތަ ދުވަހުގެ ބަޔާ ގުޅޭ)

ފައިރޫޒު ދިޔުމާއެކު ޝިމާނާއަށް ރޮވިއްޖެއެވެ. ދެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހިގެންފިއެެވެ. އޭނާ އަވަސް އަވަހަށް ގެއާ ދިމާއަށް ހިނގައިގަތެވެ. މީހަކަށް އެ މަންޒަރު ފެނުމުގެ ކުރީން ސަލާމަތްވެވޭތޯއެވެ.

ޝިމާނާ އައިސް ގެއަށް ވަންއިރު، ސިޓިންރޫމުގައި އިޤުބާލާއި ބަދޫރާ ތިއްބެވެ. މަންމައާއި ބައްޕަ ފެނިފައި، ޝިމާާނާގެ ފިޔަވަޅަށް ހުއްޓުންއެރިއެވެ. އިޤުބާލަށް ފުރަތަމަ ވެސް ބަަލައިލެވުނީ ޝިމާނާގެ މޫނަށެވެ. މޫނުމަތީގައި ހުރި ކުލަވަރާއި ދެ ލޮލުގައި ހުރި ކަރުނައިގެ ތެތްކަން ފެނިފައި، އޭނާއަށް ފުންމައިގެން ތެދުވެވުނެވެ.

"ކިހިނެއްވީ ދަރިފުޅާ؟ ކޮބާ ފައިރޫޒް؟"

އިޤުބާލުގެ މި ސުވާލާއެކު ޝިމާނާގެ ބަޑި ފަޅައިގެން ހިނގައްޖެއެވެ. އޭނާއަށް ގޮސް މަންމަގެ ގައިގައި ބައްދައިގަނެވުނެވެ.

"ދަރިފުޅާ! ކިހިނެއްވީ؟"

މަންމަގެ އެ ސުވާލަށް ޝިމާނާއަކަށް ޖަވާބެއް ނުދެވުނެވެ. ހަމަ ރޮވެނީއެވެ.

"ކިހިނެއްވީ؟ ހުއްޓާލައިފައި ވީ ގޮތެއް ބުނެބަލަ!"

"ދަރިފުޅާ! ކިހިނެއްވީ އަނެއްކާ؟" އިޤުބާލުގެ މޭ ބާރަށް ތެޅެމުން ދެއެވެ.

"ފައި... ފައި... ހިނގައްޖެ!"

"ކޮންތާކަށް؟"

"އަހަރެން... ދެކެ... ރުޅި އައިސްގެން....." ގިސްލެވޭވަރުން ޝިމާނާއަށް ވާހަކަ ދެއްކޭވަރެއް ނުވެއެވެ.

"ކޮންކަމަކާ؟ ކޮންކަމަކާ ދަރިފުޅުދެކެ ރުޅި އައީ؟" އިޤުބާލަށް އަވަސްއަވަހަށް އަހައިލެވުނެވެ. މޭމަތީގައި އަތް އަޅައިލަމުންނެވެ.

"ނަޖާހު..... ނަޖާހު މިއަދު އައީ. އޭނަ އައިސް އުޅުނު ގޮތުން... ފައިރޫޒަށް ޝައްކުވީ. އޭނަ ބުނީ ނަޖާހުގާތުގައި އަހާނަމޯ! ހުރިހާކަމެއް... އޮޅުންފިލުވާނަމޯ. އަހަރެން ދޮގުހެދިކަން އެނގިއްޖެއްޔާ.... ކައިވެންޏެއް ނުކުރާނަމޭ ވެސް ބުނި!" ޝިމާނާއަށް އަނެއްކާ ވެސް ރޮވިއްޖެއެވެ.

"ކައިވެންޏެއް ނުކުރާނަމޭ؟" އިޤުބާލުގެ ހިތަށް ދޮން ދަަނގަޑެއް ގޯޅައިލި ކަހަލައެވެ.

"ކިހައި ދެރަ ގޮތެއް ތި ވީ!" ބަދޫރާގެ މޫނުމަތިން ވެސް، ހިތާމައިގެ ކުލަވަރު ފެނިގެން ދިޔައެވެ.

"ފައިރޫޒަށް އެނގޭނެތަ އެ ނަޖާހަކު އުޅޭތަނެއް؟" އިޤުބާލުގެ އަޑާއި ރާގުން، ނުރުހުމުގެ އަސަރު ފާޅުވިއެވެ.

"ނޭނގޭނެ! އެކަމަކު އޭނާ ބުނި ހޯދާނަމޭ! އަޅެ ދެން ކިހިނެއް ހަދާނީ ބައްޕާ؟"

ޝިމާނާގެ ސުވާލަށް، އިޤުބާލުގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އޭގެ ބަދަލުގައި ފެނުނީ، ގޭތެރޭގައި ދެކޮޅަށްދެކޮޅަށް ހިނގާންފެށި ތަނެވެ. ހާސްވެ ފިކުރުބޮޑުވެފައި ހުރެއެވެ. އިރުކޮޅަކުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އެ ރެއަށްފަހު ދެ ދުވަސް ފާއިތުވެ ދިޔައިރު، ފައިރޫޒުގެ ޚަބަރެއްވީ އެންމެ ފަހަރަކުއެވެ. އެއީ ވެސް ނަޖާހު އުޅޭތަނެއް އޮޅުންފިލުވާށެވެ. ޝިމާނާއަށް ރޮވޭވަރުން އެއްޗެއް ނުބުނެވުމުން ފައިރޫޒު ފޯނު ބޭއްވީއެވެ. އޭގެފަހުން ޝިމާނާ އެތައް ވަރަކަށް ގުޅައިފިއެވެ. އެތައް މެސެޖެއް ކޮށްފިއެވެ. ރޮއިރޮއި ދެ ލޮލުން ކަރުނަ ހުސްވަނީއެވެ. އޮފީހަކަށް ނުދެއެވެ. ކެއުމާ ދުރުވެއްޖެއެވެ. މި ހުރިހައި ކަމެއް ފެންނަނީ އިޤުބާލަށެވެ. ބަދޫރާއަށެވެ. އެ ދެމަފިރިންގެ ހިތަށް ލިބިފައިވަނީ ވަރަށް ފުން ހިތާމައެކެވެ. މި ކަން ހައްލުކުރެވޭނޭ ގޮތަކާމެދު، އިޤުބާލު ވިސްނަމުން ގެންދިޔައެވެ. ފައިރޫޒާ ގުޅާފައި ވާހަކަ ދައްކަން ވެސް ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެހެނަސް ކަމުގެ ބާވަތުން ފަސްޖެހެވެނީއެވެ. އެހެން ހައްލަކާމެދު ފިކުރުކުރެވެނީއެވެ.

އިރާކޮޅުގެ ވަގުތެވެ. މަންމަ ޑޮކްޓަރަށް ދައްކާން ގޮސްފައި، ނަޖާހު އައީ، މަންމަ ކާނޭ އެއްޗެހި ވެސް ގަނެގެންނެވެ. ޑޮކްޓަރު ދިން ބޭސް ކާންފެށިފަހުން، މަންމަ މިހާރު ވަރަށް ބޮޑުތަން ރަނގަޅެވެ. އެހެންކަމުން ނަޖާހުގެ ހިތަށް ވަނީ ވަރަށް ބޮޑު ހަމަޖެހުމެއް ލިބިފައެވެ. ޝިމާނާގެ ފިކުރުތަކުން ވެސް މިހާރު އަންނަނީ ސަލާމަތް ވެވެމުންނެވެ. މިހާރު އޮތީ އެންމެ މައްސަލައެކެވެ. ޝިމާނާގެ ވާހަކަ މަންމަ މާގިނައިން ދައްކާތީ، އެ މައްސަލައެވެ. ކޮންމެ ގޮތެއް ވިޔަސް، ދެން އޭނާ ޝިމާނާގެ ގާތަށް އާދޭސްކުރާކަށް ނުދާނެއެވެ. ކުރީ ދުވަހު އެކަން ކުރެވުނީތީ މިހާރު ދެރަވެއެވެ.

"މަންމަ ދެން ކައިގެން ބޭސް ކާ އިނގޭ! އަހަރެން މި ދަނީ އޮލިމްޕަހަށް."

"މި ރޭ ވެސް ވަރަށް ލަހުން ދޯ ދަރިފުޅަށް އާދެވޭނީ؟"

"އިރާދަކުރެއްވިއްޔާ ބާރަގަޑި ބައި އެހާކަންހާއިރު އަންނާނަން. ކަމެއް ބޭނުން ވެއްޖިއްޔާ ގުޅައިލާ! މަށަށް ފޯނު ނުނެގުނިއްޔާ ކަމާލަށް ގުޅައިލާ!" ކަމާލަކީ މިހާރު ނަޖާހުގެ މަންމަގެ ވެސް ރައްޓެއްސެކެވެ.

"ދަރިފުޅާ! ނަމާދުކޮށްގެން އެއްޗެއް ކައިގެން ދާތި! އިނގޭ!" މަންމަގެ ގައިގައި ފިރުމާލާފައި ނަޖާހު ހިނގައިގަތުމުން މަންމަ ބުންޏެވެ.

"އާނ!" ނަޖާހު ހިނިތުންވެލިއެވެ. ނަމާދުގެ ވާހަކަ ކަމާލު ދެއްކި ރެއިން ފެށިގެން، އެންމެ ނަމާދެއް ވެސް އޭނާ ވައްޓާނުލައެވެ. ސުންނަތް ނަމާދުތައް ވެސް ކުރެއެވެ. އޭގެ ފޮނި ނަތީޖާ މިހާރު ވެސް އޭނާއަށް ވަނީ ފެނިފައެވެ.

"ތިބުނާ ދަތުރެއް ނިންމާފަ ކިހާތާކު އެ މަންޖެ މާލެ އަންނަނީ؟" އާދައިގެ މަތީން މި ރޭ ވެސް މަންމަ އެ ފެށީ، ޝިމާނާގެ ވާހަކައެވެ. އެއީ މަންމަގެ ދުލުން ދައްކާ، ނަޖާހު އެންމެ ބޮލަށް އުނދަގޫވާ ވާހަކައެވެ.

"އަދި ނޭނގެ މަންމާ!" މަންމައަށް ދޮގުހަދައިގެން އުޅެވޭތީ ނަޖާހު ވަރަށް ކަންބޮޑުވެއެވެ. މިހާރު ނަޖާހު ބޭނުންވަނީ، މަންމައަށް ޙަޤީޤަތް ހާމަކޮށްދޭށެވެ.

"މަންމަ ފުރަންވާއިރަށް އާދެވޭވަރު ވާނެބާ؟" މާލެ އައިއްސުރެ، ޝިމާނާ ދެކެލާހިތުން މަންމަ އިންނަނީ ކެތްތެރިކަން ކުޑަވެފައެވެ.

ނަޖާހު ނިކުތީ މަންމަގެ އެ ސުވާލަށް އެއްވެސް އެއްޗެއް ނުބުނެއެވެ. އަޑުއިވޭކަމަށް ނުހެދީއެވެ. އޮލިމްޕަހަށް ދިޔަ މަގުމަތީގައި އޭނާ ވިސްނަމުން ދިޔައީ އެ ކަމާއެވެ. މަންމަގެ އެ ސުވާލުތަކަށް ނިމުމެއް ގެންނާށެވެ. އޭނާ އެންމެ ފަހުން ނިންމީ، މަންމަ ކިތަންމެ ދެރަވިޔަސް، މާދަމާ ހުރިހައި ވާހަކައެއް މަންމައަށް ކިޔައިދީ، އެ އަނދިރިގަނޑުން މަންމަ ނެރޭށެވެ.

އޮމްޕަހަށް މީހުން ވަންނަމުން ދިޔައިރު، އެ ހަލަބޮލި މާހައުލުގައި ޓިކެޓް ކަނޑަން ހުރީ ނަޖާހެވެ. ތަފާތު ވަސްވަހުން އެއްވަސްވެފައިވާ މާޙައުލުގައި ހުރި، ނަޖާހުގެ ތުންފަތްމަތީގައި ހުރީ ލުއިލުއި ހިނިތުންވުމެކެވެ.

ފިލްމު ފެށުމުން ސިނަމާގެ ދޮރުލައްޕާފައި، ނަޖާހު ދިޔައީ ކައުންޓަރާ ދިމާއަށެވެ.

"މިހާރު ނަޖާހުގެ މޫނުމަތީން އަނެއްކާ ވެސް ފިރިހެނެއްގެ ސިފަ ފެންނާން ފަށައިފި." ނަޖާހު ފެނުމުން ހިނިތުންެލަމުން ކަމާލު ބުންޏެވެ.

"ކީއްވެ ތިހެން ތިބުނީ؟" ނަޖާހު ވެސް ހިނިތުންވެލިއެވެ.

"ފިނޑިކަން ކެނޑުނީމަ." ކަމާލު ހނިގަނޑެއް ޖަހައިލިއެވެ.

"ނަމާދުކުރުމަކީ ކިހައި ވަރެއްގެ ނަފުސާނީ ހަމަޖެހުމެއް ލިބޭ ކަމެއްކަން މިހާރު އަހަންނަށް އެނގިއްޖެ! ދުޢާއަކީ ކިހައި ބޮޑު ފަރުވާއެއްކަން ވެސް އެނގިއްޖެ! ކަމާލު ދިން އަގުހުރި ނަސޭހަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާއޭ ބުނެވޭނީ."

"ޙަޤީޤަތުގައި ވެސް އެއަށްވުރެ ބޮޑު ފަރުވާއެއް ނޯންނާނެ! ދުނިޔެއާއި އާޚިރަތަށް ކޮށޭ ތަނަވަސް މަގެއް އެއީ. ދުވަހެއްގެ ކޮޅުން ވެސް ދެން ތިކަން ހުއްޓާނުލާތި! މަންމަ މިހާރު ކިހިނެއް؟ މިއަދު މަންމައާ ދިމައެއް ވެސް ނުވިއެއްނު!"

"މިހާރު ދެން ވަރަށް ރަނގަޅު! މި ރޭ ޓެސްޓުތައް ދައްކާފަ މި އައީ. ބޭސްދީފަ ބުނީ ހަފުތާއެއް ފަހުން އަދި ދައްކާލާށޯ!"

"ދެން ހުރިހައި ކަމެއް ވެސް ދާނީ ރަނގަޅަށް. ހިނގާ ދާން ސައިތަށްޓެއް ބޯލަން!"

ކަރުނައިގެ ދުނިޔެއެއްގައި ވަގުތުތައް ހޭދަކުރަމުން ގެންދާ ޝިމާނާ އޮތީ، އެއް އަތަށް ފޯނު ލައިގެން ކޮޓަރީގައެވެ. މި ވީ ދެ ދުވަހެއްގެ ތެރޭގައި، އޭނާގެ މޫނުމައްޗަށާއި ހަށިގަނޑަށް ވަނީ ވަރަށް ބޮޑެތި ބަދަލުތައް އައިސްފައެވެ. އެ މޫނުމަތީގައި ކުރިން ހުންނަ ތާޒާކަން މުޅީން ކެނޑި، ފެންދަމާލައިފައި އޮތް ބިލަމަގަކަށް ވެއްޖެއެވެ. ދެ ލޮލުގެ ވިދުން ކެނޑި، ދެ ތުންފަތް ކުރަކިވެ، ކަޅުވެއްޖެއެވެ.

"ދަރިފުޅާ ހިނގާ ކާންދާން!" ކޮޓަރީ ދޮރު ހުޅުވާލައިފައި ބަދޫރާ ބުންޏެވެ.

"މަންމާ! އަޅެ ފައިރޫޒް އަދިވެސް ފޯނެއް ނުނަގައޭ."

"ދެން އެކަމާ ނުވިސްނަބަލަ! މީހުން މަރު ވެސް ވެއެއްނު! އިރާދަކުރެއްވިއްޔާ އެއަަށްވުރެ ރަނގަޅު ގޮތެއް ދަރިފުޅަށް އޮތީކަމަށް ވާނީ."

ދެ މައިން މި ކަހަލަ ވާހަަކަތަކެއްގައި ތިއްބާ، އެ ތަނަށް އިޤުބާލު އަތުވެއްޖެއެވެ. މިހާރަކަށް އައިސް އިޤުބާލު ވެސް ހުންނަނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. އޭނާއަށް މިހާރު ކުރެވެނީ، އަތްމައްޗަށް ބޮޑު ޚަޒާނާއެއް އަރައި، އެއިން އެންމެ ޖަވާހިރެއްހައިހިސާބު ވެސް ނުނެގި އުޅެނިކޮށް، މީހަކު އައިސް އެ ޚަޒާނާ ޖަހައިގަނެގެން ގެންދިޔުމުން ކުރެވޭ ކަހަލަ، ވޭންދެނިވި އިހުސާސެކެވެ.

"ކީކޭ ތި ކިޔަނީ؟"

"ޝިމާނާ އެ ދައްކަނީ ފައިރޫޒުގެ ޚަބަރެއް ނުވާ ވާހަކަ."

"މިހާރު ނަޖާހާ ފައިރޫޒާ ބައްދަލުވީތަ؟"

"ނޭނގެ! ނަޖާހާ ދިމާވެއްޖިއްޔާ، ހުރިހައި ވާހަކައެއް ނަޖާހު ކިޔައިދޭނެ. އެހިސާބުން ދެން ނޭނގެ ވާނެ..."

ޝިމާނާ ރޯންފެށުމުން، ބަހަކުން ބަހެއް ވެސް ނުބުނެ، އިޤުބާލު ނިކުމެގެން ދިޔައީއެވެ.

މެންދަމުން އަލިވެ ދޭއްޖަހަނީއެވެ. ނަޖާހުގެ މަންމަ އޮތީ، ފޮނިފޮނި ނިންޖެއްގެ ތެރޭގައެވެ. ރަނގަަށް ނުނިދި ދުވަސްތަކެއް ވެފައިވީ ނަމަވެސް، މިހާރު އޭނާއަށް ނިދާލެވެއެވެ. ދޭތެރެއަކުން ހޭލެވުނަސް، ނިދި ހަމަކޮށްލެވެއެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ލުއިކަން ލިބޭން ފެށުމުންނެވެ.

އޭނާއަށް ހޭލެވުނީ ދޭއްޖެހިތަނާއެވެ. ލޯ ހުޅުވައިލެވުމާއެކު، ފުރަތަމަ ވެސް ބަލައިލެވުނީ ތިރިއަށެވެ. ދަރިފުޅު ނިދާފައި އޮތްތޯއެވެ. މަންމަ އައިފަހުން ނަޖާހު ނިދަނީ، ތަށިމުށިމަތީގައި ބެޑްޝީޓެއް އަޅައިގެންނެވެ. މަންމައަށް އެނދު ދީފައެވެ.

ނަޖާހު ނެތުމުން އޭނާ ތެދުވިއެވެ. ފާޚާނާ ހުރީ ނިވާލައިފައެވެ. ގަޑިއަށް ބަލައިލިއިރު، ދެގަޑި ދިހައެއް ހިނގައިފިއެެވެ. ނަޖާހު އަދިވެސް ނުނިމެނީ ބާވައެވެ؟ އެކަމަކު މިހާރު ހާދަ ލަސްވެއްޖެއެވެ. އޭނާ ފޯނު ނަގައި ބަަލައިލިއެވެ. ނަޖާހު ގުޅާފައި އޮތްތޯއެވެ. ކަމެއް ދިމާވެގެން ލަސްވަންޏާ، އޭނާ ގުޅާފައި މަންމަގާތުގައި ބުނާނެއެވެ. އެހެންނަމަވެސް މި ރޭ ގުޅާފައެއް ވެސް ނެތެވެ. އޭނާގެ މޫނުމަތިން ކަންބޮޑުވުމުގެ އަލާމާތްތައް ފެނުނެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox