ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ދިމާވި މައްސަލަތައް ހައްލުކޮށް، ބަލި މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް އެޗްއާރުސީއެމުން މިދިޔަ މަހުގެ 25 ގައި ޒިޔާރަތްކޮށް ގިނަ މައްސަލަތަކެއް ވަނީ ފެންމަތިކޮށްފަ އެވެ. ބަލި މީހުންނަށް ފަރުވާ ދިނުމުގައި ހުރި ގޯސްތަކުން ފެށިގެން ތަނުގެ ހާލަތާ މެދު ވެސް ކަންބޮޑުވުންފާޅުކޮށް ކަންކަން ހައްލުކުރަން އެންގި އެވެ.
އެކަންކަން ރަނގަޅުވޭތޯ ބެލުމަށް ހެލްތު މިނިސްޓްރީ އާއި އައިޖީއެމްއެޗާއި ހުޅުމާލެ ފެސިލިޓީގެ އިތުރުން އިސްލާމިކް މިނިސްޓްރީއާ އެކު އިއްޔެ ވަނީ އިތުރު ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމަށް ފަހު ކުރި ޓުވީޓެއްގައި އެޗްއާރުސީއެމުން ބުނީ ފެސިލިޓީގެ ހިދުމަތްތަކަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ.

ކޮމިޝަނުން ބުނިގޮތުގައި ހިދުމަތް ދޭން މުވައްޒަފުންގެ އަދަދު ވަނީ އިތުރުކޮށްފަ އެވެ. ބަލި މީހުން ފެސިލިޓީއަށް ގެންދިއުމުގެ ކުރިން ސިއްހީ ހިދުމަތް ދޭ އިތުރު މަރުކަޒުތަކުގައި ބަލިމީހުން ޓްރިއޭޖް ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސަމުން އަންނަ ކަމަށާއި މުވައްޒަފުން އިތުރުވުމުގެ ސަބަބުން ފެސިލިޓީގައި އެނދުމަތިކޮށް ފަރުވާދޭ ބަލި މީހުންގެ ކަންތައްތައް ގާތުން ބަލައި އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެޗްއާރްސީއެމުން މީގެ ކުރިން ބުނެފައި ވަނީ ބަލި މީހުންނަށް އެކަށީގެންވާ ފަރުވާ އާއި ކެއުން ފޯރުކޮށްދިނުމުގައި ވެސް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ. އެ މީހުންގެ ކަންކަން ބަލަހައްޓަމުން އަންނަ ސިއްހީ ހިދުމަތްތެރިންނަށް ދިމާާވާ ނަފްސާނީ އުނދަގޫތަކުގައި ވެސް އެކަށީގެންވާ ހައްލެއް ހޯދިފައި ނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީއަކީ ކޮވިޑުގެ ފަރުވާއަށް އެޑްމިޓްކުރަން ހާއްސަކުރި ތަނެކެވެ. ރާއްޖޭގައި ބަލީގެ ހާލަތު ކޮންޓްރޯލުން ނެއްޓި މިދިޔަ މަހު ގިނަ ބަޔަކު ޕޮޒިޓިވްވަމުން ދިއުމުން ގިނަ ބަޔަކު އެތަނުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނެވެ. އެކަމަކުު ހަރުކަށި ފިޔަވަޅުތައް އަޅާފައިވާތީ ބަލި ފެތުރޭ ނިސްބަތް މިހާރު އޮތީ އަނެއްކާވެސް ކޮންޓްރޯލްކުރެވި އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދު މަދުވެފަ އެވެ.













