މި ފަހަރުގެ ޔޫރޯ އެތައް ގޮތަކުން ހާއްސަ އެވެ. އެއް ސަބަބަކީ ފުރަތަމަ ފަހަރަށް އެތައް ގައުމެއްގައި މުބާރާތުގެ މެޗުތައް ކުޅެވުމެވެ. އަނެއް ސަބަބަކީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި މި މުބާރާތް އެއް އަހަރު ފަސް ކުރަން (2020 އިން 2021 އަށް) ޖެހުނުއިރު ވެސް އެންމެ ފުރަތަމަ ދެކުނު ހުވަފެނާ އެއް ގޮތަށް މުބާރާތް ހޯސްޓް ކުރެވުމެވެ. މި ކަމުގެ ފަހަތުގައި ޔުއެފާގެ މިހާރުގެ ރައީސް ސްލޮވީނިއާގެ އަލެކްސަންޑަ ޗެފެރިން އާއި ކުރިން އެ މަގާމުގައި ހުރި ރައީސް ފްރާންސްގެ މިޝޭލް ޕްލެޓީނީގެ މުހިއްމު ނިންމެވުންތަކެއްގެ ހިއްސާ ބޮޑެވެ.
"މިވަރުގެ ޔޫރޯއެއް ދެން ބޭއްވޭނެ ހެނެއް ހިއެއްނުވޭ. މި ގޮތަށް އިތުރު ޔޫރޯ އެއް ބޭއްވުމަކީ ވާނެ ކަމެއް ނޫން،" މިދިޔަ މަހު ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޗެފެރިން ވިދާޅުވި އެވެ.
އެންމެ ފުރަތަމަ މި ފަހަރުގެ ޔޫރޯ ބާއްވަން 2012 ވަނަ އަހަރު ވިސްނުން އައީ ދެ ގައުމު ނޫނީ ތިން ގައުމެއްގަ އެވެ. އެކަމަކު ޔުއެފާގެ ކޮމްޕެޓިޝަން ކޮމިޓީ އާއި އެގްޒެކްޓިވް ކޮމިޓީގެ މަޝްވަރާތަކަކަށް ފަހު ޗެމްޕިއަންސް ލީގު ކުޅޭ ގޮތަށް ދަތުރު ކޮށްގެން ޔޫރަޕްގެ ނަން މަޝްހޫރު ސިޓީތަކެއްގައި ޔޫރޯ އެއް ބޭއްވުމުގެ ހިޔާލު އުފަންވި އެވެ. ޔުއެފާގެ އޭރުގެ ރައީސް ޕްލެޓީނީ އެދުނީ ރަނގަޅު ޕްލޭނެއް އެންމެ އުނދަގޫ ހާލަތަށް ވިސްނައިގެން ވެސް ތައްޔާރު ކުރުމަށެވެ. ފުރަތަމަ 13 ސިޓީ (ގައުމު) ގައި މެޗުތައް ކުޅެން ވިސްނި ނަމަވެސް ހާލަތު ބަދަލުވަމުން އައިސް ތައްޔާރީތަކަށް ބެލުމަށް ފަހު އެ އަދަދު 11 އަށް ކުޑަވީ އެވެ.
"ފުރަތަމަ ހެދިފައި އޮތް ޕްލޭން ވަރަށް ފުރިހަމަވާނެ. އެއީ އަސްލު ފައުންޑޭޝަނަކީ. އޭގެ އޮންނާނެ ކަމެއް ދިމާވެއްޖެނަމަ ދެން ކުރަންވީ ގޮތުގެ ޕްލޭން އޭ. ޕްލޭން ބީ އަދި ޕްލޭން ސީ. އެހެން ގޮތްތަކެއް ހޯދޭނެ މަގު ޗާޓެއް އަހަރެމެން ހެދިން،" މިދިޔަ އަހަރު ފްރާންސް ޓީވީ އަކަށް ޕްލެޓީނީ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ: އޭނާ އަކީ ކުރީގެ މަޝްހޫރު ކުޅުންތެރިޔެއް.
މި ފަހަރުގެ ޔޫރޯގެ މެޗުތައް ކުޅޭނެ ގައުމުތަކަކީ އިންގްލެންޑް، އަޒަރުބައިޖާން، ޑެންމާކް، ސްކޮޓްލެންޑް، ސްޕެއިން، ޖަރުމަނު، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރުމޭނިއާ އަދި ރަޝިއާގަ އެވެ. މީގެއިން ކޮންމެ ގައުމަކުން ވެސް ވަނީ މަދުވެގެން ތިން ދަނޑެއް ޕްރޮޕޯސަލްގައި ހިމަނައިފަ އެވެ. މެޗު ކުޅޭނެ ސިޓީ އަކާއި އެއް ދަނޑެއް ކަނޑައެޅީ ޔުއެފާގެ ކްރައިޓީރިއާތަކަކަށް ބެލުމަށް ފަހު އެވެ.
ޕްލެޓިނީ އަށް ޔޫރޯގެ މި ހިޔާލު އައީ ވެސް ދިމާވި ހާލަތެއްގެ ތެރެއިންނެވެ. އެންމެ ފުރަތަމަ 2020 ގެ ޔޫރޯ ހޯސްޓްކުރުމުގެ ބިޑު ވަރުގަދަ ކޮށް ނުކުތީ ތުުރުކީންނެވެ. އެކަމަކު އޭރު އެ ގައުމުން ވިސްނަމުން އައި އަނެއް ކަމަކީ މިދިޔަ އަހަރު (މި އަހަރަށް ފަސްކޮށްފައިވާ) ޓޯކިޔޯ އޮލިމްޕިކްސް ތުރުކީގައި ހޯސްޓްކުރަށް ވެސް ބިޑް ކުރާށެވެ. އެކަމަކު ބޮޑު ދެ މުބާރާތަށް އެއް ފަހަރައި ބިޑް ކުރެވޭނެ ތަނަވަސްކަމެއް ތުރުކީގެ ނެތްއިރު، ދޫކޮށްލީ ޔޫރޯގެ ބިޑް ކަންކަމެވެ. އެ ހިސާބުން ޕްލެޓިނީ އަވަސްވެގަތީ ޔޫރޯ އެތައް ސިޓީއެއްގައި ކުޅޭށެެވެ.
ހަގީގަތުގައި ގިނަ ގައުމުތަކެއްގައި ޔޫރޯ ކުޅޭ ގޮތަށް ރޭވުމަށް ޕްލެޓިިނީ އިސްކަންދެއްވީ އޭނާ ދިގު މުއްދަތަކަށް ޔުއެފާގެ ރައީސްކަން ކުރައްވަން ވެގެން ގައުމުތަކުގެ ތާއީދު ހޯދަން ކުރާ ކަމެއްގެ ގޮތުގަ އެވެ. އެކަމަކު ފަހުން ކޮރަޕްޝަންގެ ތަހުގީގެއްގެ ތެރެއިން ސަލާމަތްނުވެވި އެންމެ ފަހުން 2015 ވަނަ އަހަރު ޕްލެޓިނީ އަށް ޔުއެފާގެ ރައީސްގެ މަގާމު ގެއްލުނީ އެވެ. މި ވަގުތު ވެސް ހުރީ ސަސްޕެންޝަނެއް ތަންފީޒު ކުރެއްވުމުގަ އެވެ.
އެކި ގައުމުތަކުގައި ކުޅެން ރާވައި މެޗުތައް ބެހުމުގައި އިންސާފުވެރި ގޮތްތަކެއް ހޯދުން ވެސް ވީ ޔުއެފާ އަށް ގޮންޖެހުން ބޮޑު ކަމަކަށެވެ. އެކަމަކު މީގެ ވީހާވެސް ގިނަ ގައުމުތަކެއްގެ (އެކި ފަންތިތަކުގެ ގައުމުތައް) ބައިވެރިވުން ބޮޑުކުރުމަށް ޔުއެފާ އިން މަގު ޗާޓެއް އެކުލަވާލިއިރު، އަޒަރުބައިޖާންގެ ބަކޫގައި މެޗުތައް ކުޅެން ނިންމުމުން ޔޫރަޕްގެ ގިނަ ގައުމުތަކެއްގެ ނުރުހުން އެކަމަށް އަމާޒުވި އެވެ. އެއީ އެ ގައުމަކީ ބައިނަލްއަގުވާމީ ގޮތުން ބަލާއިރު ފުޓްބޯޅައިގެ ބޮޑު ހަރަކާތެއް ހޯސްޓްކުރެވޭނެ ވަރުގެ ޔަގީންކަމެއް އޮތް ބައެއް ނޫން ކަމަށް ބުނެ އެވެ.
އެކަމަކު އެ ހުރިހާ ކަމަކަށް ޖަވާބު ދޭން ޔުއެފާގެ މިހާރުގެ ލީޑަޝިޕް، ޔުއެފާ ރައީސް ޗެފެރިންގެ ޓީމުން ވަނީ ރަނގަޅު ނިންމުންތަކެއް ނިންމައިފަ އެވެ. މިސާލަކަށް ބަލާނަމަ 2019 ވަނަ އަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލްގައި އާސެނަލާއި ޗެލްސީ ކުޅުނު މެޗު ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި ބާއްވައި އަޒަރުބައިޖާނުގައި ވެސް ޔޫރޯ ކުޅެވިދާނެކަން ޔުއެފާ އިން ސާބިތުކޮށްދިނެވެ. މިއީ ޔޫރޯގެ މެޗުތައް ހޯސްޓްކުރުމުގައި ޔުއެފާގެ ނިންމުންތަކާ މެދު ގިނަ މެމްބަރު އެސޯސިއޭޝަންތަކުގެ އިތުބާރު ބޮޑުވި އެއް ހިސާބެވެ.
ކޮވިޑާ ހެދި ގިނަ ގައުމުތަކުގައި ޔޫރޯގެ ހުވަފެނަށް ބިރުވެރިކަން އައި
އެންމެ ފުރަތަމަ ޔުއެފާ އިން މިދިޔަ އަހަރު ޔޫރޯ ބާއްވަން ނިންމައި ފަހު ވަގުތު ފަސްކުރަން ޖެހުނީ ކޮވިޑް-19 ހަލުވިކަމާ އެކު އޭރު ޔޫރަޕްގައި ވެސް ފެތުރެމުންދިޔައިރު، އެ ބައްޔަށް ވެކްސިނެއް ވެސް ނެތުމާ އެކީގަ އެވެ. މިދިޔަ އަހަރު ޔޫރަޕްގެ ވަރުގަދަ ދެ ކްލަބް ފުޓްބޯޅަ މުބާރާތް (ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު) ސެންޓްރަލައިޒްކޮށް އެއް ގައުމެއްގައި ކުޅެގެން ނިންމާލަން ޖެހުމަކީ މި އަހަރުގެ ޔޫރޯ 11 ގައުމެއްގައި ބޭއްވިދާނެ ކަމާ މެދު ސުވާލު އުފެދުނު ހިސާބެކެވެ.

ޔުއެފާގެ ބައްދަލުވުމެއްގެ ތެރެއިން ޗެފެރިން (ވ.2).
އެކަމަކު، ކެފެރިން އޭރު ވެސް ހުންނެވީ ސާބިތުކަމާ އެކީގަ އެވެ. އެންމެ ފުރަތަމަ 2012 ވަނަ އަހަރު ހެދުނު ޕްލޭންގައި ވެސް ހުރި ބައެއް ކަންކަމަށް ބައްލަވައި ޗެފެރިން ނިންމެވީ ހަމަ ގިނަ ގައުމުތަކުގައި މެޗުތައް ހޯސްޓްކުރުމުގެ ޕްލޭނާ އެއްގޮތަށް ކުރިއަށްދާށެވެ.
"މީގެ ސަޕޯޓަރުން ނުވަދެދާނެތީ އާމްދަނީ އެ ގޮތުން ހުއްޓިދާނެ ގޮތަކަށް ވިސްނާފައި ވެސް އޮތް ޕްލޭނެއް. އޭރަކު ނުވިސްނާނެ ކޮވިޑް ކަހަލަ ކަމެއް އަންނާނެ ކަމަށް. އެކަމަކު އޭރު ވެސް އޮތް އެކި ހާލަތްތަކުގައި މެޗުތައް ކުޅޭނީ ކިހިނެއްތޯ ރޭވިފައި. ވޯސްޓް ކޭސް ސިނާރިއޯ ތަކަކީ ކޮބައިތޯ ބެލިވިފައި،" ސްލޮވީނިއާ ޓީވީ އަކަށް މިދިޔަ މަހު ޗެފެރިން ވިދާޅުވި އެވެ.
"ހަގީގަތުގައި އެ ޕްލޭންތަކާއި މިހާރު މި އޮތް ލީޑަޝިޕްގެ ވެސް މަސައްކަތް ވަރަށް މުހިއްމު މި ޔޫރޯ ކުރިއަށް ގެންދެވުމުގައި. ފަރުދާގެ ފުރަހަގުގައި ވަރަށް ކަންކަން ހިނގާ އަބަދު ވެސް މި ފަހަރު ވެސް އެ ގޮތަށް ބޮޑެތި ކަންކަން ހިނގި،"
ކޮވިޑާ ހެދި ޔޫރޯ ކެންސަލް ކޮށްލުމުގެ ވާހަކަ މީޑިއާގައި ކޮންމެ ވެސް ވަރަކަށް ދެކެވުނެވެ. އެކަމަކު ކެފެރިން ވިދާޅުވީ ޔުއެފާ އިން އެ ފަދަ ވިސްނުމެއް ގެންގުޅޭ ކަމަށް ދެކެވުނު ވާހަކަ އަކީ ހަގީގަތެއް ނޫން ކަމަށެވެ.
ފަސްކޮށްލައިގެން މީގެ މާލީ ގެއްލުން މެނޭޖް ކުރެވިދާނެ. އެކަމަކު ޔޫރޯ ކެންސަލް ކޮށްލައިފިނަމަ މާލީ ގޮތުން އެކި ދާއިރާތަކަށް އަންނާނެ ލޮޅުން އެއީ ހިތަށް ގެންނަން ފަސޭހަ ކަމެއް ނޫން - ޗެފެރިން
ޔޫރޯގެ ކަންކަން އެންމެ އަމާންކޮށް ގެންދިއުމުގެ ޒިންމާ ބޮލުގައި އެޅިފައި އޮތް ޔުއެފާގެ ޑިރެކްޓަރު މާޓިން ކެލަން ވިދާޅުވީ ކޮވިޑްގެ ހާލަތުގެ ތެރޭގައި ވިސްނާނުލައި އެތައް ދާއިރާ އަކުން އެތައް ގޯސް ނިންމުންތަކެއް ނިންމާފައި އެބަހުރި ކަމަށެވެ. އެކަމަކު ޔުއެފާ އިން ޔޫރޯއާ ގުޅޭ ކަންކަން ނިންމުމުގައި ދެއްކީ ސާބިތުކަން މި ވަގުތު ވެސް ފެންނަން އޮތްކަން މާޓިން ފާހަގަކުރެއްވި އެވެ.
އޭނާ ވިދާޅުވީ މި ފަހަރުގެ ޔޫރޯ އަކީ ގިނަ ގައުމުތަކުގެ ބޯޑަރު ހުރަސްކޮށްފައި މުބާރާުތުގެ ތެރެއިން މެޗުތައް ކުޅެން ދާން ޖެހޭ ފަހަރެއް ކަމަށެވެ. އަދި އެ ގޮތަށް އޮތްއިރު، މީގެ އިދާރީ ގޮތުން ހުރިހާ ގައުމަކަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭން ޔުއެފާ އިން ކުރަން ޖެހޭ ކަންކަމަށް ސިޔާސީ ފިއްތުންތަކާއި ގައުމުތަކުން ކޮވިޑް ތެރޭގައި އަމަލުކުރަމުން އަންނަ އުސޫލުތަކުގެ ތެރެއިން ގޮންޖެހުންތަކެއް ހުރި ކަމަށެވެ.
"ކޮންމެ ކަމެއް ވެސް ޕްލޭން ކުރުން އޮތީ. އެ ޕްލޭންތައް ރަނގަޅުވެގެން މި ހިސާބަށް މި އާދެވެނީ. މިސާލަކަށް ގައުމުތަކުގެ ކަރަންޓީނާއި ވެކްސިން ޖަހައިގެން ދަތުރުކުރުމުގެ ކަންކަމާއި ސިޔާސީ ހިތްހަމަ ނުޖެހުންތަކުގެ ތެރެއިން މެޗުތައް ކުޅެން ވަކި ގައުމުތަކަށް ދިއުމުގައި ގޮންޖެހުން ހުރި ގައުމުތަކަށް ގޮތްގޮތް ހޯދުމާއި މިހުރިހާ ކަމަކަށް ޔުއެފާ އިން މި އައީ ހައްލު ހޯދަމުން،" މާޓިން ވިދާޅުވި އެވެ.
ޔުއެފާ އިން މި ފަހަރުގެ ޔޫރޯ ބޭއްވުމުގައި އެންމެ ކަންބޮޑުވާ ކަމަކީ ފުރިފައި އޮތް ދަނޑުތަކެއްގައި މެޗު ކުޅުމުގެ ނަސީބު މި ވަގުތު ނެތުމެވެ. އެކަމަކު ޗެފެރިން ހުރީ އެ އުއްމީދު ދޫކޮށްލައްވާ ގޮތަކަށް ނޫނެވެ.
މި ވަގުތު އުސޫލުތައް އޮތްގޮތުން ވަކި އަދަދަކަށް ސަޕޯޓަރުން ވަންނަން ހުއްދަ އެބައޮތެވެ. އެކަމަކު ޗެފެރިން ވިދާޅުވަނީ ވެކްސިން ޖަހައިގެން ތިބި ސަޕޯޓަރުންތަކެއް ދަނޑަށް ވަންދައިގެން ވެސް ލަންޑަނުގައި އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުޅޭ ފައިނަލް ބަލާލަން ބޭނުންވަނީ ފުރިފައި އޮތް ދަނޑެއްގައި ކަމަށެވެ.












