އަންނަ ހުކުރު ދުވަހު ފަށާ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަން ޔޫތު މިނިސްޓްރީން ޕްރޮޖެކްޓަރު ދޫކުރަން ނިންމައިފި އެވެ.
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ސޮއިކުރައްވައި މިއަދު ނެރުނު އިއުލާނެއްގައި މިނިސްޓްރީން ބުނެފައިވަނީ ޗައިނާ އެއިޑްގެ ދަށުން ލިބިފައިވާ ޕްރޮޖެކްޓަރުތައް ޔޫރޯގެ މެޗުތައް ބެލުމަށްޓަކައި ކްލަބް ޖަމިއްޔާތަކަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
އަދި ޝައުގުވެރިވާ ކްލަބް ޖަމިއްޔާތަކުން މި މަހުގެ 10 ވަނަ ދުވަސް (ބުރާސްފަތި) ދުވަހުގެ 12:00 ގެ ކުރިން އީމެއިލް ކުރަން އެދޭ ކަމަށް މިނިސްޓްރީން ނެރުނު އިއުލާނުގައިވެ އެވެ. މެއިލް ކުރަން ޖެހޭނީ bureau@youth.gov.mv އަށެވެ.
ޔޫރޯ މި ފަހަރު ދައްކަން ހަމަޖެހިފައިވާ ލޯކަލް ޗެނަަލަކީ ރާއްޖެ ޓީވީ އެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި މުބާރާތެކެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން މިދިޔަ އަހަރު ދަތުރުފަތުރުކޮށްގެން މެޗުތައް ބޭއްވޭނެ ގޮތެއް ނެތުމުން މި އަހަރަށް ފަސްކުރަން ނިންމީ އެވެ. މި ފަހަރުގެ ޔޫރޯ ފަށާނީ ހުކުރު ދުވަހުގެރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އިޓަލީ އާއި ތުރުކީ ބައްދަލުކުރާ މެޗުންނެވެ.
ޔޫރޯގެ އިތުރުން އަންނަ އާދިއްތަ ދުވަހު ބްރެޒިލްގައި ދެކުނު އެމެރިކާގެ ބޮޑު ފުޓްބޯޅަ މުބާރާތް ކޮޕަ އެމެރިކާ ވެސް ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ.












