ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން މަޖިލީހުން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއަށް މައުލޫމާތު ދެއްވަން ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ)ގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު މިއަދު ހާޒިރުކޮށްފި އެވެ.
ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުވުމާ މެދު މަޖިލީހާއި ސިފައިން ހިޔާލުތަފާތުވެފައިވާއިރު، މިއަދު މެންދުރު 2:00 ގައި މަންސޫރު ވަނީ ކޮމިޓީއަށް ވަޑައިގެންފަ އެވެ.
ސިފައިންގެ އޮފިސަރުންގެ ތެރެއިން މިހާތަނަށް ކޮމިޓީއަށް ހާޒިރުވެ މައުލޫމާތު ދެއްވާފައިވަނީ ޒަކަރިއްޔާގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް އެވެ.
ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުވުމާމެދު ހިޔާލުތަފާތުވުން އުފެދުނީ އިދާރީ އޮޅުންތަކެއްގެ ސަބަބުން ކަމަށް 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

އަދި އެކަން މިހާރު ސާފުކުރެވި، އިންކުޔަރީއަށް އެމްއެންޑީއެފްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ޝަމާލް ވެސް ދެއްވާފައިވާކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްލަމް ވިދާޅުވި އެވެ.
އެގޮތުން، މިހާތަނަށް ކޮމިޓީއަށް ހާޒިރުވާން އެންގި އެއްވެސް ބޭފުޅަކު އެކަމަށް އިންކާރު ކުރައްވާފައިނުވާކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ، ކޮމިޓީއަށް ހާޒިރުވާން އެއްވެސް ބޭފުޅަކު ދެކޮޅު ހަދައިފިނަމަ އެކަމާ މެދު ކޮމިޓީން އަމަލު ކުރާނެ ގޮތެއް ނިންމާނީ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.
ކޮމިޓީން 40 އެއްހާ ސިފައިންނާ ސުވާލުކުރަން ބޭނުންވާކަމަށް ކުރިން އަޑުފެތުރުނު ނަމަވެސް، އަސްލަމް މިއަދު ވިދާޅުވީ ކޮމިޓީން ފުރަތަމަ އެކުލަވާލި ލިސްޓުގައި އޮތީ 29 ބޭފުޅެއް ކަމަށެވެ.
އެކަމަކު ކޮމިޓީއަށް ހާޒިރުކޮށް ލިބޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެ ލިސްޓަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
މި އިންކުއަރީއަށް ސަރުކާރުގެ ތެރެއިން ހުރަސްއަޅަން މަސައްކަތްކުރާ ކަމަށް އެމްޑީޕީގެ ތެރޭގައި ތުހުމަތުތައް ބަދަލުކުރެވެމުންދާ ދިޔުމަށް ވެސް އަސްލަމް މިއަދު ވަނީ ރައްދު ދެއްވައިފަ އެވެ.
އެގޮތުން، މިހާތަނަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން ވެސް އެއްބާރުލުން ލިބެމުންދާ ކަމަށާއި، އިންކުއަރީއަށް ހުރަސް އަޅައި ނުފޫޒު ފޯރުވަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރާކަމަށް އަސްލަމް ވިދާޅުވި އެވެ.
ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުވާން ފަސްޖެހެނީ ފަރުދީ ގޮތުން މަޖިލީހަށް ޖަވާބުދާރީވުމަކީ ކުށަކަށް ވެދާނެތީކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ވިދާޅުވެފަ އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި، މިހާތަނަށް ކޮމިޓީއަށް ހާޒިރުވުމަށް އޭނާއަށް އަންގާފައެއް ނުވެ އެވެ. ނަމަވެސް، ކޮމިޓީން ހާޒިރުވާން އަންގާފައިނަމަ، ވަޑައިގަންނަވާނެ ކަމަށާއި އެއީ އޭނާއަށް ގާނޫނުން ލާޒިމްކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.
އަސްލަމް މިއަދު ވިދާޅުވީ ޑިފެންސް މިނިސްޓަރު ވަރަށް އަވަހަށް ކޮމިޓީއަށް ހާޒިރުކުރަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އަދި އެކަމަށް ދުވަހެއް ކަނޑައެޅި، މިނިސްޓަރަށް ކޮމިޓީން އަންގާނެކަމަށް އަސްލަމް ވިދާޅުވި އެވެ.













