ދެ ފެކްޝަންގެ ހިޔާލުތަފާތުވުން: "މާތްކަލާކޯ މީވާ ސަރުކާރެއް"!

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު، އީވާ އާއި މެމްބަރުން ވާހަކަ ދައްކަވަނީ. -- ފޮޓޯ/ އަދަދު

ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު، އީވާ އާއި މެމްބަރުން ވާހަކަ ދައްކަވަނީ. -- ފޮޓޯ/ އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އުޅުނު ހަމަލާގެ އިންކުއަރީ އަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކުރަން އެންގުމާ އެކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ދެ ފެކްޝަންގެ އަރައިރުން އޮތީ ފެށިފަ އެވެ. އެ ރުޅި ރޭ ފަޅައިގެން ހިނގައްޖެ އެވެ؛ އެންމެ ފަހުން "މީވާ ސަރުކާރެއް" ކަމަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެ، ހިތްހަމަނުޖެހުން އޮތް ކަން ސާފުކޮށް ހާމަކުރެއްވީ އެވެ.

އީވާ ރޭ ވަނީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފަ އެވެ. އިމްތިޔާޒް ކޮމިޓީއަށް ސަރުކާރުން ނުފޫޒު ފޯރުވި ކަމެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ސަރުކާރުން ހުރަސްއަޅަން އުޅުމެވެ.

އީވާ ތުހުމަތު ކުރެއްވި ގޮތުގައި އިމްތިޔާޒް ކޮމިޓީ "ފަނިކޮށްލީ" އެވެ. އެކަމުގައި އިސްކޮށް ހުންނެވީ އަލިފުށީ ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ޅިޔަނު، މުހައްމަދު ރަޝީދު (ބިގޭ) ކަމަށް ވިދާޅުވި އެވެ.

މިގޮތަށް އޭނާ ވިދާޅުވީ އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްސަލަ ބޭރުކޮށްލުމުންނެވެ. އެ ކޮމިޓީއަށް ޒަމީލްގެ މައްސަލަ ހުށަހެޅީ، މަޖިލީހުގެ އެންގުމަކާ ދެކޮޅަށް ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

މަޖިލީހުން ނެރުނު ބަޔާނުގައި ބުނިގޮތުގައި އެއީ ޒަމީލް މަޖިލީހުގެ "އިމްތިޔާޒަށް އަރައިގަތުމެ"ވެ.

އީވާގެ މެސެޖުގައި ވިދާޅުވި ގޮތުުގައި އިމްތިޔާޒް ކޮމިޓީގެ މެމްބަރުންނަށް ބިގޭ ގުޅުއްވައި ފަނިކުރަން އުޅުން ހަމައެއްނުޖެހެ އެވެ.

"ނުކުރިއަސް ބިގޭގެ ސަރުކާރު ދެމިއޮންނާނެ،" އީވާ ވިދާޅުވި އެވެ.

"އަދި ރައީސް ނަޝީދު އެދިވަޑައިގެން އެހެން ކޮމިޓީއެއްގަ ކަމެއް ހިންގިއަސް އަވަހަށް ބިގޭ އެޔަށް ވެސް އެ ގޯސްކުރަން މަސައްކަތްކުރަން ޖެހެނީ ކީއްވެތަ ކޮންމެ ފަހަރަކު؟ ރައީސްގެ ހާލަތަށް ވީ ހަމްދަރުދީގެ ޑެޑްލައިން ހަމަވީތަ؟"

އެމްޑީޕީ ހިމެނޭ ގޮތުން ޕާޓީތަކުގެ ކޯލިޝަންގެ ސަރުކާރެއް ދެމިއޮތް އިރު، "ބިގޭގެ ސަރުކާރޭ" އީވާ ވިދާޅުވުމަކީ ދެ ފެކްޝަންގެ މެމްބަރުންގެ ތެރޭގައި ހިޔާލުތަފާތުވުން އޮތް މިންވަރެވެ.

އީވާގެ މެސެޖަށް ފަހު، ނަޝީދު ވެސް ވަނީ އިންކުއަރީ އަށް ސަރުކާރުން ހުރަސްއަޅާ ކަމުގެ ތުހުމަތު ތަކުރާރު ކުރައްވައިފަ އެވެ.

"މިއީ ރައީސް ނަޝީދު، ރައީސުލްޖުމްހޫރިއްޔާ ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 އަށް ހާޒިރު ވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބެއް އެއްގޮތަކަށް ވެސް ނުވިސްނޭ،" ނަޝީދުގެ އެ މެސެޖުގައިވެ އެވެ.

"ކޮން ކަމެއް ސިއްރު ކުރައްވަން ތިޔަ އުޅުއްވަނީ،"

ޑިފެންސްގެ ނައިބު ޒަމީލްގެ މައްސަލަ އިމްތިޔާޒް ކޮމިޓީން ބޭރުކޮށްލުމުން ފެނުނީ އެމްޑީޕީގެ ޕީޖީގެ ތެރޭގައި ކޯޅުން އޮތް ވަރެވެ. ނަޝީދު ފަޅީގައި ތިއްބެވި މެމްބަރުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިސް މެމްބަރުންނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވައިފަ އެވެ.

އެމްޑީޕީގެ މެމްބަރުންގެ ވޯޓާ އެކު ޒަމީލްގެ މައްސަލަ ބޭރުކުރުމުން ހިތްހަމަނުޖެހުން!

ނަޝީދަށް ހަމަލާ އަމާޒުކުރި ހިސާބުން ފެށިގެން އެމްއެންޑީއެފާ މެދު މަޖިލީހުގެ ބައެއް މެމްބަރުންގެ ހިތްހަމަނުޖެހުން އޮތެވެ. ހަމަލާގެ މައުލޫމާތު އެނގިވަޑައިގެން ފިޔަވަޅެއް ނޭޅުމުގެ ތުހުމަތުކުރަމުން ދަނިކޮށް، ނަން ހާމަކުރަން ނޭދޭ މަސްދަރަކާ ހަވާލާދީ ނޫހަކުން ނަޝީދާއި އެމަނިކުފާނު ދިރިއުޅުއްވާ ކެނެރީގެއާ ގުޅޭ ގޮތުން އާއްމުކުރީ ސީދާ އެމްއެންޑީއެފުން ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ. މިކަމާ ގުޅުވައި، 241 ކޮމިޓީން ބޭނުންވީ ވަކިވަކި ސިފައިން ހާޒިރުކޮށް ޕާލަމެންޓްރީ އިންކުއަރީގައި ސުވާލުކުރާށެވެ. އެ ލިސްޓުގައި، 29 ސިފައިންގެ ނަން ހިމަނާފައި އޮއްވައި ސިފައިންގެ މުއައްސަސާ އިން ވަނީ ވަކިވަކި ސިފައިންގެ ދިފާއުގައި މަޖިލީހަށް ސިޓީއެއް ފޮނުވަ އެވެ.

ޑިފެންސް މިނިސްޓްރީގެ ނައިބު ޒަމީލް.

ޑިފެންސްގެ ނައިބު ޒަމީލް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި އޮތީ، ތަހުގީގަށް ޖަވާބުދާރީވެވަޑައިގަންނަވާނީ މުޅި މުއައްސަސާ އިންނެވެ. މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުގެ ގާނޫނީ ބާރުގެ ތެރެއިން އެންގި އެންގުމަކާ ހިލާފަށް ޒަމީލް ސިޓީ ފޮނުއްވުމަކީ، އިމްތިޔާޒަށް އަރައިގަތުން ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ.

އޭނާގެ މައްސަލަ ތަހުގީގު ކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވީ ސީދާ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އެންގެވުމަށެވެ. އޭގެ އިތުރަށް އެއީ އިމްތިޔާޒް ކޮމިޓީން ވެސް ބަލަން ޖެހޭ މައްސަލައެއްގެ ގޮތުގައި ނިންމެވީ އެވެ.

އެކަމަކު އޭނާ އިމްތިޔާޒަށް އަރައިގަތްތޯ ބައެއް މެމްބަރުން ސުވާލު އުފައްދަވަ އެވެ.

އެހެންވެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 12 މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ހަތަރު މެމްބަރަކު ވެސް ވޯޓު ދެއްވީ މި މައްސަލަަ ކުރިއަށް ނުގެންދާށެވެ. އޭގެތެރޭގައި، ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް އާއި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ އާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފްގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.

މައްސަލަ ބޭރުކުރަން ހުށަހެޅުއްވީ ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ.

އޭނާ ވިދާޅުވި ގޮތުގައި އެގޮތަށް ހުށަހެޅުއްވީ އެފަދަ ލިޔުންތަކުގައި ސޮއި ކުރަން މިނިސްޓަރަށް އެހެން މީހަކާ ހަވާލު ކުރެވިދާނެ ކަމާއި ނަމަވެސް، ސޮއި ކުރާ މީހާގެ ބަދަލުގައި އެކަމުގެ ޒިންމާ ނަގަން ޖެހޭނީ މިނިސްޓަރު ކަމަށްވާތީ އެވެ.

"[ސޮއި ކުރުމުން] އެ މީހަކު އެތަނަށް ގެންގޮސް އެމީހެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްއަށް ފޮނުވައިގެން އަޅުގަނޑުމެން މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކަށް އަރައިގަތީ ކަމަށް ބަލައިގެން އެކަން ކުރެވޭނެ ކަމަށް އަޅުގަނޑަށް ގަބޫލު ނުކުރެވޭތީ ހުށަހެޅީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސިފައިންގެ ގާނޫނު ބުނާ ގޮތުން ވަކިވަކި ސިފައިން ތަންތަނަށް ހާޒިރުކޮށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށެވެ. ޖަވާބުދާރީ ކުރުވަން ޖެހޭނީ އެ މުއައްސަސާގެ ވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެގޮތަށް ލިޔުއްވާފައި ފޮނުއްވި ސިޓީއެއްގައި ސޮއިކުރެއްވި ބޭފުޅެއްގެ މައްސަލަ ސުލޫކީ ކޮމެޓީން ބަލައި ހަދައި ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރޭ،" ނާޒިމް ވިދާޅުވި އެވެ.

އިންކުއަރީ އަށް ސަރުކާރުން ހުރަސް؟

މެމްބަރުންގެ ކަންބޮޑުވުމަކީ މި އެވެ؛ އިންކުއަރީ ކުރިއަށް ގެންދަން ސަރުކާރުން އެބަ ހުރަސް އަޅަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުލޫކީ ކޮމިޓީގެ ނިންމުން އައި ގޮތުން އަޖައިބުވެވަޑައިނުގަންނަވާ ކަމަށެވެ. ކަން ހިނގާ ގޮތަށް ބަލާއިރު އެއީ ކުޑަ މިންވަރެއް ކަަމަށް ވިދާޅުވި އެވެ.

"މަރަން ހަމަލާދިނުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް ސާފުކޮށް ފެންނަމުން ދިއަ މަންޒަރުތަކާ އަޅާބަލާއިރު، ރޭގެ ސްލޫކީ ކޮމެޓީން މައްސަލަ ބޭރުކޮށްލި ކޮށްލުމަކީ އަދި ކުޑަ މިންވަރެއް!،" އިންތި ވިދާޅުވި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ހިތްހަމަނުޖެހުން އަމާޒުކުރެއްވީި ޒަމީލްގެ މައްސަލަ ނުބަލަން ވޯޓު ދެއްވި އެމްޑީޕީގެ މެމްބަރުންނަށެވެ. އެ މެމްބަރުން މަޖިލީހަށް ހޮވިވަޑައިގަތީ ނަޝީދުގެ ތާއީދު އޮތުމުން ކަމަށާއި އެކަމަކު އެމަނިކުފާނަށް އެހީވާންވީ ވަގުތު މެމްބަރުންގެ ފަރާތުން ފެންނަނީ އެހެން ކަމެއް ކަމަށް ވިދާޅުވި އެވެ.

އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ތުހުމަތު ކުރެއްވި ގޮތުގައި އިމްތިޔާޒް ކޮމިޓީއަށް ހުށަހެޅި ޒަމީލްގެ މައްސަލަ ބޭރުކޮށްލީ "ފިއްތާފައި" ތިބި އެމްޑީޕީގެ ބައެއް މެމްބަރުން ލައްވަ އެވެ. އެ މެމްބަރުންނަށް ނުފޫޒު ފޯރުވީ ޕްރޮޖެކްޓްތަކާ ހެދި ކަމަށް ވެސް ވިދާޅުވި އެވެ.

މެމްބަރުން މިގޮތަށް ދެކެވަޑައިގަތަސް 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވީ އިންކުއަރީއަށް އެއްވެސް ފަރާތެއް ނުފޫޒެއް އަދި ސަރުކާރުގެ ހުރަސްއެޅުމެއް ނެތް ކަމަށެވެ.

މިހެން ވިދާޅުވިޔަސް، މި އިންކުއަރީއާ ގުޅޭ ގޮތުން ދެ ފެކްޝަނުގެ ވިސްނުން ރޭ އިމްތިޔާޒް ކޮމިޓީގެ ނިންމުމާ ހިސާބުން މިއޮތީ ހާމަވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox