ދީނާ ދެކޮޅު ކަަމަށް ބުނުން ކުށަކަށް ހެދުން އަދާލަތަށް ގޯސް

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު. -ފޮޓޯ: ރައީސް އޮފީސް

އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ (ވ) ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު. -ފޮޓޯ: ރައީސް އޮފީސް

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތުކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ތެދުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރަން ހުށަހަޅާފަ އެވެ.

އެގޮތުން، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.

މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ.

އަދި މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ އިސްލާހު ހުށަހެޅުމާއެކު ގިނަ ދީނީ އިލްމުވެރިންނާއެކު އާއްމުންގެ ތެރެއިން ގިނަ ބަޔަކު ވެސް ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެ އިސްލާހަކީ ދީނަށް ފުރައްސާރަ ކުރުމާއި ހަޖޫޖެހުން އާއްމުވެފައިވާ ދުވަސްވަރެއްގައި އެފަދަ މީހުން ހިމާޔަތް ކުރުމަށް ސަރުކާރުން ކުރާ ކަމެއްގެ ތުހުމަތު ވެސް ވަނީ އަމާޒުވެފަ އެވެ.

އެ ފާޑުކިޔުންތަކުގެ ތެރެއިން އަދާލަތު ޕާޓީން މިއަދު ނެރެނު ބަޔާނެއްގައި ފަހަކަށް އައިސް އިސްލާމްދީން ނިކަމެތިކޮށް ކުޑައިމީސްކުރުމަށްޓަކައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ހަރަކާތްތަކާއި، އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް ހިންގާ ހަރަކާތްތައްވެސް އިތުރުވެފައިވާކަމަށް ގަބޫލުކުރާ ކަމަށެވެ.

އަދި ސަރުކާރުން ހުށަހެޅި އިސްލާހުގެ ތެރެއިން ނަފްރަތުގެ އަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމައުގައި ފިތުނަފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާއީ ހަމަތައް ގެއްލިގެން ދާތީ ކަމަށާއި، ނަމަވެސް އެ ބިލުން ހާސިލުކުރަން ބޭނުންވާ މަގުސަދަށް ހުރަސްއެޅިދާނެކަމަށް ފެންނަ ކަމަށެވެ.

އަދި ނަފްރަތުގެ އަމަލު ހިންގުންފަދަ އިޖުތިމާއީ މައްސަލަތައް ހައްލުކުރުމުގައި އަދުލުގެ ނިޒާމުގެ ތެރެއިން ޖިނާއީ ފިޔަވަޅު އެޅުމަށް އިސްކަން ދިނުމުގެ ބަދަލުގައި، ކަނޑައަޅާ ތަންފީޒުކުރެވޭ އިޖުތިމާއީ ސިޔާސަތުތަކެއްގެ ތެރެއިން ނަތީޖާ ނެރުމަށް އަމާޒުހިފަން ޖެހޭއިރު، އެކަމަށް ކުރަމުންދާ މަސައްކަތްތަކާ ފުށުއަރާ ގޮތަށް އެޅޭ ކޮންމެ ފިޔަވަޅަކީ ހާލަތު އިތުރަށް ގޯސްވެ ސުލްމަސަލަސްކަން ގެއްލިދާނެ ކަމެއް ކަމަށް ވެސް އަދާލަތުން ބުންޏެވެ.

އެހެންކަމުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރުވެފައިވަނީ އެ އިސްލާހާމެދު ޕާޓީގެ ކަންބޮޑުވުންތަކަށް ސަރުކާރާއި ކަމާ ގުޅުންހުރި އެހެން ފަރާތްތަކާއެކު މަޝްވަރާކޮށް ހައްލު ހޯދުމަށެވެ.

އެގޮތުން، އދ. ފަދަ ބައިނަލްއައަވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކާއި، ކަމާގުޅޭ އިލްމީ ދިރާސާތަކުގެ މައްޗަށް ރިއާޔަތްކޮށް ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ގެންގުޅޭ ހަމަތަކަށް ފެތޭ ގޮތަށް އެކަން ކުރުމަށް އެ ބިލު އިތުރަށް ދިރާސާކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

އެބަޔާނުގައި ހައްލު ހޯދަން މަޝްވަރާ ކުރަންޖެހޭ ކަމަށް އަދާލަތުން ވަކިވަކިން ފާހަގަކޮށްފައިވަނީ އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމެވެ.

ނަމަވެސް، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ހިމަނާފައިވާ މާއްދާއަށް އިޝާރާތްކޮށްފައެއް ނުވެ އެވެ.

މިއީ މި ކޯލިޝަން ސަރުކާރު އުފެދުނު ފަހުން، ސީދާ ސަރުކާރުން ކުރި ކަމަކާ ދެކޮޅަށް މިހާ ފާޅުކަން ބޮޑުގޮތަކަށް އަދާލަތުން ހިޔާލެއްފާޅު ކުރި ފުރަތަމަ ފަހަރެވެ.

ސަރުކާރަށް އަމާޒުވަމުންދާ ފާޑުކިޔުންތައް ބޮޑުވެ، އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކަނޑައެޅިގެން ކުށެއްކަން ސާފުވާ ގޮތަށް ލިޔުމަށް ބަންޑާރަ ނައިބުގެ އޮފީހުން ބިލެއް އެކުލަވާލައި ރައީސް އޮފީހަށް އިއްޔެ ވަނީ ފޮނުވައިފަ އެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރު ވެސް ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލުކުރުމެވެ.

އަދި، އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް އެ މާއްދާގައި ބަޔާންކުރުން ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox