ކޮވިޑް ޖެހިގެން ފާއިތުވެދިޔަ 14 ގަޑިއިރު ތެރޭގައި ރާއްޖޭން ހަ މީހަކު މަރުވެފައިވާކަން ހެލްތް ޕްރޮޓޭކްޝާން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.
މިއަދުގެ ހަ މަރާއެކު، ކޮވިޑް ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު 167 އަށް އެރީ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު އެންމެ ފުރަތަމަ މީހަކު މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެކެވެ. އެއީ، އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ރޭ ދަންވަރު 03:41 ހާއިރެވެ.
އެއަށްފަހު 04:40 ހާއިރު، ބ އަތޮޅު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ 87 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ މަރުވެފަ އެވެ. ފަތިހު 05:46ގައި ހުޅުމާލެ ފެސިލިޓީގައި މަރުވި، 50 އަހަރުގެ މީހަކާއެކު ޖުމްލަ އަދަދު 164 އަށް އެރި އެވެ.
އަނެއްކާވެސް، ހެނދުނު 06:14ގައި އުމުރުން 59 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑް ބަލީގައި މަރުވި އެވެ. އެއީވެސް ހުޅުމާލެ ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ މީހެކެވެ.

މިއަދު މަރުވި ފަސްވަނަ މީހާއަކީ އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެނައި އިރު މެރުވެފައިވާ މީހެކެވެ. އޭނާ މަރުވީ ކޮވިޑް މަރަކުން ކަމަށް އެޗްޕީއޭން ނިންމާފައި ވަނީ މެންދުރު 01:51 ހާއިރެވެ.
މިއަދު ހަވަނައަށް މަރުވެފައިވަނީ ވެސް ހުޅުމާލެ ފެސިލިޓީން ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އެއީ، 62 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައިވާ ކަމަށް އެޗްޕީއޭން ނިންމާފައި ވަނީ މެންދުރު 02:43 ހާއިރެވެ.
އެއާއެކު، ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވެ މަރުވި މީހުންގެ އަދަދު ވަނީ 167 އަށް ވަނީ އަރާފަ އެވެ.
މިދިޔަ މަހަކީ ކޮވިޑް ބަލީގައި އެންމެ ގިނަ ބަޔަކު ރާއްޖޭން މަރުވި މަހެވެ. އެގޮތުން މިދިޔަ މަހު 88 މީހަކު ކޮވިޑް ބަލީގައި މަރުވެފައިވެ އެވެ.
މިދިޔަ މަހު މިބަލީގައި ރާއްޖޭން އެންމެ ގިނަ މީހުން އެއް ދުވަހެއްގައި މަރުވީ 24 ވަނަ ދުވަހު އެވެ. އެ ދުވަހު އެކަނި ކޮވިޑް ބަލީގައި 13 މީހަކު މަރުވި އެވެ.
ރާއްޖޭގައި ކޮވިޑްގެ ހަތަރު ވަނަ ރާޅަކާ ހަނގުރާމަ ކުރަމުންދާއިރު، ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވެސް ވަނީ ހަރުކަށި ކޮށްފަ އެވެ. ފެސިލިޓީތަކުގައި މަސައްކަތް ކުރާނެ މުވައްޒަފުން މަދުވެ ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫތައް ވެސް ވަނީ ފުރިފަ އެވެ.
މި ހާލަތުގައި ފެސިލިޓީތަކުގައި ވޮލެންޓިއަރުންގެ ގޮތުގަައި މަސައްކަތް ކުރަން ވެސް ގިނަ ބަޔަކު އިސް ނަގާފަ އެވެ.














