އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބައެއް ބާވަތްތައް މާދަމާއިން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވީ ނަމަވެސް، އެ ތަކެތި އެތެރެކުރުމުގެ ސުންގަނޑި ކަނޑައަޅާ އާ އުސޫލެއް އިކޮނޮމިކް މިނިސްޓްރީން އާއްމުކޮށްފި އެވެ.
މާދަމާ އިން ފެށިގެން މަނާ ކުރާ ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރޭގައި ސުޕާރީ ޕެކެޓާއި ކާނާ ބަންދު ކުރާ ސްޓައިރަފޯމާއި ދިޔާއެއްޗެހި އަޅާފައި ހުރި 500 މިލިލީޓަރަށް ވުރެން ކުދިދިޔާ އެއްޗެހީގެ ޕެޓު ފުޅި ހިމެނެ އެވެ. އަދި ޕްލާސްޓިކު ކަފަބުރާއި ހޮޅި ވެސް ހިމެނެ އެވެ.
އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކުގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން މަނާ ކުރުމަށް އިމްޕޯޓް/އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހު ގެޒެޓުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު، 22، ގަ އެވެ.
އޭގައި ބުނެފައިވާ ގޮތުން މަނާ ކުރާ ޕްލާސްޓިކުގެ ބާވަތްތަކާއި އެ ތަކެތި އެތެރެ ކުރުން މަނާ ކުރާ ތާރީހު ގަރާރަކުން ކަނޑައަޅަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.
އެތެރެ ކުރުން މަނާ ކުރާ ޕްލާސްޓިކާއި އެ ތަކެތި މަނާ ކުރާ ތާރީހު ބަޔާން ކުރާ ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ޖެނުއަރީ، 1، 2021، ގެ ކުރިން ނެރުމަށް ވެސް އެ ގާނޫނު ލާޒިމް ކުރި އެވެ.

ގާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެ ކުރިން މިދިޔަ ޑިސެމްބަރު، 30، ގައި ރައީސް ނެރުއްވި ގަރާރުގައި މަނާކޮށްފައި ވަނީ 12 ބާވަތެއްގެ ޕްލާސްޓިކެވެ. އޭގެ ތެރެއިން ނުވަ ބާވަތެއްގެ ޕްލާސްޓިކު އެތެރެ ކުރުން މަނާ ވަނީ މާދަމާ އިން ފެށިގެންނެވެ.
އޭގެ އިތުރުން ދެ ބާވަތުގެ ޕްލާސްޓިކު ޑިސެމްބަރު، 1، 2022 ގައި އަދި އެއް ބާވަތެއް ޑިސެމްބަރު، 1، 2023 ގައި މަނާ ކުރުމަށް ވެސް ގަރާރުގައި ކަނޑައަޅާފައި އޮތެވެ.
އެ ނިންމުމަށް މާދަމާ އިން ފެށިގެން އަމަލުކުރާއިރު، އިކޮނޮމިކް މިނިސްޓްރީން މިއަދު އާއްމުކުރި އިއުލާނުގައި ބުނެފައިވަނީ މާދަމާގެ ފަހުން ރާއްޖެއަށް ގެންނަ ޝިޕްމަންޓެއް ނަމަ، އެ މުދަލެއްގެ ބިލް އޮފް ލެޑިން (ބީއެލް) ނުވަތަ އެއާވޭ ބިލް މާދަމާގެ ކުރިން ދޫކޮށްފައިވާނަމަ، މުދާ އެތެރެކުރުމަށް ކަސްޓަމްސުން ފުރުސަތު ދޭނެ ކަމަށެވެ.
މާދަމާ އެތެރެ ކުރުން މަނާ ތަކެތި
- ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ޕްލާސްޓިކް ދަނޑިކޮޅު
- ސްޓައިރަފޯމް (ޕާރުސަލް) ފޮށި
- 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު
- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ
- 250 މިލިލީޓަރަށްވުރެ ކުޑަ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި ޝޭމްޕޫ އާއި ސައިބޯނި ފުޅި
- 500 މިލިލީޓަރަށްވުރެ ކުދި ޕީއީޓީ ފުޅީގައި ބަންދުކޮށްފައި ހުންނަ ބުއިމަށް ބޭނުންކުރާ ހުރިހާ ދިޔާ ތަކެތި (ފެނާއި ލުއިބުއިން ހިމެނޭގޮތަށް)
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި ސުންގަނޑި ކަނޑައެޅުން ބަދަލުކޮށްފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް މުދާ އުފުލުމުގައި ގިނަގުނަ ދަތިތަކެއް ހުރުމާއެކު، ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ކަމަށެވެ.
އޭގެ އިތުރުން ރައީސްގެ ގަރާރުގައި ބާޒާރު ކުރަން ބޭނުން ކުރާ 50 މައިކްރޯނަށްވުރެ ތުނި ކޮތަޅު، ޑިސެމްބަރު، 1، 2022، ގައި މަނާ ކުރުމަށް ގަރާރުގައި ހިމަނާފައި އޮތެވެ. ގަރާރުގައިވާ ގޮތުން 50 މިލިލީޓަރާއި 200 މިލިލީޓަރާ ދެމެދު ހުންނަ ކުދި ސައިބޯންޏާއި ޝޭމްޕޫ ފުޅި ވެސް އެ ތާރީހުގައި މަނާވާނެ އެވެ.
އަދި އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެން ފުޅި ޑިސެމްބަރު، 1، 2023 ގައި މަނާވާނެ އެވެ.
އެ ލިސްޓުގައި ހިމެނޭ ބައެއް ބާވަތްތައް އެތެރެކުރުވޭ ތާރީހު ފަސްކުރަން އުޅޭކަމަށް "އަދަދު"އަށް އެނގިފައިވާއިރު، އެ މަޝްވަރާތައް ކުރެވެމުންދާކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވެސް ވަނީ ޔަގީންކޮށްދެއްވައިފަ އެވެ.
ނަމަވެސް، އިކޮނޮމިކް މިނިސްޓްރީން ސުންގަނޑިއަށް ބަދަލު ގެނައުމުން، އެތެރެކުރެވޭ ތާރީހަށް ދެން ބަދަލު ގެންނާނެކަމެއް އަދި ސާފެއް ނުވެ އެވެ.
މީގެ އިތުރުން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުން މަނާކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅައިފަ އެވެ.
ބިލުގައި ބުނެފައިވަނީ ތިމާވެއްޓަށް ގެއްލުންދޭ އެއްޗެހިގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.
އަދި އޭގެ ދަށުން އެކި މަރުހަލާތަކަކަށް ބަހާލައިގެން ސިންގަލް ޔޫސް ޕްލާސްޓިކްގެ ބާވަތްތައް މަނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ނަމަވެސް، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ކުރިން އެ ބާވާތްތަކުގެ ލިސްޓެއް ގެޒެޓު ކުރަންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.













