މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މަޖިލީހުން ހިންގާ ޕާލިމަންޓްރީ އިންކުއަރީއަށް މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުންގެ ކިބައިން މައުލޫމާތު ހޯދަން ނިންމައިފި އެވެ.
މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ނިންމާފައި އޮތީ ހަމަލާދިން އިރު ރައީސް ނަޝީދަށް ދެމުންދިޔަ ސެކިޔުރިޓީ ބްރީޗުވި ގޮތުގެ އިންކުއަރީއެއް، ބޭރުގެ މާހިރުންގެ އެހީތެރިކަމާ އެކު އެންމެ ފުޅާމިނެއްގައި ހެދުމަށެވެ.
އިންކުއަރީގެ ބޭނުމަކީ ރައީސް ނަޝީދަށް ދިން ހަމަލާގައި ކަންކަން ހިނގާދިޔަ ގޮތް ދެނެގަނެ، ކުރިއަށް އޮތް ތަނުގައި އެފަދަ ހަމަލާއެއް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ކަމަށް ކޮމިޓީން ބުނެފައިވެ އެވެ.
އެ އިންކުއަރީގެ ދަށުން ކޮމިޓީން ދަނީ ސަލާމަތީ ހިދުމަތްތަކުގެ އިތުރުން ކަމާގުޅޭ އިދާރާތަކުގެ ބޭފުޅުންނާއި ކުރީގެ އަދި މިހާރުގެ މާހިރުންގެ ލަފާ އާއި މަޝްވަރާ ހޯދައި މައުލޫމާތު އެއް ކުރަމުންނެވެ.
އެގޮތުން، މިއަދުގެ މެންދުރުފަހު މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާގެ އިތުރުން އެ އިދާރާގެ ބިޔުރޯ ޗީފް އާ ވަކިވަކިން ބައްދުވުންތައް ކޮމިޓީން ވަނީ ތާވަލުކޮށްފަ އެވެ.

ނަމަވެސް، އެ ބޭފުޅުންގެ ފަރާތުން ސާފުކުރަނީ ކޮން މައުލޫމާތެއް ކަމެއް އަދި ސާފެއް ނޫނެވެ.
ކޮމިޓީން މިހާތަނަށް ކުރެވިފައިވާ މަސައްކަތާ ގުޅޭގޮތުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ކޮމިޓީން މިހާރު ކުރަމުން އަންނަނީ އެކި ފަރާތްތަކުން މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ކަމަށާއި، ކަމަބެހޭ ބޭފުޅުންނާ ސުވާލުކުރާނީ އެ މައުލޫމާތުތައް ދިރާކުރުމަށްފަހު ކަމަށެވެ.
އޭގެ ތެރެއިން ވަކި ބޭފުޅަކަށް ބެލުމެއް ނެތި، ކޮމިޓީން ސުވާލު ކުރަންޖެހޭ ހުރިހާ ފަރާތްތަކާ ސުވާލު ކުރާނެ ކަމުގެ ޔަގީންކަން އަސްލަމް ދެއްވި އެވެ.
މަޖިލީހުގެ އިންކުއަރީގެ ބޭނުމަކީ އެއްވެސް ބަޔަކު ކުށްވެރިކުރުން ނޫން ކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ކޮމިޓީން ބަލާނީ ސެކިޔުރިޓީ ފޯރުކޮށް ދިނުމުގައި ވެސް މުޅި ނިޒާމުގެ ތެރެއިން ހުރި މައްސަލަތަކަކީ ކޮބައިތޯ ކަމަށެވެ.
މިގޮތުން، ދައުލަތުން ސެކިޔުރިޓީ ފޯރުކޮށްދިނުމުގައި މިހާރު ގެންގުޅޭ އުސޫލުތަކާއި މިންގަނޑުތައް ވެސް ކޮމިޓީން ތަފްސީލީ ގޮތެއްގައި ބަލައި ވަޒަންކުރާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
ކޮމިޓީގެ ރިޕޯޓު އަންނަ މަހުގެ ނިޔަލަށް ނިންމަން އަމާޒުހިފާފައިވާއިރު، މި އިންކުއަރީގެ ތެރެއިން ކޮމިޓީން ފާހަގަކުރެވޭ މައްސަލަތަކާއި ރަނގަޅު ކުރަންޖެހޭ ހުރިހާ ކަމެއް ހުށަހެޅުންތަކުގެ ތެރޭގައި ރިޕޯޓުގައި ހިމެނިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.












