ކޮވިޑުގެ ހާލަތު ބަލަން އަތޮޅުތަކަށް މަންދޫބުން ކަނޑައެޅުމުން ހިތްހަމަނުޖެހިއްޖެ

ރައީސް ސޯލިހު އެމަނިކުފާނުގެ އޮފީސް ތެރޭގައި ނޫސްވެރިންނާ މުހާތަބު ކުރައްވަނީ: އިދިކޮޅު ކޯލިޝަނުން ބުނީ ރައީސް ސޯލިހަށް ބާރުތައް ދޫކޮށްލަން ކެރިވަޑައިނުގެންނެވީ ކަމަށް -- ފައިލް ފޮޓޯ

ރައީސް ސޯލިހު އެމަނިކުފާނުގެ އޮފީސް ތެރޭގައި ނޫސްވެރިންނާ މުހާތަބު ކުރައްވަނީ: އިދިކޮޅު ކޯލިޝަނުން ބުނީ ރައީސް ސޯލިހަށް ބާރުތައް ދޫކޮށްލަން ކެރިވަޑައިނުގެންނެވީ ކަމަށް -- ފައިލް ފޮޓޯ

ވެރިކަން ހިންގާ މާލެ ނޫން ރާއްޖޭގެ އެހެން ރަށްތަކުގެ ކޮވިޑް-19ގެ ހާލަތު މޮނީޓާކޮށް އަދި ކޯޑިނޭޓު ކުރުމަށް ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރާ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވުމުން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ ފަރާތުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ކޮވިޑް-19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު ބެލުން އިތުރަށް ހަރުދަނާ ކުރުމަށާއި ކޯޑިނޭޝަން އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކޮންމެ އަތޮޅަކަށް ސަރުކާރުގެ ފަރާތުން އިސް ފަރާތެއް ކަނޑައަޅުއްވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި" ކަމަށެވެ.

ފާޑުކިޔާ މީހުން ބުނަނީ ރައީސް ސޯލިހުގެ ނިންމެވުމަކީ ލާމަރުކަޒީ އުސޫލާ ހިލާފު ނިންމެވުމެއް ކަމަށެވެ. އަދި އެއީ މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު ސަރުކާރުގެ ބާރުތައް ދޫކޮށްލައްވާނެ ކަމަށް ސޯލިހު ވެވަޑައިގެންފައިވާ ވައުދާ ހިލާފުވެވަޑައިގަތުން ކަމަށް ވެސް ފާޑުކިޔާ މީހުން ބުނެ އެވެ.

ރައީސް ސޯލިހްގެ ނިންމެވުމާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ "އަދަދު" އަށް ވިދާޅުވީ އެއީ "ހަގީގަތުގައި ބާރުތައް މަރުކަޒީ ކުރުން" ކަމަށެވެ.

"ރައްޔިތުން ކަނޑައަޅާފައި އެ ތިބީ ރައްޔިތުންގެ މަންދޫބުން. ކޮންމެ ރަށެއްގައި ރަށު ކައުންސިލްގެ ރައީސަކު އެބަހުރޭ. ކޮންމެ އަތޮޅެއްގައި އަތޮޅު ކައުންސިލް ރައީސަކު އެބަހުރޭ. އެހެންވީމަ އެމީހުންގެ މައްޗަށް އިތުރަށް މީހުން އައްޔަން ކުރުމަކީ ހަގީގަތުގައި ބާރުތައް މަރުކަޒުކުރުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ރައީސުލްޖުމްހުރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސް ހަމަޖެއްސަވަން ނިންމެވީ ހަމައެކަނި ކޯޑިނޭޓް ކުރާނެ ބަޔަކު ކަމަށާއި ކައުންސިލްތަކުގެ ބާރާ އެ މީހުން ނުކުޅޭނެ ކަމަށެވެ.

"ރައްރަށުގެ ކަންކަން ހިންގުން ހަމަ ކުރިއަށްގެންދާނީ އެ ރަށްރަށެއްގެ ކައުންސިލަރުން. ދެން ކައުންސިލްތަކުން އެޗްޕީއޭއާ ވާހަކަ ދައްކައިގެން ކުރިއަށްދާންވީ ގޮތްތައް ނިންމާނީ. މި ބުނާ ލޭޔާއަކީ އެކަންތައްތައް ފެސިލިޓޭޓްކޮށްދިނުމަށް ސަރުކާރުގެ ފަރާތުން، ސަރުކާރުގެ ތެރޭގައި ކުރަންޖެހޭ ބައިވަރު ކަންތައްތައް ހުންނާނެ ނޫންތޯ، އެކަންތައް ކޯޑިނޭޓްކޮށްދޭނެ ބަޔަކު،" މަބްރޫކް ވިދާޅުވި އެވެ.

ކޯޑިނޭޓަރުންގެ މަސައްކަތަކަށް ވާނީ ސަރުކާރުން ރަށްރަށަށް ކޮށްދޭންޖެހޭ ކަންކަން ކޮށްދޭކަން ޔަގީންކޮށްދިނުން ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

"މިހާރު ކުއްލިއަކަށް، އަވަސް އަވަހަށް ކަންކަން ބޭނުންވާ ރަށްތައް އަދި އެ ރަށްރަށުގައި ނުވެ ހުންނަ ކަންކަން ވެސް ބަލަހައްޓަންޖެހޭނެތީ ހައި ލެވެލް ސަރުކާރުގެ ކޯޑިނޭޓާއެއް އެ ހުންނަނީ ޔަގީންކޮށްދޭން އެ މީހުންނާ ދެކެވޭ ވާހަކަތައް ނުވަތަ ކޮށްދޭންޖެހޭ ކަންކަން ގަޑިން ގަޑިއަށް ހިނގާތޯ،" އޭނާ ވިދާޅުވި އެވެ.

ކޯޑިނޭޓަރަކަށް ހަމަޖައްސާ ޑެޕިއުޓީ މިނިސްޓަރު ނުވަތަ ސްޓޭޓް މިނިސްޓަރުން، ކައުންސިލަރުންގެ ބާރުތަކަށް އޯވާރީޗު ނުކުރައްވާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން މަބްރޫކް ދެއްވި އެވެ.

"އޭނައެއް އޯވާރީޗެއް ނުކުރާނެ އެމީހުންގެ ބާރުތަކަކަށް. އެމީހުން ބޭނުންވާ ކަންކަން ސަރުކާރުގެ ފަރާތުން ކޮށްދޭންޖެހޭ ކަންތައްތައް ކޯޑިނޭޓް ކޮށްދޭނީ،" މަބްރޫކް ވިދާޅުވި އެވެ.

ނަމަވެސް އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާއެކު ކޯޑިނޭޓް ކުރުން ވެސް ސިޔާސީ މަގާމުތައް ފުރުއްވާ ބޭފުޅުންނަށްވުރެ އެންމެ ރަނގަޅީ ކައުންސިލަރުން ކަމަށެވެ.

"ނޫން، ކޯޑިނޭޓު ކުރެވޭނެ ސީދާ އެ ބޭފުޅުންނަށް އެ ކުރަންޖެހޭ ބަޔަކާ. އެއީތާ ބާރުތައް ދޫކޮށްލުމަކީ. ރައީސުލްޖުމްހޫރިއްޔާ ނުވަތަ ސަރުކާރާ ކޯޑިނޭޓު ކުރާކަށް ކުޑައެއް ނުވާނެތާ އަތޮޅު ކައުންސިލްގެ ރައީސެއް ވަކި ޑެޕިއުޓީ މިނިސްޓަރަކަށްވުރެ،" މަބްރޫކްގެ ވާހަކައަށް އަބްދުއްރަހީމް ރައްދު ދެއްވި އެވެ. "އެއީ ޑެޕިއުޓީ މިނިސްޓަރުންނަކީ ރައީސް އައްޔަންކުރައްވާ މަގާމެއްގައި ހުންނަވާ ބޭފުޅެއް. އަތޮޅު ކައުންސިލުގެ ރައީސަކީ އަތޮޅު ރައްޔިތުންގެ ވޯޓުން އިންތިހާބުވެވަޑައިގެން ހުންނަވާ ބޭފުޅެއް."

އިދިކޮޅު އެކްޓިން ލީޑަރު އިތުރަށް ވިދާޅުވީ ލާމަރުކަޒީކޮށް ހިންގުމަށް ބޭނުންވާ ބާރުތައް ދޫކޮށްލައްވަން ރައީސް ސޯލިހަށް ކެރިވަޑައިނުގެންނެވީ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިހަށް ބާރުތައް ދޫކޮށްލަން ނުކެރުނީ. ލާމަރުކަޒު ކުރުމުގެ ބަދަލުގައި މަރުކަޒު ކުރުމުގެ ވިސްނުން އެބޭފުޅުން އަބަދުވެސް ގެންގުޅުއްވާނީ. ލާމަރުކަޒު އެބޭފުޅުން ކުރައްވާނީ އަނގައިން ދައްކާ ވާހަކައިން. އަމަލު ކުރައްވާނީ މަރުކަޒު،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސްގެ ނިންމެވުމަށް ބައެއް އާންމުންގެ ފަރާތުން ވެސް ދަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެގޮތުން ކައުންސިލަރުންނަށް ކޯޑިނޭޝަންގެ މަސައްކަތް ހަވާލު ނުކުރާ ސަބަބާމެދު ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.

އަދި ރައީސް އައްޔަން ކުރައްވާފައި ވަނީ އަތޮޅުވެރިންތޯ ސޯޝަލް މީޑިއާގައި މީހަކު ސުވާލުކޮށްފައި އޮތެވެ.

މިދިޔަ އޭޕްރީލް މަހު ބޭއްވި އިންތިހާބަށްފަހު ކައުންސިލަރުން މަގާމުގެ ހުވާ ކުރެއްވުމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ލާމަރުކަޒީ ނިޒާމް ދެމެހެއްޓުމަކީ ކައުންސިލަރުންގެ ޒިންމާއެއް ކަމަށެވެ.

"ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގެނައި މި ބަދަލުތަކާއެކު، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި، މިއަދު މިވަނީ މުޅިން އައު ސަފްހާއެއް ލިޔަން ފަށާފައި. މި ސަފްހާގެ ދެލިގަނޑު ފޭދުނަ ނުދީ، ކުލަގަދަ އަކުރަކުން ލިޔުއްވަމުން ގެންދެވުމަކީ، މިއަދު މަގާމާ ހަވާލުވެވަޑައިގެންނެވި ތިޔަ ކައުންސިލަރުންގެ އެންމެ މަތީ ޒިންމާ ކަމުގައި ހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" މި މެއި މަހުގެ 17 ގައި ރައީސް ދެއްވި ހިތާބެއްގައި ވިދާޅުވި އެވެ.

ރައީސްގެ މިގޮތަށް ވައުދުވެވަޑައިގަތުމަށް ފަހު، މަންދޫބުން ކަނޑައެޅުންވީ ބައެއް މީހުންނަށް ބަލައިނުގަނެވުނު ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox