މެޑްރިޑް (މެއި 29) - ޔޫރަޕްގެ ނަން މަޝްހޫރު ހަ ކްލަބަކަށް ނޫނެކޭ ބުނެ އޮސްޓްރިއާގެ ފުލްބެކް ޑޭވިޑް އަލަބާ ސްޕެއިނުގެ ރެއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ.
އުމުރުން 28 އަހަރުގެ އަލަބާ ހިލޭ ޓްރާންސްފާއެއްގައި ބަޔާން މިއުނިކް ދޫކޮށްލާނެކަން މިދިޔަ އަހަރު އިއުލާނު ކުރުމާ އެކު ގިނަ ކްލަބްތަކަކުން އޭނާ އަށް ކޮންޓްރެކްޓް ހުށަހެޅި އެވެ. އޭގެ ތެރޭގައި ޔޫރަޕްގެ ނަން މަޝްހޫރު ކްލަބްތައް ކަމަށްވާ ލިވަޕޫލާއި ބާސެލޯނާ، މެންޗެސްޓާ ޔުނައިޓެޑް، ޗެލްސީ، މެންޗެސްޓާ ސިޓީ އަދި ޔުވެންޓަސް ހިމެނެ އެވެ. އެކަމަކު އެ ކްލަބްތަކަށް ފުރަގަސްދީ އަލަބާ ނިންމީ ރެއާލާ ގުޅޭށެވެ.
އަލަބާ އިއްޔެ ރެއާލާ އެކު ސޮއިކުރީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި އަހަރަކު މުސާރައިގެ ގޮތުގައި 10.5 މިލިއަން ޕައުންޑް ލިބޭ ގޮތަށެވެ. އަލަބާ އަށް އެންމެ ބޮޑު އަގެއް ހުށަހެޅީ ލިވަޕޫލާއި ޗެލްސީން ކަމަށް އިނގިރޭސި މީޑިއާތަކުން މީގެ ކުރިން ރިޕޯޓްކޮށްފައިވެ އެވެ.
ރެއާލް ކުޅުންތެރިއެއްގެ ގޮތުގައި އަލަބާ މީޑިއާ އަށް ތައާރަފްކުރާނީ އަންނަ މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އެވެ.
އޮސްޓްރިއާ ވިއެން އިން ކެރިއަރު ފަށައި އަލަބާ ބަޔާނަށް ބަދަލުވީ 2008 ވަނަ އަހަރު އެވެ. އެ ޓީމާ އެކު އަލަބާ ވަނީ 10 ފަހަރު ޖަރުމަނު ލީގާއި ދެ ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އަދި ޖަރުމަނުގެ ކަޕް މުބާރާތްތައް ހިމެނޭ ގޮތަށް އަލަބާ ބަޔާނާ އެކު ޖުމްލަ އެއްކޮށް ކާމިޔާބުކުރި މުބާރާތްތަކުގެ އަދަދު 27 އަށް އަރަ އެވެ.
އަލަބާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން ބަޔާން އިން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަރަށް މަސައްކަތް ކުރި އެވެ. އެގޮތުން އަލަބާ އަށް އަހަރަކު 15 މިލިއަން ޕައުންޑްގެ މުސާރައެއް ދޭން ހުށަހެޅި ނަމަވެސް އޭނާ ބޭނުންވީ ކެރިއަރުގައި އާ ޗެލެންޖެއް ނަގާށެވެ.
ރެއާލްގެ ކޯޗުކަމުން މި ސީޒަނަށް ފަހު ޒިނެދިން ޒިދާން ވަކިވެފައިވާއިރު، ރެއާލުން ގެންނަން މަސައްކަތްކުރި ކޯޗު މެސިމޯ އަލެގްރީ ވަނީ އޭނާ ކުރިން ކޯޗުކޮށްދިން ޔުވެންޓަސްއާ އަލުން ހަވާލުވެފަ އެވެ.
ރެއާލާ ދެން ހަވާލުވުމުގެ އެންމެ ފުރުސަތު ބޮޑީ 11 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިންޓަ މިލާނަށް އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދައިދިން ކޯޗު އެންޓޯނިއޯ ކޮންޓޭ އެވެ. އިންޓަގެ ވެރިންނާ އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިން ކޮންޓޭ ވަނީ އެ ޓީމުގެ ކޯޗުކަން ދޫކޮށްލައިފަ އެވެ.












