މއ. މޯނިން ވިއުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުން އެތައް މިލިއަން ރުފިޔާއަކަށް އަރާފައިވާއިރު، އެ ގެއްލުން އެހާ ބޮޑުވީ ސިފައިން އެޓެންޑްވުން ލަސްކަމުން ކަމުގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
"އަޅުގަނޑު ތަކުރާރުކޮށް ގުޅިން، ބޮޑު ލޮރީ ފޮނުވަން އެދުނިން، އެކަމަކު ފުރަތަމަ ވެސް އައީ ކުޑަ ލޮރީއެއް، އޭގެން ކޮންޓްރޯލެއް ނުވި،" އަލިފާނުގެ ހާދިސާ ހިނގި ފަންގިފިލާގައި ދިރިއުޅޭ މުހައްމަދު އިމާދު ބުންޏެވެ.
އިމާރާތުގެ އެންމެ މަތީ، ފަންގިފިލާގައި އަލިފާން ހިފީ ގާތްގަނޑަކަށް 4:30 ހާއިރު އެވެ. އެމްއެންޑީއެފުން ބުނެފައިވަނީ، ރިޕޯޓް ލިބިފައިވަނީ ފަތިހު 5:00 ހާއިރު ކަމެވެ. އެކަމަކު، އަލިފާން ނިއްވަން ސިފައިން އެތަނަށް ދިޔަ ވަގުތެއް ނުބުނެ އެވެ.
އާއިލާގެ ޝަކުވާތަކާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ހޯދުމަށް "އަދަދު"ން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް އެކަމުގައި އެމްއެންޑީއެފްއިން އެއްވެސް އެއްޗެއް ނުބުނެ އެވެ.
އިމާރާތުގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި އެންމެ މަތީ ފަންގިފިލާގައި އުޅޭ މީހުންނަށް ސަލާމަތް ނުވެވިގެން އުޅުނުއިރު ވެސް ސިފައިންނަށް ގުޅި ކަމާއި ނަމަވެސް، އެމީހުންނަށް ނާދެވުނު ކަމަށެވެ. އެންމެ މަތީ ފަންގިފިލާގައި ތިބި މީހުން އަމިއްލައަށް ހަރުގަނޑެއްގެ އެހީގައި ސަލާމަތްވިއިރު ވެސް ސިފައިންނަށް އެތަނަށް ނުދެވެ އެވެ.


ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އިމާދު، މެންބަރު ހައިތަމްއާއެކު - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
އިމާދު ބުނި ގޮތުގައި އަލިފާން ރޯވެފައި ހުރި އިމާރާތުން އަނެއް އިމާރާތަށް ހަރުގަނޑުގެ އެހީގައި ދިއުމަށް ފަހު ސިފައިންނަށް އޭނާ ތަކުރާރުކޮށް ގުޅި އެވެ. ނަމަވެސް، ސިފައިން ކުޑަ ލޮރީއެއްގައި ފުރަތަމަ ފެން ޖެހުމަށް ކުރި މަސައްކަތުން އެއްވެސް ވަރަކަށް އަލިފާން ކޮންޓްރޯލް ނުވި ކަމަށެވެ.
އިމާރާތުގައި އުޅޭ އެހެން މީހަކު ބުނި ގޮތުގައި އެންމެ ފުރަތަމަ ސިފައިން ފެން ހޮޅި ގެންދާނެ މަގެއް ނޭނގިގެން ވެސް ވަރަށް ގިނަ ވަގުތު ހޭދަވި އެވެ. އޭނާ ބުނި ގޮތުގައި ސިފައިން ސަރަހައްދަށް ދިޔައީ ހާދިސާ ހިނގިތާ ގާތްގަނޑަކަށް 50 ވަރަކަށް މިނެޓް ފަހުންނެވެ.
"އަސްލު މިހާ ބޮޑު ގެއްލުންތަކެއް މި ލިބުނީ ސިފައިން އެޓެންޑްވިލެއް ލަސްވީމަ،" އޭނާ ބުންޏެވެ.
އިމާރާތުގެ ހަތަރު ފަންގިފިލާ އެއްކޮށް އަނދާފައިވާއިރު ތިންވަނަ ފަންގިފިލާ ވެސް ވަނީ ބޭނުން ނުކުރެވޭވަރުވެފަ އެވެ. މުޅި އެ އިމާރާތް ހުސްކޮށްފައިވާއިރު 32 މީހުން ވަނީ ވަގުތީ ހިޔާއަށް ބަދަލުކޮށްފަ އެވެ.
އެ މީހުން އަންދާޒާކުރާ ގޮތުގައި، އަލިފާނާ އެކު އާއިލާތަކަށް ލިބުނު ގެއްލުން މިލިއަނުން ގުނާލެވޭނެ އެވެ.
އަލިފާން ނިއްވަން ސިފައިން ދިއުން ލަސްވުމުގެ ކަންބޮޑުވުން މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ފާޅުކުރައްވާފަ އެވެ.
"އެ ބޭފުޅުން ވިދާޅުވާ ގޮތުން 50 އަކަށް މިނެޓް ދިޔަ އެޓެންޑް ވުމަށް. ވަރަށް ކުޑަ އަލިފާނުގެ ހާދިސާއެއް. ނަމަވެސް ފަޔާއެންޑް ރެސްކިއުއިން ގެންދިޔަ ގޮތުން މިހާ ބޮޑު ހާދިސާއެއް ހިނގައިގެން ދިޔައީ. މި ގޭގެ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާ އެބަ ހުރި. ފަޔާ އެންޑް ރެސްކިއުއާ ބައްދަލުކުރަންޖެހޭ،" މުއިއްޒު ވިދާޅުވި އެވެ.
"ކުޑަ ގެއްލުމަކުން ހިފެހެއްޓެއް އޮތް ހާދިސާއެއް، ބޮޑުވެގެން ދިޔައީ،"

އަލިފާނުގެ ހާދިސާ ހިނގި ތަނުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
މުއިއްޒުގެ ވާހަކައަށް ރައްދު ދެއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ހެނދުނު ވިދާޅުވީ އަލިފާނުގެ ހާދިސާއަށް ފަހު، ސިފައިން އަމަލުކުރި ގޮތާ ގުޅޭ ގޮތުން ޝަކުވާއެއް އުޅޭ ނަމަ، އެކަން ރަނގަޅުކުރާނެ ކަމަށެވެ. މިހާތަނަށް މާލޭގައި ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ސިފައިން އަމަލުކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށާއި ހާދިސާއާ ގުޅޭ މައުލޫމާތު އިތުރަށް ދެއްވާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ، މިއީ އެ ވާހަކަ ދައްކައި، ސިޔާސީވާންވީ ވަގުތު ނޫން ކަމަށެވެ. ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީވާނެ ކަމަށާއި މިއީ އެހީތެރިކަން ފޯރުކޮށްދޭންވީ ވަގުތު ކަމަށް ވިދާޅުވި އެވެ.













