މާލޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 22 އަހަރުގެ ދިވެއްސަކު މަރުވެއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި، އެ އެކްސިޑެންޓް ހިނގީ ހުވަފެނީ ގޯޅީގައި ބާވާފައި އޮތް ގާޑިޔަޔަލެއްގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ.
އެކްސިޑެންޓުގައި ލިބުނު ޒަހަމްތަކާ ގުޅިގެން މަރުވީ ސައިކަލްގެ ފަހަތުގައި އިން މީހާ ކަމަށް ފުލުހުން ބުންޏެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓާ އަހުމަދު އަފްއާލް "އަދަދު" އަށް ވިދާޅުވީ އެކްސިޑެއްޓައި ޒަހަމްވެގެން މީހާ ހޮސްޕިޓަލަށް ގެނައިއިރު ވެސް މަރުވެފައިވާ ކަމަށެވެ.
ބޮޑު އެކްސިޑެންޓެއް ހިނގައި، އެކަމަކު މަރުވެފައިވާއިރު އެ ސައިކަލް ދުއްވި މީހާގެ މައުލޫމާތެއް މިހާތަނަށް ނުލިބެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެކްސިޑެންޓް ހިނގުމާއެކު އޭނާ އެތަނުގައި މަޑުނުކޮށް ގޮސްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މަންޒަރު ދުށް މީހަކު "އަދަދު"އަށް ކިޔައިދިން ގޮތުގައި އެކްސިޑެންޓް ހިނގުމާއެކު ސައިކަލް ދުއްވަން އިން މީހާ ފިލައިގެން ދިޔައީ އެވެ. މަރުވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ އެ ހިސާބުގައި ތިބި މީހުން އެމްބިއުލާންސްއަށް ގުޅައިގެން ކަމަށް އޭނާ ބުންޏެވެ.
އެކްސިޑެންޓްގައި މަރުވި މީހާގެ ކަރަށް ބޮޑެތި އަނިޔާތަކެއް ލިބިފައިހުރި ކަމަށް މަންޒަރު ދުށް މީހަކު ބުންޏެވެ.
"ގާޑިޔާގެ ދަށުގައި އޭނަގެ ކަރު ވަދެފަ ވަރަށް ބޮޑަށް ފަޅައިގެން ދިޔަ ކަމަށް ވަނީ،" އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.
މާލޭގައި ކާފިއު ހިންގަމުންދަނިކޮށް އެކްސިޑެންޓް ހިނގާފައިވާއިރު، އެ ސައިކަލް ދުއްވީ ހުއްދަ އޮތް ބައެއް ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.












