ކޮވިޑް އިންތިހާއަށް ފެތުރޭތީ ދެ ހަފުތާގެ މުއްދަތަށް މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ބީއެމްއެލްގެ ބްރާންޗުތަކަށް ގޮސްގެން ހިދުމަތް ދިނުން އެ ބޭންކުން ހުއްޓާލައިފި އެވެ.
ބީއެމްއެލްއިން ބުނީ ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ޖޫން 10 ވަނަ ދުވަހުގެ ނިޔަލަށް ބޭންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ބަންދުވާނެ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ބޭންކުގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ބީއެމްއެލްއިން ބާރު އެޅި އެވެ.
ބޭންކުން ހުޅުވައިގެން ހިދުމަތް ދިނުން ހުއްޓާލި ނަމަވެސް, އޭޓީއެމްތަކުން ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ އެވެ. ފައިސާ ޖަމާކުރަން ބީއެމްއެލްއިން ކަނޑައަޅާފައިވާ ލިމިޓަކީ އާންމު ފަރުދެއްގެ އެކައުންޓަށް 100،000ރ. އަދި ވިޔަފާރި އެކައުންޓްތަކަށް 500،000ރ. އެވެ.
ބޭންކުން އޮންލައިންކޮށް ފޯރުކޮށްދޭ ހިދުމަތްތައް
ބީއެމްއެލްއިން ވަނީ ބޭންކު ބަންދުކުރި ނަމަވެސް ހަފުތާގެ ބަންދު ދެ ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހަކު އަސާސީ ހިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށް ބުނެފަ އެވެ.
- ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން
އިންޓަނޭޝަނަލް ޓްރާންސްފަރ (ޓީޓީ)ގެ ހިދުމަތް އިންޓާނެޓް ބޭންކިން މެދުވެރިކޮށް ލިބޭނެ އެވެ. ނުވަތަ ޓީޓީ އެޕްލިކޭޝަން ފޯމާއި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް international.transfers@bml.com.mv އީމެއިލް ކުރީމަ ފޮނުވޭނެ އެވެ.
ބީއެމްއެލްއިން ބުނީ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެދުވަހު ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
- މުސާރަ ޖަމާކޮށްދިނުން (ޕޭ ރޯލް)
ޕޭ ރޯލް ހިދުމަތަށް އެދި ހުށައަޅަން ޖެހެނީ އީމެއިލްގެ ޒަރިއްޔާއިންނެވެ. އަދި ވިޔަފާރިތަކުން އެ ހިދުމަތައް އެދެން ބޭނުންވާ ތަފްސީލު ބޭންކުގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.
ބީއެމްއެލްއިން ބުނީ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ދުވަހުންދުވަހަށް ޕްރޮސެސް ކުރެވޭނެ ކަމަށެވެ.
- ޗެކް ޖަމާކުރުމާއި ލޯކަލް ބޭންކް ޓްރާންސްފާ
މެންދުނު 12:00 ގެ ކުރިން އޭޓީއެމްތަކަށް ޖަމާކުރާ ބީއެމްއެލްގެ ޗެކްތައް ޕްރޮސެސް ކުރެވޭނެ އެވެ. އެކަމަކު އެހެން ބޭންކުތަކުގެ ޗެކުތައް ޕްރޮސެސް ކުރާނީ އެމްއެމްއޭ ހުޅުވައިގެން ހިދުމަތްދޭ ހޯމަ، އަންގާރަ އަދި ބުރާސްފަތީގައި އެކަންޏެވެ. އަދި މި ދުވަސްތަކުގެ 10:00 ގެ ކުރިން ޖަމާކުރާ ޗެކުތައް ޕްރޮސެސް ކުރެވޭނެ ކަމަށް ބީއެމްއެއިން ބުންޏެވެ.
ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތްތައް ވެސް ލިބެނީ އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތަކުގައި އެކަންޏެވެ. ބީއެމްއެލްއިން ބުނީ ހެނދުނު 11:00 ގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އޭސީއެޗް ޓްރާންސްފާ ރިކުއެސްޓް އެދުވަހު ޕްރޮސެސް ވާނެ އެވެ.
އެ ގަޑީގެ ކުރިން އިންޓަނެޓް ބޭންކިން މެދުވެރިކޮށް ލިބޭ އާރްޓީޖީއެސް ޓްރާންސްފާ 100،000ރ. އަށް ވުރެ މަތި ނޫންނަމަ އެ ދުވަހު ޕްރޮސެސް ވާނެ އެވެ.
ބީއެމްއެލްއިން ބުނީ ހަމަ އެގޮތަށް އީމެއިލް މެދުވެރިކޮށް ލިބޭ އެމްއާރްޓީޖީއެސް ޓްރާންސްފާ ރިކުއެސްޓް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށެވެ.
މި ފޯމުތައް ފޮނުވަން ޖެހެނީ mirapayments@bml.com.mv އަށެވެ. ކަނޑައަޅާފައިވާ ވަގުތުގެ ފަހުން އަންނަ ރިކުއެސްޓްތައް ޖެހިގެން އަންނަ ބޭންކު ހުޅުވާ ދުވަހު ޕްރޮސެސް ކުރާނެ އެވެ.











