ސަރުކާރުން ހައުސިން އާއި ދަރިވަރުންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތަކަށް ލުއި ދިނުމަށް ގިނަ ދަރިވަރުންތަކެއް އެދިފައިވީ ނަމަވެސް ރެއާ ހަމައަށް އެކަމާ މެދު މަޝްވަރާ ކުރެވިފައި ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމުގެ ލޯނު އަނބުރާ ދައްކަންޖެހޭ 4،000 އަށް ވުރެން ގިނަ ދަރިވަރުން އެބަތިއްބެވެ. މީގެ އަހަރެއްހާ ދުވަސްކުރިން ރާއްޖެއަށް ކުރިމަތިވި ކޮވިޑުގެ ދަތި ހާލަތާ ގުޅިގެން އާމްދަނީއަށް އަސަރުކޮށް އެ ލޯނުތައް ދެއްކުމަށް ދަތިވެފައިވާ ކަމުގެ ޝަކުވާ ބޮޑެވެ. އިންޓްރެސްޓް ރޭޓު ބޮޑުކޮށް، ހައުސިންއަށް ނަގާފައިވާ ލޯނުތަކާ ގުޅޭ ކަންބޮޑުވުން ވެސް ބޮޑުއިރު މިއީ ވަރަށް ގިނަ މީހުން ކޮންމެ މަހަކު ދައްކަން ޖެހޭ ގޭ ކުއްޔާ ގުޅިފައިވާ ކަމެކެވެ.
ރާއްޖެ އިން ކޮވިޑް ފުރަތަމަ ފެނުމާ އެކު، ރައީސް ރައްޔިތުންނަށް ދެއްވަން ނިންމެވި ލުއިތަކުގެ ތެރޭގައި ސްޓޫޑެންޓް ލޯނާއި ހައުސިން ލޯނު ލުއިކޮށްދިނުން ހިމެނެ އެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ހަ މަހަށް ލޯނު ދެއްކުން ފަސްކޮށް ދެއްވި އެވެ.
ނަމަވެސް، އެ ހަ މަސް ހަމަވެފައިވާއިރު، މިހާރު ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަނީ މީގެކުރިން ދުވަހަކު ވެސް ގޯސްނުވާ ހާލަތަށް ވެއްޓިފަ އެވެ. އެއާއެކު، ރައީސް ސޯލިހު ވަނީ އެއް މަހުގެ ކަރަންޓު ބިލާއި ފެން ބިލަށް ލުއި ދިނުން ފަދަ ނިންމެވުންތައް ނިންމަވައި ރޭ އެކަން އިއުލާންކުރައްވައިފަ އެވެ.
ފެނާއި ކަރަންޓު ބިލުން ލުޔެއް މި ދިނީ ސްޓޫޑެންޓް ލޯނާއި ހައުސިން ލޯނުން ލުޔެއް ދޭން އެދެމުން ދަނިކޮށެވެ.

ކޮވިޑުގެ ހާލަތު ގޯސްވެފައިވާތީ، ރޭ ރައީސް އޮފީހުގައި ރައީސް ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ސްޓޫޑެންޓް ލޯނާ ގުޅޭ ގޮތުން ސުވާލު ކޮށްފަ އެވެ. އެގޮތުން، އެ ލޯނު ދެއްކުން ފަސްކޮށްދިނުމަށް ރައީސް ވިސްނަވަންތޯ އެ ނޫސްވެރިޔާ އެހި އެވެ.

ރައީސް ނޯޓު ފޮތުގައި އެއްޗެއް ނޯޓު ކުރައްވަނީ: ލޯނާ ގުޅޭ މަޝްވަރާ ކުރަން ނޯޓު ފޮތަށް
އެ ސުވާލަށް ރައީސް ސޯލިހު ދެއްވި ޖަވާބުން ހާމަވީ އެކަމާ މެދު މިހާތަނަށް މަޝްވަރާ ކުރައްވާފައި ނުވާ ކަމެވެ. ނަމަވެސް، އެމަނިކުފާނު އެކަމާމެދު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ނޯޓް ކޮށްފިން، ތިކަމާ ގުޅޭ ގޮތުން އަޅުގަނޑުމެން މަޝްވަރާ ކުރާނަން، އަދި މިއަދާ ހަމައަކަށް އެއަކު ނެތް ގޮތެއް ނިންމިފައެއް، އެކަމަކު މި ވަގުތު ވިސްނާލަން ޖެހޭ ކަމެއް ކަމަށް އަޅުގަނޑު ވެސް ގަބޫލު ކުރަން،" ރައީސް ވިދާޅުވި އެވެ.
އެއަށްފަހު ނޫސްވެރިޔަކު ސުވާލުކުރީ ހައުސިން ލޯނުތަކާ ގުޅޭ ގޮތުންނެވެ. އެ ލޯނުތައް ފަސްކުރުމުގެ ވިސްނުމެއް ސަރުކާރުގައި އެބަ އޮތްތޯ އެހުމުން، ރައީސް ވިދާޅުވީ، "މިހާތަނަށް އެފަދަ ނިންމުމެއް ނެތް" ކަމަށެވެ.
"ހައުސިން ލޯނުގެ ވާހަކަ ދެއްތޯ ތި ވިދާޅުވީ، ކުރީގައި ވެސް އެ ލުއި ދިން ގޮތަށް، ތިއީ އަޅުގަނޑުމެންނަށް މަޝްވަރާ ކުރެވިދާނެ ކަމެއް، އެކަމަކު ކުއްލިއަކަށް މިރޭ އަޅުގަނޑަކަށް ދަންނަވާކަށް ނުކުރެވޭނެ އޭގައި ވަކި ގޮތަކަށް ނިންމާފައި އޮތެކޭ،" ރައީސް ވިދާޅުވި އެވެ.
ލޯނުތަކަށް ގެންނާނެ ލުއިތަކާއި ބަދަލުތައް ވަރަށް އާންމު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ، ހާލަތަށް ބެލުމަށްފަހު ސަރުކާރުން ރައްޔިތުންނަށް ލުއިތައް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ. އެއާއެކު، ސަރުކާރުގެ ހަރަދުތައް ވެސް ކުޑަކުރުމަށް ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.
"އަޅުގަނޑު މިހިތުން މި ގަޑީގައި ލޯނު ނަގައިގެން ވެސް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން އެއީ އެންމެ ރަނގަޅު ގޮތަކީ،" ރައީސް ވިދާޅުވި އެވެ.

ރޭގެ ޕްރެސްއަށްފަހު، ރައީސ ްހެލްތު މިނިސްޓަރާއެކު: ދެވެން އޮތް ލުޔެއް ދެއްވާނެ ކަމަށް ވިދާޅުވި
އެގޮތުން، ކުދި ވިޔަފާރިތަކަށް ވަމުންދާ ގެއްލުންތައް ފޫބެއްދުމަށް ބީއެމްއެލް މެދުވެރިކޮށް ކޮވިޑް ރިލީފް ލޯން ދޫކުރަން ނިންމީ ވެސް އެގޮތުގެ މަތިން ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، 20 މިލިއަން ޔޫރޯ (377 މިލިއަން ރުފިޔާ)ގެ ލޯނު ފެސިލިޓީއެއް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ކުރިން މި ލޯނު ދޫކުރީ 3000 މުވައްޒަފުންނަށް ވުރެ މަދުން ތިބޭ ކުންފުނިތަކަށް ގިނަވެގެން 15.42 މިލިއަން ރުފިޔާ އެވެ. އެކަމަކު މިފަހަރުގެ ލޯން ފެސިލިޓީީއާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.
މި ލޯން ފެސިލިޓީއާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފިނޭންސް މިނިސްޓަރު މުހައްމަދު އަމީރު ހިއްސާކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.













