ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަނުކޮށްފައިވާ ޑރ. ހުސެއިން ރަޝީދު ހަސަން ނަމުގައި އަމިއްލަ ކުންފުންޏެއްގައި އަދިވެސް ހިއްސާ އޮތުމުން އޭނާއަށް ރުހުން ދިނުމުގެ ކުރިން އެކަމުގެ މައުލޫމާތު ސާފުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ޑރ. ހުސެއިންގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓަރު ކަމުގެ މަގާމަށް އައިމިނަތު ޝައުނާ އައްޔަނުކުރައްވާފައިވާއިރު، އެ ދެ ބޭފުޅުންނަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފޮނުއްވައިފަ އެވެ.
އެ މައްސަލަ ދިރާސާކުރަމުން އަންނަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ދެ ބޭފުޅުންނާ ގުޅޭގޮތުން ވުޒާރާތަކުން ފޮނުވާފައިވާ ލިޔެކިޔުންތައް ވަނީ ދިރާސާކޮށްފަ އެވެ.
އެގޮތުން، އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިޔުންތަކުގައި ޑރ. ހުސެއިން އަކީ އަމިއްލަ ކުންފުންޏެއްގައި ފައުންޑިން ޝެއާ ހޯލްޑަރެއް ކަމަށް ބަޔާންކޮށްފައިވާ ކަމުގެ މައްސަލަ ފެންމަތިވި އެވެ.
މެމްބަރުންގެ ހިޔާލު ތަފާތުވި
އެކަމާ ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު އަދި މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ވިދާޅުވީ މީގެެ ކުރިން ޓޫރިޒަމް މިނިސްޓަރަކަށް ޑރ. އަބްދުﷲ މައުސޫމް އައްޔަނުކުރިއިރު ވެސް އެފަދަ މައްސަލަތަކެއް ފެންމަތިވި ކަމަށެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޑރ. މައުސޫމްގެ ހުވަޔާ މެދު ސުވާލު އުފެދުނީ، ހުވާ ކުރެއްވިއިރު އަމިއްލަ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވުމުންނެވެ.
ޑރ. މައުސޫމް އެ މަގާމުން އިސްތިއުފާ ދެއްވީ މިނިސްޓަރުކަމުގެ ހުވާ ކުރެއްވުމަށްފަހު އެވެ. އޭގެ ސަބަބުން ޑރ. މައުސޫމަށް ރުހުން ދީފައިވަނީ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އަލުން ހުވާކުރެއްވުމުންނެވެ.
ވަޒީރަކު ކޮށްގެން ނުވާނެ ކަމެއްގެ ގޮތުގައި ގާނޫނުއަސާސީގެ 136 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާއެއް ލިބޭ ފަދަ އެ ނޫން ވެސް މަގާމެއް ފުރައިގެން ނުވާނެ ކަމަށެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ އާމްދަނީ ހޯދަން ފަންނީ މަސައްކަތެއްގައި ޝާމިލުވެ އާމްދަނީ ލިބޭ ފަދަ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެ ކަމަށެވެ.
އެ ކަމަށް އިޝާރާތްކުރައްވައި ފަލާހް ވިދާޅުވީ އެ މައްސަލަ ތަކުރާރުވިޔަ ނުދިނުމަށްޓަކައި ޑރ. ހުސެއިންއަށް ރުހުން ދޭން ނިންމުމުގެ ކުރިން މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ އިތުރުން ރައީސް އޮފީހުގެ ބަހެއް ހޯދުން މުހިއްމު ކަމަށެވެ.

ޑރ. ހުސެއިން އާއި ޝައުނާ ވަޒީރު ކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ކުރިން ރައީސް އޮފީހުގައި. -ފޮޓޯ: ރައީސް އޮފީސް
ނަމަވެސް، އެކަމުގައި މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވި އެވެ.
އެގޮތުން ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ ކުންފުންޏެއްގައި ހިއްސާ އޮތުމަކީ ވިޔަފާރިއެއްގައި އަމަލީ ގޮތުން ބައިވެރިވުން ކަމުގައި ނުބެލެވޭނެ ކަމަށެވެ. އަދި ޑރ. ހުސެއިން ހުވާ ކުރުމުގެ މަރުހަލާ ރައީސް އޮފީހުން ވެސް ކުރިއަށް ގެންގޮސްފައިވާނީ ގާނޫނުއަސާސީއާ ހިލާފުނުވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެ ވާހަކަތަކަށް ބާރު ދެއްވަމުން ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ވިދާޅުވީ ޝެއާ ހޯލްޑަރުންނަކީ ކުންފުނީގެ ހިންގުމަށް ޒިންމާވާންޖެހޭ ބައެއް ނޫން ކަމަށެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން ވިދާޅުވީ ވަޒީރަކު ވިޔަފާރިއަކުން ފައިދާ ހޯދުން ގާނޫނުއަސާސީން ކަނޑައެޅިގެން މަނާކޮށްފައިވާއިރު ޑރ. ހުސެއިންއަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ހާރޫންގެ ވާހަކަތަކަށް ތާއީދު ކުރައްވައި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ވިދާޅުވި ގޮތުގައި މީގެ ކުރީގެ މަޖިލީހުން ވެސް އެ ކަމުގައި އަމަލުކޮށްފައިވަނީ ވަޒީރުންގެ ހިއްސާއެއް އެއްވެސް ކުންފުންޏެއްގައި ނޯންނަ ގޮތަށެވެ.
އެގޮތުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެރިކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މިހާރުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ފިނޭންސް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރެވުނު އިރު، ގާސިމްގެ ކުންފުނިތަކުގައި ހުރި ހިއްސާތައް ދޫކޮށްލެވިކަން ތޯރިގު ފާހަގަކުރެއްވި އެވެ.
ވަޒީރުންނަށް މަޖިލީހުން ރުހުން ހޯދަންޖެހޭނީ މަގާމުގެ ހުވާ ކުރުމުގެ ކުރިންތޯ ނުވަތަ ފަހުން ކަމާ މެދު ފުށުއެރުންތަކެއް ހުރި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އަދި ޝެއާ ހޯލްޑަރުންނަށް ކުންފުނިން ފައިދާ ލިބޭއިރު، ވަޒީރެއްގެ ހިއްސާ ކުންފުންޏެއްގައި އޮތުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ކުރިން ވެސް އެ މައްސަލަ ފެންމަތިވި
ޑރ. ހުސެއިން ފިޝަރީޒް މިނިސްޓަރަކަށް އައްޔަނުކޮށްފައިވަނީ އެންވަޔަރަންޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް ކަމަށް ފާހަގަކުރައްވަމުން ކޮމިޓީގެ މުގައްރިރު ވަނީ 18 ވަނަ މަޖިލީހުގައި ޑރ. ހުސެއިންއަށް ރުހުން ދިނުމުގައި އަމަލުކޮށްފައިވާ ގޮތެއް ސާފުކުރައްވައިފަ އެވެ.
އޭރު ކޮމިޓީގެ ނިންމުމާ ހަވާލާ ދެއްވައި އިދާރީ ބޭފުޅަކު ވިދާޅުވީ އޭރު ވެސް ޑރ. ހުސެއިންއަށް ރުހުން ދިނުމާ މެދު ކޮމިޓީގެ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވި ކަމަށެވެ.
އެގޮތުން، ބައެއް މެމްބަރުންނަށް ޝެއާ އޮތުމަކީ މައްސަލައެއް ކަމުގައި ނުފެނުނުއިރު، އަނެއް ބައި މެމްބަރުން ވިދާޅުވެފައިވަނީ އެއީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށެވެ.
ނަމަވެސް، އެކަމުގައި އޭރުގެ ކޮމިޓީން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ކޮމިޓީ ރިޕޯޓުގައި ކަންބޮޑުވުމެއްގެ ގޮތުގައި ހިމަނާފައިއޮތީ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ކަންކަން ފުރިހަމަކުރުމަށް ސަރުކާރުގައި އެދުމަށެވެ.
އެއާއެކު ފަލާހް ވިދާޅުވީ މިކަަމުގައި ގިނަ ސުވާލުތަކެއް ފެންމަތިވެފައިވާތީ ވަކި ގޮތެއް ނިންމުމުގެ ކުރިން، މަޖިލީހުގެ ކައުންސެލް ޖެނެރަލާއި ރައީސް އޮފީހުގެ ބަހެއް ހޯދަންޖެހޭ ކަމަށެވެ.
މުގައްރިރުގެ ހުށަހެޅުމަށް އެއްވެސް މެމްބަރަކު އިއުތިރާޒު ނުކުރައްވާތީ، އެގޮތަށް ނިންމުނެވެ.
ޝައުނާ އާއި ވުޒާރާތަކަށް ގެނައި ބަދަލަށް ރުހުން
ޑރ. ހުސެއިންއަށް ރުހުން ދިނުމުގައި ކުރިއަށް ނުދެވުނަސް ޝައުނާގެ ލިޔެކިޔުންތަކުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިނުވާތީ އޭނާއަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށް ގެންދަން ކޮމިޓީން ނިންމި އެވެ.
އެއާއެކު މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން އިއްތިފާގުން އެންވަޔަރަމަންޓު މިނިސްޓަރުގެ މަގާމަށް ޝައުނާއަށް ރުހުން ދޭން ފެންނަ ކަމަށް މިއަދު ފާސްކުރި އެވެ.
ޝައުނާއަށް އެންވަޔަރަމެންޓް މިނިސްޓަރުކަން ދެއްވާފައިވަނީ އެ މިނިސްޓްރީގެ މެންޑޭޓް ވެސް ވަރަށް ބޮޑަށް ފުޅާކުރުމަށްފަހު އެވެ.

އެންވަޔަރަމަންޓް މިނިސްޓަރުކަމަށް އައްޔަނުކުރެއްވި ޝައުނާ. -ފޮޓޯ: ރައީސް އޮފީސް
އެގޮތުން، ކޮމިއުނިކޭޝަން އެންޑް ސައިންސް މިނިސްޓްރީ އުވާލައި، އެ މިނިސްޓްރީގެ މެންޑޭޓް އެންވަޔަރަމެންޓް މިނިސްޓްރީގެ ދަށަށް ރައީސް ސޯލިހު ވަނީ ބަދަލު ކުރައްވައިފަ އެވެ.
އެންވަޔަރަމެންޓް މިނިސްޓްރީގެ ނަން މިހާރު ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ބަދަލުކޮށްފަ އެވެ.
ވަޒީރުންނަށް ރުހުން ހޯދުމުގެ އިތުރުން، އެ މިނިސްޓްރީތަކަށާއިި މަސައްކަތުގެ ދާއިރާއަށް ގެނެވުނު ބަދަލު ވެސް މަޖިލީހުން ފާސްކުރުމަށް ރައީސް ސޯލިހު ވަނީ ފޮނުއްވައިފަ އެވެ.
އެކަން ވެސް ދިރާސާ ކުރަން ކޮމިޓީއާ ހަވާލުކޮށްފައިވާއިރު، ވުޒާރާތަކަށް ގެނެވުނު ބަދަލުތަކަށް ރުހުން ދޭން ފެންނަ ކަމަށް ވެސް މިއަދު ކޮމިޓީގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.












