ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަމުގެ އިތުރުން އޮޑިޓް ދާއިރާ އާއި މާލީ ދާއިރާ އަށް އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކުރައްވާފައިވާ، ކުރީގެ އޮޑިޓަ ޖެނެރަލް، ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އިސްމާއީލް ފަތުހީ އިއްޔެ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުކޫތެއް ގެނެސްފި އެވެ.
މިއަދުގެ ޖަލްސާގައި ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ އިސްމާއީލް ފަތުހީ ދައުލަތަށް ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވައިފަ އެވެ.
އެއާއެކު ރިޔާސަތުގެ އެދިވަޑައިގަތުމަށް މެމްބަރުން ވަނީ ކޮޅަށް ތެދުވެވަޑައިގެން ފަތުހީގެ ހަނދާނުގައި އެއް މިނެއްޓުގެ ސުކޫތެއް ގެނެސްފަ އެވެ.
ފަތުހީ އަވަހާރަވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ހަތަރު ވަނައަށް ވީ ދުވަހު އެވެ. އިސްމާއިލް ފަތުހީގެ އަނބިކަނބަލުން ފާތިމަތު އާބިދާ ހުސެއިން ވެސް އަންނަނީ ކޮވިޑަށް ފަރުވާ ހޯއްދަވަމުންނެވެ.
ޅ. ނައިފަރަށް، 1941، ފެބްރުއަރީ 1 ގައި އުފަންވި އިސްމާއިލް ފަތުހީ އަކީ ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ބޮޑުވަޒީރުގެ ނާއިބް އަލްއުސްތާޒް މޫސާ ފަތުހީގެ ކޮއްކޮ އެވެ. އިސްމާއިލް ފަތުހީގެ ތިއްބަވަނީ ހަތަރު ބޭފުޅުންނެވެ. އޭގެ ތެރެއިން އަހުމަދު ފަތުހީ (ފައްތޭ) އަކީ ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިއެކެވެ.

އިސްމާއިލް ފަތުހީ ދިވެހި ސަރުކާރަށް ކުރެއްވި 46 އަހަރުގެ ހިދުމަތުގައި ވަނީ އޮޑިޓާ ޖެނެރަލްގެ މަގާމުގެ އިތުރުން ފިނޭންސްގެ ސްޓޭޓް މިނިސްޓަރުކަމާއި ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ޑިރެކްޓަރުކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ވައިސް ގަވަރުނަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެންބަރުކަން ކުރައްވައިފަ އެވެ.
އޮޑިޓް އޮފީހުން ވަނީ އޭނާ އަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ރާއްޖޭގެ އެކައުންޓިން ދާއިރާގެ ބައްޕަގެ ލަގަބް، 2019 ވަނަ އަހަރު ދީފަ އެވެ.
އިސްމާއިލް ފަތުހީ އަށް ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާގެ ޝަރަފް އެރުވީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2013 ވަނަ އަހަރެވެ.
އިންޑިއާގެ ބޮމްބޭ ޔުނިވާސިޓީން 1969 ވަނަ އަހަރު ކޮމާސް ދާއިރާ އިން ފުރަތަމަ ޑިގްރީ ހާސިލްކުރެއްވި ފަތުހީ އަކީ އެ ދާއިރާ އިން ޑިގްރީއެއް ނެންގެވި ފުރަތަމަ ދިވެއްސެވެ. ކިޔަވާ ވިދާޅުވެގެން ރާއްޖެ އައުމާ އެކު އިބްރާހިމް ނާސިރުގެ ރައީސްކަމުގައި އިސްމާއިލް ފަތުހީ އަށް ވަނީ އޮޑިޓް އޮފީހުގެ އޮޑިޓަރުކަމުގެ މަގާމް ދެއްވައިފަ އެވެ.
އޭނާގެ އެންމެ ބޮޑު އެއް މަސައްކަތަކަށްވީ، އޮޑިޓް ދާއިރާ އިން މީހުން ތަމްރީންކުރެއްވުމެވެ. އެ މަސައްކަތް ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ވެސް ކުރެއްވި އެވެ. އެހެންކަމުން އިސްމާއިލް ފަތުހީ ފާހަގަކުރެވެނީ ރާއްޖޭގައި އޮޑިޓް ދާއިރާ އިން މީހުން އުފެއްދުމުގެ ބާނީގެ ގޮތުގަ އެވެ. އޭނާ ވަނީ ސަރުކާރުގެ މުދަލާއި ފައިސާގެ ހިސާބު ބެލެހެއްޓުމުގެ ގަވާއިދު ފޮތް ތައްޔާރުކުރެއްވުމުގައި ވެސް އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
އިސްމާއިލް ފަތުހީ އޮޑިޓަ ޖެނެރަލްގެ މަގާމް ފުރުއްވީ 1993 އިން 2008 އަށެވެ.
އިސްމާއިލް ފަތުހީ ވަނީ ރާއްޖޭގައި ހުޅުވި ފުރަތަމަ ބޭންކް ކަމަށްވާ ސްޓޭޓް ބޭންކް އޮފް އިންޑިއާގެ މާލޭ ގޮފި ހުޅުވިއިރު، އެ ބޭންކްގައި ސަރުކާރުގެ އޮފީސްތަކުގެ އެކައުންޓްތައް ހިންގުމުގައި ހިސާބުތައް ގެންގުޅެންވީގޮތް އިންތިޒާމް ކުރުމުގައި އިސް ދައުރެއް އަދާކުރައްވައިފަ އެވެ.
ރާއްޖޭގެ މާލީ ދާއިރާ އަށް އިސްމާއިލް ފަތުހީ ކުރެއްވި ހިދުމަތްތަކަށް ބަލާއިރު ބަޖެޓް ތައްޔާރުކުރުމުގެ މަސްއޫލިއްޔަތު، ޑިރެކްޓާ އޮފް ފިނޭންސާ ހަވާލުކުރެއްވި ހިސާބުން ފެށިގެން އެ މަސައްކަތް ކުރައްވައި ބަޖެޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަތެވެ.
އަދި 1981 ވަނަ އަހަރު އެމްއެމްއޭ އުފެއްދުމުގައި ވެސް އިސްމާއިލް ފަތުހީ އިސް ދައުރެއް އަދާކުރެއްވި އެވެ. އެ ތަނުގެ ވައިސް ގަވަރުނަރުގެ މަގާމް ފުރުއްވައި، އެމްއެމްއޭއާ ބޭންކްތަކާއި ހިނގާ މުއާމަލާތުތަކާއި، ދިވެހި ފައިސާގެ އަގު ހިފެހެއްޓުމުގެ މަސައްކަތްތައް ވިލަރެސްކުރެއްވި އެވެ. މީގެ އިތުރުން ދިވެހި ސަރުކާރު ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް ސަރުކާރުން ކަނޑައަޅާފައި ހުންނަވާ ގަވަރުނަރުކަމާއި އޯލްޓަނޭޓް ގަވަރުނަރުކަން ވެސް ކުރައްވާފައިވެ އެވެ.
ނޭޝަނަލް ޕްލޭނިން އޭޖެންސީގެ ޑިރެކްޓަރެއްގެ ގޮތުން އިސްމާއިލް ފަތުހީ ވަނީ، ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ހިންގި ތަރައްގީގެ މަޝްރޫއުތައް ރޭއްވެވުމުގައި ވެސް އިސްމާއިލް ފަތުހީ ވަނީ ހިދުމަތްކުރައްވައިފަ އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު) އަވަހާރަވުމާ ގުޅިގެން މަޖިލީހުގައި ވަނީ އެއް މިނެޓުގެ ސުކޫތެއް ގެނެސްފި އެވެ.
ގދ. އަތޮޅު މެމްބަރުކަމާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން، ގައްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ޒާހިރު ވެސް އަވަހާރަވެފައިވަނީ ކޮވިޑަށް ޕޮސިޓިވް ވެގެން ފަރުވާދީފައިވަނިކޮށެވެ.












