ޕެރިސް (މެއި 21) - އޮރިޔާންކާޑު ބޭނުން ކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތް ކުރި ކަމަށް ކަރިމް ބެންޒެމާގެ މައްޗަށް ތުހުމަތުކޮށް އޭނާ ގައުމީ ޓީމަށް ނުނަަގައި ހުރިތާ ހަ އަހަރު ފަހުން މި އަހަރުގެ ޔޫރޯ ސްކޮޑުން އޭނާ އަށް ފުރުސަތު ދިން ނަމަވެސް އެއްވެސް ހިތްބުރަ ކަމެއް ނެތް ކަމަށް ވަލްބުއޭނާ ބުނެފި އެވެ.
ބެންޒެމާ އަށް ގައުމީ ޓީމުން ފުރުސަތު ނުދޭން ފެށީ 2015 ވަނަ އަހަރު އޮރިޔާން ކާޑު ބޭނުން ކޮށްގެން ބްލެކްމެއިލް ކުރި މައްސަލައެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ހިސާބުންނެވެ. އޮރިޔާންކާޑު ބޭނުން ކޮށްގެން ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތްކުރި ކަމަށް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ފަސް އަހަރު ފަހުން މި އަހަރު ޖެނުއަރީ މަހު ބަަލަން ފެށި އެވެ. އެކަމަކު ފަހުން އެކަން ކުރިއަށް ނުދިޔަ އެވެ.
އެ މައްސަލައިގެ ސަބަބުން ބެންޒެމާ އާއި ވަލްބުއޭނާ އަށް ބްރެޒިލްގައި 2014 ވަނަ އަހަރު ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ފުރުސަތު ނުދެ އެވެ. އަންނަ މަހުގެ ޔޫރޯ ސްކޮޑުން ބެންޒެމާ އަށް ފުރުސަތު ލިބުމާ ބެހޭގޮތުން ވަލްބުއޭނާ ބުނީ އެއީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ ނިންމުމެއްނަމަ އެ އަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށެވެ.
"ބެންޒެމާ އަށް ރަނގަޅަށް ކުޅެވިއްޖިއްޔާ އެއީ އޭނަ އަށް ވެސް ރަނގަޅެއް. އަދި ފްރާންސް ޓީމަށް ވެސް ރަނގަޅެއް. އަހަރެންގެ ހިތްބުރަކަމެއް ނެތް. މީގެ ހުރިހާ މޮޅެއް އޮތީ ޑިޑިއޭ (ޑެޝޯމްޕްސް) އަށް. އެއީ ކަންތައްތައް ރަނގަޅުވިއްޔާ އޭނާ ރަނގަޅީ. ކަންތައް ގޯސް ވިޔަސް އޭނަ ބޮލުގައި ކަމެއް އަޅުވާނެ ބައެއް ނެތް،" ލިޔޯނާއި މާސޭ އަދި ފެނަބާޗޭ އަށް ކުޅުނު ވަލްބުއޭނާ ބުންޏެވެ.
"އަހަރެން ގަބޫލެއް ނުކުރާ ކަަމަކީ ކުރިން އަހަރެމެންނަށް (ބެންޒެމާ އާއި ވަލްބުއޭނާ އަށް) ގައުމީ ޓީމުން ފުރުސަތު ނެތީ ފުޓްބޯޅައިގެ ސަބަބުތަކާ ހުރެއޭ ބުނާ ބުނުން. އެ ގަބޫލެއް ނުކުރަން. އެ ގޮތަށް އެހެންވާނަމަ ކީއްވެ ކްލަބް ލެވަލްގައި ވަރަށް ކުޑަކޮށް ކުޅެން ލިބޭ ކުޅުންތެރިން ސްކޮޑަށް ނަގަނީ،"
މިހާރު އޮލިމްޕިއާކޯސް އަށް ކުޅެމުން އަންނަ އުމުރުން 36 އަހަރުގެ ވަލްބުއޭނާ ވަނީ ފްރާންސަށް 52 މެޗު ކުޅެދީފަ އެެވެ.
ވަލްބުއޭނާ ވަނީ ފުރުސަތެއް ލިބިއްޖެނަމަ އަދި އެއް ފަހަރު ގައުމީ ޖޯޒީގައި ކުޅެލުމަކީ އަމާޒެއް ކަމަށް ބުނެފަ އެވެ. އެކަމަކު މިހާރު ފްރާންސްގައި ފެންވަރު ރަނގަޅު ކުޅުންތެރިން ގިނަވުމުން ވަލްބުއޭނާ އަށް އެ ފަދަ ފުރުސަތެއް އަލުން ލިބުމުގެ އޮތީ ކުޑަ ފުރުސަތެކެވެ.












