ކުރީގެ ފިރިކަލުން، ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަގެ ފަރާތުން ކުރިމަތިވެވަޑައިގަތީ "ހިތްދަތި ތަޖުރިބާއެއް" ކަމަށް ވިދާޅުވެ އޭނާއަށް ލިބުނު އަނިޔާއާ ދެކޮޅަށް އަސްރާ ނަސީމް މިއަދު އަޑުއުފުއްލަވައިފި އެވެ.
އަނިޔާ ލިބުނު މައްސަލައިގެ ތަހުގީގަށް އިއްޔެ ބަޔާން ދެއްވުމަށް ފަހު، އަސްރާ މިއަދު ވަނީ އޭނާއަށް ކުރިމަތިވި ހިތްދަތިކަން ފޭސްބުކުގައި ހިއްސާކުރައްވައިފަ އެވެ.
އަސްރާ އާއި އޭނާގެ ދެ އަހަރު ނުވާ ދަރިކަލުންނަށް އީސަގެ ފަރާތުން އަނިޔާ ލިބުނީ އިއްޔެ ރޭ ދަންވަރެވެ. ބޭރުފުށުން ވެސް އަނިޔާތައް ފެންނަން ހުރި އިރު އޭނާ ވަނީ ހޮސްޕިޓަލުން ފަރުވާ ހޯއްދަވައިފަ އެވެ.
އޭނާގެ ގާތް މީހަކު "އަދަދު"އަށް ކިޔައިދިން ގޮތުގައި، އަސްރާގެ ކޮނޑުހުޅާއި އަތަށް ވަނީ އަނިޔާ ލިބިފަ އެވެ. އަދި އެންމެ ބޮޑު ހިތްދަތިކަމަކީ ދަރިކަލުންނަށް ކުރިމަތިވި "ބިރުވެރި ވަގުތުކޮޅު" ކަމަށް ވެސް އޭނާ ބުންޏެވެ.
އީސަ، އަސްރާއަށް އަނިޔާކުރާ ކަމަށް ބުނެ އެރޭ ދަންވަރު ޕޮލިހަށް ރިޕޯޓްކުރީ އަވަށްޓެރިންތަކެކެވެ.


އަސްރާ ވިދާޅުވި ގޮތުގައި ފާއިތުވި 24 ގަޑިއިރަކީ އޭނާ އާއި ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ވަގުތެކެވެ. އަދި މިއީ، ދުވަހަކު ވެސް ކުރިމަތިވެދާނެ ކަަމަށް ހީކުރެއްވި ތަޖުރިބާތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ނަމަވެސް މާތްﷲގެ ވާގިފުޅާ އެކު، އަޅުގަނޑުމެން ދެމައިންގެ ހާލު ވެސް މިހާރު ރަގަނޅެވެ،" އަސްރާ ލިއުއްވާފައިވެ އެވެ.
އޭނާއަށް ކުރިމަތިވެވަޑައިގަތް އުނދަގޫ ހާލަތުގައި ރަހުމަތްތެރިންނާއި ހެޔޮއެދޭ ފަރާތްތަކުން ލިބުނު ހިތްވަރަށް އަސްރާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސަ: އޭނާއަށް ތުހުމަތުކުރާ ގެވެށިއަނިޔާގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީކުރަމުން.
އަސްރާއަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޮއެކެވެ. އީސަ އަނިޔާކުރި ކަމުގެ ތުހުމަތުތައް މީޑިއާ އިން ރިޕޯޓްކުރުމާ އެކު، އޭނާ ހައްޔަރުކުރަން ސޯޝަލް މީޑިއާގައި ދަނީ ގޮވަމުންނެވެ. އަދި ގެވެށިއަނިޔާގެ އެހެން މައްސަލަތަކެކޭ އެއްގޮތަށް ފުލުހުން މި މައްސަލަ ދޫކޮށްލާނީތޯ ވެސް ސުވާލު އުފައްދައި ހެދި އެވެ.
އީސައަކީ ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރެވެ. މިފަދަ މަގާމެއްގައި ހުންނަވަނިކޮށް ގެވެށި އަނިޔާގެ މައްސަލައެއް ކުރިމަތިވުމުން އެ ކޮމިޓީގެ ބައެއް މެމްބަރުން ވެސް ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
އީސަގެ މައްސަލައަކީ ހައިޕްރޮފައިލް މައްސަލައަކަށްވާތީ ހާއްސަ ސަމާލުކަމެއް ދީގެން އެކަން ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އަންގަވާފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ "އަދުދު"އަށް ވިދާޅުވި ގޮތުގައި އިޖްތިމާއީ ކޮމެޓީގެ މުގައްރިރުކަމުން މެމްބަރު އީސަ ވަކި ކުރުމަށް ކޮމެޓީގެ ތިންބައިކުޅަ އެއްބައި މެމްބަރުން ސޮއި ކުރައްވައި ވަނީ ހުށަހަޅުއްވައިފަ އެވެ.
"މުގައްރިރުކަމުން ވަކިކުރުމުގެ ނޯޓިސް އަޅުގަނޑަށް މިހާރު ލިބިފައި މި އޮތީ،" ނިއުޝާ ވިދާޅުވި އެވެ.
ކޮމެޓީގެ މުގައްރިރުކަމުން އީސަ ވަކިވަނީ މެންބަރުންގެ މެދުގައި ވޯޓެއް ނަގައި އަގުލަބިއްޔަތުން އެކަން ފާސްކޮށްގެނެވެ.
ގެވެށި އަނިޔާގެ މައްސަލައެއްގައި އީސައަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަމުގެ ލިސްޓު ނެރުނުއިރު ވެސް އީސަގެ ނަން އޮތެވެ. ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ޕީޖީ އޮފީސް ގުޅިގެން ހިންގާ ތަހުގީގުގައި އެ މައްސަލަ ވެސް އަންނަނީ ބަލަމުންނެވެ.













