ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓު އާއްމުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަށް ތަޅުމުން މިއަދު ފާސްކުރަން ނެގި ވޯޓުގައި، އެ ލިސްޓުގައި ހިމެނުނު މެމްބަރުންގެ ތެރެއިން އެމްޑީޕީގެ ޕީޖީ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވޯޓު ދެއްވައިފި އެވެ.
ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ އެ މައްސަލަ ދިރާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކު މުޅި ލިސްޓް އާއްމުކޮށްފަ އެވެ.
އެ ލިސްޓުގައި ނަވާރަ ވަނަ މަޖިލީހުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ ޖުމްލަ ނުވަ މެމްބަރުން ތިއްބަވާއިރު، އެ ލިސްޓުގައި ނަން ހިމެނިފައިނުވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ އިތުރުން ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު އެކަންޏެވެ.
އޭރު އިދިކޮޅުގައި އޮތް އެމްޑީޕީ މެމްބަރުން ތަކެއް ލިސްޓުގައި އޮތް ކަމަށް ތުހުމަތުކުރެވުނުއިރު، މިއަދު އާއްމުކުރި ލިސްޓުގައި އެ ޕާޓީގެ އިސް ސަފުގައި މަޖިލިސް ތަމްސީލު ކުރައްވާ ތިން މެމްބަރުންނާއެކު ޖުމްލަ ހަތަރު މެމްބަރުން ހިމެނުނެވެ.
ނަން ހިމެނުނު މެމްބަރުންނާއި ލިބުނުކަމަށް ތުހުމަތު ކުރެވޭ ފައިސާގެ އަދަދުތައް
- އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (26.57 މިލިއަން ރުފިޔާ)
- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (1 މިލިއަން ރުފިޔާ)
- މަހިބަދޫ ދައިރާގެ މެމްބަރު އަހުމަދު ތޯރިގު (4.7 މިލިއަން ރުފިޔާ)
- ފަރެސްމާތޮޑަ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދި ލަތީފް - (1.8 މިލިއަން ރުފިޔާ)
- ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން - (2.5 މިލިއަން ރުފިޔާ)
- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު - (8.31 މިލިއަން ރުފިޔާ)
- ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ - (1.5 މިލިއަން ރުފިޔާ)
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް - (1 މިލިއަން ރުފިޔާ)
- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް - (88.6 މިލިއަން ރުފިޔާ)
- ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ - (500،000 ރުފިޔާ)
- މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރު - (300،000 ރުފިޔާ)
- ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް - (5.9 މިލިއަން ރުފިޔާ)
- ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން - (500،000 ރުފިޔާ)
- ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު - (1 މިލިއަން ރުފިޔާ)
- ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހްސިން ހަމީދު - (330،000 ރުފިޔާ)
- ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން - (2 މިލިއަން ރުފިޔާ)
މިގޮތުން، މިހާރުގެ އެމްޑީޕީ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ އިތުރުން މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރުގެ ނަން އެބަ އޮތެވެ.

އެކަމާ ގުޅިގެން މިއަދު ކުރިއަށް ދިޔަ ބަހުސްގައި ލިސްޓުގައި ނަން އޮތް މެމްބަރުންގެ ތެރެއިން ދިފާއުގައި ވާހަކަ ދައްކަވާފައިވަނީ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އެކަންޏެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ނަފްރަތު އުފައްދަން، އެ ލިސްޓު އާއްމުކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ވަކި ބަޔެއްގެ އަބުރު ކަތިލުމުގެ ބޭނުމުގައި ކަމަށެވެ.
އެގޮތުން، އެސެޓް ރިކަވަރީ ކޮމިޝަނަށް ތިން އަހަރު ވެގެންދާއިރު، އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ސުވާލެއް ވެސް ކޮށްލާފައިވަނީ އެންމެ 28 ޕަސަންޓު މީހުންނާ ކަމަށާއި، އެކަމުގެ ސަބަބުން އެ ކޮމިޝަނުގެ އިހުލާސްތެރި ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑަކަށް ގައިމުވެސް ގަބޫލެއް ނުކުރެވޭ އެ ކޮމިޝަނަށް ރަނގަޅު މަސައްކަތެއް ކުރެވިފައިއޮތް ކަމަކަށް،" ޝިޔާމް ވިދާޅުވި އެވެ.
އެ ލިސްޓު އާއްމުކޮށްފައިވަނީ އެތައް ރައްޔިތުންގެ އަބުރު ކަތިލުމަށް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
އޭގެ ފަހުން ކޮމިޓީން ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި އެ ރިޕޯޓު ފާސްކުރީ އެ ވޯޓުގައި ބައިވެރިވެވަޑައިގަތް 45 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ 16 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިއަދުގެ ޖަލްސާއަށް ހާޒިރުވެސް ވެފައިނުވާއިރު، ޖަލްސާއަށް ވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ވޯޓުގައި ބައިވެރިވެޑައިގެންނެވީ އާޒިމް އެކަންޏެވެ.
އޭނާ ވޯޓު ދެއްވީ ރިޕޯޓާއެކު ނަންތައް އާއްމުކުރަން ފެންނަ ކަމަށެވެ.
ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިނުވި މެމްބަރުން
- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު
- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
- ފަރެސްމާތޮޑަ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް
- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
- ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން
- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ރަސްމީ ފަރާތަކުން ފުރަތަމަ ފަހަރަށް އާއްމުކުރި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމެނިފައިވާއިރު، އޭގެ ތެރެއިން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ.
އޭގެ ތެރޭގައި މި ހިނގާ 19 ވަނަ މަޖިލީހުގެ ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެމްބަރުންނާ އެކު ޖުމްލަ 16 މެމްބަރުންނާއި، މި ސަރުކާރުގެ ތިން ވަޒީރަކު ވެސް ހިމެނެ އެވެ.
ލިސްޓު އާއްމުކުރުމުގެ އިތުރުން، ކޮމިޓީން ޖުމްލަ އަށް ހުށަހެޅުމަށް ރިޕޯޓުގައި ހިމަނާފައިވާއިރު، އޭގެ ތެރޭގައި އެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުން ހިމެނެ އެވެ.
އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ، ދައުލަތުގެ މަގާމުތަކުގައި ތިބެގެން ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވާތީ އެވެ.
އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތަހުގީގުތައް އެކި މަރުހަލާތަކުގައި ހުރިއިރު، އޭގެ ތެރެއިން 60 ޕަސަންޓު މީހުންގެ ތަހުގީގު އޮތީ އަދި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އެވެ.
އެ ލިސްޓުގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާއިރު، ހަމައެކަނި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އޮތް ބަޔެއްގެ ނަންތައް ވެސް އާއްމުކުރުމުން ކޮމިޝަނުގެ އިތުރުން މަޖިލީހަށް ވެސް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.













