ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓު އާއްމުކޮށް، އެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ނިންމި ނިންމުމަށް، މަޖިލީހުން މިއަދު ތާއީދުކޮށްފި އެވެ.
ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ އެ މައްސަލަ ދިރާކޮށް ނިންމި ގޮތުގެ ރިޕޯޓާއެކު މުޅި ލިސްޓް އާއްމުކޮށްފަ އެވެ.
ރަސްމީ ފަރާތަކުން ފުރަތަމަ ފަހަރަށް އާއްމުކުރި ލިސްޓުގައި ޖުމްލަ 281 ފަރާތެއްގެ ނަން ހިމެނިފައިވާއިރު، އޭގެ ތެރެއިން މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ.
އޭގެ ތެރޭގައި މި ހިނގާ 19 ވަނަ މަޖިލީހުގެ ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެމްބަރުންނާއއެކު ޖުމްލަ 16 މެމްބަރުންނާއި، މި ސަރުކާރުގެ ތިން ވަޒީރަކު ވެސް ހިމެނެ އެވެ.
ލިސްޓު އާއްމުކުރުމުގެ އިތުރުން، ކޮމިޓީން ޖުމްލަ އަށް ހުށަހެޅުމަށް ރިޕޯޓުގައި ހިމަނާފައިވާއިރު، އޭގެ ތެރޭގައި އެ ލިސްޓުގައި ހިމެނޭ ދައުލަތުގެ އެކި މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުން ހިމެނެ އެވެ.

އޭގެ ސަބަބެއް ކަމަށް ބުނެފައިވަނީ، ދައުލަތުގެ މަގާމުތަކުގައި ތިބެގެން ތަހުގީގަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވާތީ އެވެ.
އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ކޮމިޓީގެ ހުށަހެޅުންތައް
- ދައުލަތުގެ ތެރޭގައި ތިބި ކުރީގެ އަދި މިހާރުގެ މުވައްޒަފުންގެ ތަހުގީގު އަވަސްކުރުން.
- އޭސީސީގެ މުވައްޒަފުންނާއި ވަސީލަތްތައް ޖޮއިންޓު ތަހުގީގަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން.
- އެމްއެމްޕީއާރުސީ ހިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ އަނބުރާ ހޯދުން އަވަސް ކުރުން.
- ތުހުމަތުކުރެވޭ މީހުންގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް ވަކިކުރުން.
- ތުހުމަތުކުރެވޭ މީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ ތަހުގީގު އަވަސް ކުރުން.
- ފައިނޭންޝަލް އިންވެސްޓިގޭޝަންތަކަށް ހަރުދަނާ އުސޫލެއް އެކުލަވާލުން.
- ފައިނޭންޝަލް އިންވެސްޓިގޭޝަން ދާއިރާއިން މީހުން ބިނާކުރުން.
- ތަހުގީގަށް ބޭނުންވާ މައުލޫމާތު ވީއެންމެ އަވަހަކަށް ދައުލަތުގެ އިދާރާތަކުންނާއި ބޭންކުތަކުން ފޯރުކޮށްދިނުން.
އެއާއެކު ކޮމިޓީން ނިންމި ގޮތަށް މިއަދުގެ ޖަލްސާގައި އެ ރިޕޯޓު ފާސްކުރީ އެ ވޯޓުގައި ބައިވެރިވެވަޑައިގަތް 45 މެމްބަރުންގެ އިއްތިފާގުންނެވެ.
ލިސްޓުގައި ހިމެނުނު 16 މެމްބަރުންގެ ތެރެއިން ވޯޓު ދެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް އެކަންޏެވެ. ތުހުމަތުވާ މެމްބަރުންތަކެއް ޖަލްސާގައި ހާޒިރުވެވަޑައިގެން ތިއްބެވި ނަމަވެސް ރިޕޯޓަށް ވޯޓުދީފައެއް ނުވެ އެވެ.
އެ 16 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިއަދުގެ ޖަލްސާއަށް ހާޒިރުވެސް ވެފައިނުވާއިރު، ޖަލްސާއަށް ވަޑައިގެންނެވި ހަތް މެމްބަރުންގެ ތެރެއިން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފިޔަވައި ބަހުސްގައި ދިފާއުގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.
ނަމަވެސް، ބާކީ ތިއްބެވި މެމްބަރުންނާއެކު ޝިޔާމް އެ ވޯޓުގައި ބައިވެރިވެޑައެއް ނުގަންނަވަ އެވެ.
ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިނުވި މެމްބަރުން
- މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު
- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް
- ފަރެސްމާތޮޑަ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް
- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު
- ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން
- މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 280 އަށް އަރައިފަ އެވެ.
އެ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތަހުގީގުތައް އެކި މަރުހަލާތަކުގައި ހުރިއިރު، އޭގެ ތެރެއިން 60 ޕަސަންޓު މީހުންގެ ތަހުގީގު އޮތީ އަދި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އެވެ.
އެ ލިސްޓުގައި ހިމެނޭ އެންމެންނަކީ ކުށްވެރިން ނޫން ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފައިވާއިރު، ހަމައެކަނި މައުލޫމާތު އެއްކުރުމުގެ މަރުހަލާގައި އޮތް ބަޔެއްގެ ނަންތައް ވެސް އާއްމުކުރުމުން ކޮމިޝަނުގެ އިތުރުން މަޖިލީހަށް ވެސް ބޮޑެތި ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.












