ޕެރިސް (މެއި 18) - ފްރާންސް ގައުމީ ޓީމުން ޒާތެއްގެ ސަސްޕެންޝަނެއް ދީފައި ހުރި ރެއާލް މެޑްރިޑްގެ ފޯވާޑް ކަރީމް ބެންޒެމާ ހަ އަހަރަށް ފަހު އަލުން ގައުމީ ޓީމުގެ ސްކޮޑަށް ނަގައިފި އެވެ.
ބެންޒެމާ އަށް ގައުމީ ޓީމުން ފުރުސަތު ނުދޭން ފެށީ 2015 ވަނަ އަހަރު އޮރިޔާން ކާޑު ބޭނުންކޮށްގެން ބްލެކްމެއިލްކުރި މައްސަލައެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރި ހިސާބުންނެވެ. އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާ އަށް ބިރުދައްކަން މަސައްކަތްކުރި ކަމަށް ބެންޒެމާގެ މައްޗަށް ކޮށްފައިވާ ތުހުމަތުގެ މައްސަލަ ފަސް އަހަރު ފަހުން މި އަހަރު ޖެނުއަރީ މަހު ބަަލަން ފެށި އެވެ. އެކަމަކު ފަހުން އެ ވާހަކަ މީޑިއާގައި ނުދައްކަ އެވެ.
ބެންޒެމާ އާއި ވަލްބުއޭނާ އަކީ ބްރެޒިލްގައި 2014 ވަނަ އަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ކުޅުނު ފްރާންސް ޓީމުގެ ދެ މެމްބަރުންނެވެ. އެއީ ބެންޒެމާ ގައުމީ ޓީމަށް އެންމެ ފަހުން ކުޅުނު މުބާރާތެވެ. މައްސަލަ ފެންމަތިވުމަށް ފަހު 2015 ވަނަ އަހަރުގެ ފަހުން މި ކުޅުންތެރިންނަށް ފްރާންސް ސްކޮޑުން ފުރުސަތު ނުލިބެ އެވެ.
ފްރާންސް ސްކޮޑުން އަލުން ބެންޒެމާ އަށް ފުރުސަތު މި ދިނީ އެކަމާ ބެހޭގޮތުން ގިނަ ވާހަކަތަކެއް މީޑިއާގައި މިދިޔަ އަހަރުގައި ދެކެވުނު ފަހުންނެވެ. ބެންޒެމާ އަކީ އަލްޖީރިއާގެ ދަރިކޮޅަށް ނިސްބަތްވާ ކުޅުންތެރިއަކަށްވާތީ އޭނާ އަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ފުރުސަތު ނުދެނީ ނަސްލީ ތަފާތުކުރުންތަކެއްގެ ސަބަބުން ކަމަށް ވެސް ތުހުމަތުކުރެވުނެވެ. އަދި އޮރިޔާންކާޑު މައްސަލައިގެ ސިޔާސީ ޕްރެޝަރާ ހެދި ބެންޒެމާ އަށް ފުރުސަތު ނުދޭ ކަމަށް ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ.
އުމުރުން 33 އަހަރުގެ ބެންޒެމާ އަށް މި ފަހަރު ޔޫރޯ ސްކޮޑުން ފުރުސަތު ދޭން މި ނިންމިއިރު، އޭނާ އަކީ ޔޫރަޕްގައި މި ސީޒަނު އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ފޯވާޑް އެވެ. ބެންޒެމާ ވަނީ މި ސީޒަނުގައި މިހާތަނަށް 45 މެޗުން 29 ގޯލު ޖަހައި އަށް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ބެންޒެމާ އަށް ފުރުސަތު ދޭން ނިންމި ސަބަބެއް ޑެޝޯމްޕްސް ހާމައެއްނުކުރެ އެވެ. ސްކޮޑު އިއުލާންކުރުމަށް ފަހު ޑެޝޯމްޕްސް ބުނީ މިދިޔަ އަހަރު ބާއްވަން ތާވަލުކުރި ޔޫރޯ އެ ތާރީހާ އެއްގޮތަށް ދިޔަ ނަމަ މިހާރު ސްކޮޑުގައި ތިބި ބައެއް ކުޅުންތެރިންނަށް ޖާގަ ލިބުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އަދި އެ ކުޅުންތެރިން ފުރުސަތު ހޯދީ މިހާރު މި ކުރިއަށްދާ ސީޒަނުގައި ދެއްކި ކުޅުމުގެ ސަބަބުން ކަމަށް ޑެޝޯމްޕްސް ބުންޏެވެ.
އެންމެ ފަހުން ރަޝިއާގައި ބޭއްވި ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ފްރާންސަކީ މި ފަހަރުގެ ޔޫރޯގެ ފޭވަރިޓުންގެ ގޮތުގައި ގުނާލެވޭ ޓީމެކެވެ. ފްރާންސްގެ ސްކޮޑުން ބެންޒެމާގެ އިތުރުން ދެން އަލުން ފުރުސަތު ހޯދި ކުޅުންތެރިންގެ ތެރޭގައި ސެވިއްޔާގެ ޑިފެންޑަރު ކޫންޑޭ އާއި ބޮރޫޝިއާ މުންޗެންގްލަޑްބެކްގެ ފޯވާޑް މާކަސް ތުރާމް ހިމެނެ އެވެ. ދެން ގިނައީ ކުރިން ވެސް ސްކޮޑުން ފުރުސަތު ހޯދަމުން އައި ކުޅުންތެރިންނެވެ.












