ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުވާ މީހެއް މިރޭ މާލޭން ހައްޔަރުކޮށްފި އެވެ.
ފުލުހުން ދެންމެ ބުނި ގޮތުގައި، ހަރުކަށި ފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށް ތުހުމަތު ކުރެވޭ 49 އަހަރުގެ ދިވެހި ފިރިހެނެއް މާލޭން މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމީހާއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު، ފުލުހުން ގެންދަނީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. ސިފައިން ދަނީ މާލޭ ތެރޭގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އައިއީޑީއެއް ގޮއްވާލައިގެން ދިން ހަމަލާ ވެސް ހަރުކަށި ފިކުރާ ގުޅޭއިރު މިހާތަނަށް ހައްޔަރުކުރި ތިން މީހުންގެ ހަރުކަށި ފިކުރުގެ ވިސްނުންތައް ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީގައި ވެސް ފުލުހުން އޮޕަރޭޝަނެއް ހިންގައި އައިއެސް ޖަމާއަތާ ގުޅުން އޮތް ހަތް މީހަކު ހައްޔަރުކޮށް ވަނީ ބަންދު ޖަހާފަ އެވެ. އޭގެ ފަހުން ކ. ގުރައިދޫއާ އިންވެގެން އޮންނަ ކުޑަ ފަޅު ރަށެއް ކަމަށްވާ ޅޮސްފުށި ވެސް ފުލުހުން ވަނީ ބަލާފާސްކޮށްފަ އެވެ.
މި އޮޕަރޭޝަންތަކާ ގުޅޭ ތަފްސީލީ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ނަމަވެސް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ރައީސް ނަޝީދުގެ ހަމަލާއާ ގުޅުން އޮތް އެންމެ ހައްޔަރުކޮށް، އެކަމަށް ފަންޑުކުރި މީހުންނާއި އަޑީގައި ތިބި މީހުން ވެސް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.












