ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހަޅާ މައްސަލައިގެ މިއަދުގެ ޖަލްސާގެ ވަގުތު އިތުރުކޮށްގެން ކުރިއަށް ގެންދިޔަ ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ވަރަށް ޖަޒުބާތުގައި ރައީސް ނަޝީދު ކުރެއްވި މަސައްކަތްތަކާއި ރައްޔިތުންނަށް ހޯދައި ދެއްވި ކުރިއެރުމުގެ ވާހަކަތައް ފާހަގަކުރައްވައިފަ އެވެ.
އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ފެށުނީއްސުރެ ރައްޔިތުންނާއި ގައުމުގެ ހައްގުތަކަށް ކެނޑެނޭޅި ރައީސް ނަޝީދު ކުރެއްވި މަސައްކަތްތައް ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށެވެ.
އާޒިމް ވިދާޅުވި ގޮތުގައި ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާރު ހައްޔަރުކޮށްފައިވާ ތިން މީހުންނަށް އަދަބު ދިނުމަކުން ނުނިމޭ ކަމަށެވެ.
"މިއަދު ފަހަރެއްގާ ރައީސް ނަޝީދު، މާދަމާ ކަމަނާ. އަނެއް ދުވަހު ކޮންމެވެސް ވަޒީރެއް. ދެން ޖެހިގެން އަންނަ ދުވަހު މިތަނުން ކޮންމެވެސް މެމްބަރެއް. މިއީ ހުއްޓުމެއް އަންނާނެކަމެއް ނޫން،" އާޒިމް ވިދާޅުވި އެވެ.
އެކަންކަން ހުއްޓުވަން ބޭނުންނަމަ މިކަމުގެ ފަހަތުގައި ތިބި މީހުންނާއި އެކަން ރޭވި މީހުންނާއި ފައިސާ ހަރަދުކުރި މީހުން ހޯދަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެހެން އިންސާނެއްގެ ފުރާނަ ދުއްވާލަން ޖެހިލުންނުވާ ބަޔަކު މުޖުތަމައުގެ ތެރޭގައި ތިބިކަން ހާމަވެގެން ދިޔުމަކީ ނުހަނު ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވެސް ވަނީ އެ ހަމަލާއަށް ފަންޑުކުރި މީހުން ހާމަނުކުރާ ކަމަށް ވިދާޅުވެ ސަލާމަތީ ބާރުތަކަށް ފާޑުވިދާޅުވެފަ އެވެ.
"މިއީ އެންމެންގެ ކުރިމަތީގައި ރާވަފައި އޮތް ކަމެއް. ނޭނގި ހިނގާފައި އޮތް ކަމެއް ނޫން. މަޖީދީ މަގުގަ މީހުން އީދަށް ވިޔަފާރިކުރަން ނުކުތް ވަގުތެއްގަ ގޮއްވާލާފައި އޮތް ބޮމެއް. މީގެ ފަހަތުގައި ތިބި މީހުން ހޯދަން ކެނޑެނޭޅި މަސައްކަތް ކުރަންޖެހޭ،" ބޮންޑޭ ވިދާޅުވި އެވެ.
މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވީ މި ހަމަލާއަކީ ރާއްޖެއަކީ އަމާން ގައުމެއް ނޫން ކަން ދައްކައި، ޓޫރިޒަމް ހަލާކުކޮށްލަން ދިން ހަމަލާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އޭނާ ވެސް ވިދާޅުވީ މި ހަމަލާގެ ތަހުގީގު ހަމައެކަނި ހަމަލާގައި ބައިވެރިވި މީހުންގެ ހިސާބުން ނިމިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ ޓެރަރިސްޓާ ރައީސް ނަޝީދާ ޒާތީ މައްސަލައެއް އޮތް ކަމަކަށް. މީގެ ފަހަތުގަ ތިބޭނެ ބަޔަކު. މި އިންސާފު ބޮޑު ނަގުލަށް ދިޔައީމަ ކަމަކުނުދާނެ،" ރާއީ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށްފަހު އެމަނިކުފާނު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ގެންގޮސްފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ބޮންގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
އެ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައިވެ އެވެ.













