މެޑްރިޑް (މެއި 17) - މި ސީޒަން ނިމުމުން ރެއާލް މެޑްރިޑް ދޫކޮށްލަން އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ނިންމާފައިވާ ކަމަށް ގޯލް. ކޮމް އިން ރިޕޯޓްކޮށްފައިވީ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ބުނެފި އެވެ.
ގޯލް އިން ރިޕޯޓްކުރާގޮތުގައި ޒިދާން ވަނީ މި ސީޒަން ނިމުމުން ރެއާލް ދޫކޮށްލަން ނިންމާފައިވާކަން ރެއާލްގެ ކުޅުންތެރިންނަށް އަންގައިފަ އެވެ. އެކަމަކު ރޭ ސްޕެނިޝް ލީގުގައި އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން ރެއާލް މޮޅުވި މެޗަށް ފަހު ޒިދާން ބުނީ އޭނާ އަކީ ސީޒަނެއްގެ މުހިއްމު ހިސާބަކުން އެފަދަ ކަމެއް ކުރާނެ މީހެއް ނޫން ކަމަށެވެ.
"އަހަރެން ކިހިނެއް ލީގަށް ވާދަކުރަމުން އަންނަނިކޮށް ކުއްލިއަކަށް ކުޅުންތެރިން ގާތުގައި އަހަރެން މި ދަނީއޭ ބުނާނީ. އަހަރެން އެ ގޮތަކަށް ނުހަދާނަން. އަދި އެ ވާހަކައެއް ނުދައްކަން،" ހިތްހަމަނުޖެހިފައި ހުރެ ޒިދާން ބުންޏެވެ.
"ކްލަބުން ބޭރުގެ މީހުން އެ މީހުން ބޭނުން ވާހަކައެއް ދައްކަންވީ. އެކަމަކު އަހަރެން ދުވަހަކު ވެސް އަހަރެންގެ ކުޅުންތެރިން ސީޒަނެއްގެ މުހިއްމު ހިސާބެއްގައި އެކަނި ދޫކޮށްލާ ވަރުގެ ވާހަކައެއް ނުދައްކާނަން،"
ސްޕެނިޝް ލީގު ހޯދުމުގެ ރޭހުގައި ފަހު މެޗާ ކުރިމަތިލާއިރު، ލީގުގެ ރޭހުގައި އޮތީ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެ ވަނަ މަގާމުގައި އޮތް ރެއާލް އެވެ. އެތުލެޓިކޯ ކުރީގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެތުލެޓިކޯ އަށް 37 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ރެއާލްގެ އޮތީ 37 މެޗުން 81 ޕޮއިންޓެވެ. ތިން ވަނައިގައި 37 މެޗުން 76 ޕޮއިންޓާ އެކު އޮތް ބާސެލޯނާ އަށް ދެން މި ފަހަރު ލީގެއް ނުލިބޭނެ އެވެ.
އާދިއްތަ ދުވަހު ރެެއާލް އަމިއްލަ ދަނޑުގައި ވިޔަރެއާލާ ކުޅޭއިރު، އެތުލެޓިކޯ ބައްދަލުކުރާނީ ރަށުންބޭރުގައި ރެއާލް ވަލޮޑޮލިޑާ އެވެ. އެތުލެޓިކޯ އަށް މޮޅެއް ނުލިބި ރެއާލް މޮޅުވެއްޖެނަަމަ ތަށި ލިބޭނީ ރެއާލަށެވެ.
"ސީޒަން ނިމުނީމަ އަހަރެންގެ މުސްތަގުބަލުގެ ވާހަކަ ދައްކަންވީ. އެކަމަކު މި ވަގުތު ހުރިހާ ފޯކަސް އެއް މި ހުރީ ފަހު މެޗަށް. އަހަރެންގެ މުސްތަގުބަލުގެ ވާހަކަ އަށް ވުރެން ފަހު މެޗުގެ ކަންކަން އަހަންނަށް މާ މުހިއްމު،" ޒިދާން ބުންޏެވެ.
ޒިދާން އެންމެ ފުރަތަމަ ރެއާލަށް ކޯޗުކަމުން ވަކިވީ 2018 ވަނަ އަހަރު ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. ޒިދާން ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވީ 2019 ވަނަ އަހަރު މާޗް މަހުގަ އެވެ. އެއީ މަގާމު ދޫކޮށްލިތާ އަހަރެއް ވެސް ނުވަނީހެވެ.












