މެޑްރިޑް (މެއި 16) - މި ސީޒަން ނިމުމުން ރެއާލް މެޑްރިޑް ދޫކޮށްލަން އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ނިންމާފައިވާ ކަމަށް ގޯލް. ކޮމް އިން ރިޕޯޓްކޮށްފި އެވެ.
ގޯލް އިން ރިޕޯޓްކުރާގޮތުގައި ޒިދާން ވަނީ މި ސީޒަން ނިމުމުން ރެއާލް ދޫކޮށްލަން ނިންމާފައިވާކަން ރެއާލްގެ ކުޅުންތެރިންނަށް އަންގައިފަ އެވެ. ޒިދާން އެކަން ކުޅުންތެރިންނަށް އެންގީ ސްޕެނިޝް ލީގުގައި ދާދި ފަހުން ސެވިއްޔާއާ 2-2 އިން ރެއާލް އެއްވަރުވި މެޗުގަ އެވެ.
މިއީ ކުއްލިގޮތަކަށް ރެއާލް ދޫކޮށްލަން ޒިދާން ނިންމި ދެ ވަނަ ފަހަރެވެ.
ޒިދާން އެންމެ ފުރަތަމަ ރެއާލަށް ކޯޗުކަމުން ވަކިވީ 2018 ވަނަ އަހަރު ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ހޯދައިދިންތާ މަދު ދުވަސްކޮޅެއްގެ ތެރޭގަ އެވެ. އޭރު ޒިދާން ކުއްލިއަކަށް ރެއާލް ދޫކޮށްލުމުން އެ ކްލަބަށް ގިނަ މައްސަލަތަކެއް ދިމާވެ، އަލުން އޭނާ ގެންނަން އެ ޓީމުން ނިންމީ އެވެ. ޒިދާން ދެ ވަނަ ފަހަރަށް ރެއާލާ ހަވާލުވީ 2019 ވަނަ އަހަރު މާޗް މަހުގަ އެވެ. އެއީ މަގާމު ދޫކޮށްލިތާ އަހަރެއް ވެސް ނުވަނީހެވެ.
އެ ފަހަރު އަލުން ޒިދާން ގެންނަން ރެއާލުން ނިންމީ ހުލެން ލޮޕެޓެގީ އާއި ސަންޓިއާގޯ ސޮލާރީގެ ކޯޗުކަމުގައި ރެއާލަށް ނަތީޖާ ނެރުމުގައި ގިނަ މައްސަލަތަކެއް ދިމާވެ ޓީމުގެ ފޯމު ގެއްލުމުންނެވެ. ގިނަ ކްލަބްތަކަށް ނޫނެކޭ ބުނެފައި ޒިދާން ރެއާލާ ގުޅުނީ 2022 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް ހެދުމަށް ފަހު އެވެ.
ޒިދާން ދެ ވަނަ ފަހަރަށް ރެއާލް ދޫކޮށްލަން ނިންމާފައިވާ ކަމަށް މީޑިއާ އިން ކަށަވަރު ކޮށްދީފައިވާއިރު، ރިޕޯޓްތައް ބުނާގޮތުން ޔޫރަޕިއަން ސުޕަ ލީގުގައި ރެއާލް ދެމި އޮންނަން ނިންމި ނިންމުމާ މެދު ޒިދާންގެ ހިިތްހަމަނުޖެހުންތަކެއް އެބަހުއްޓެވެ. ސުޕަ ލީގުގެ ޗެއާމަނީ ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒިދާން ވަނީ ސުޕަ ލީގާ ކުޅޭ ހުރިހާ ސުވާލަކަށް ޖަވާބު ދޭނީ ޕެރޭޒް ކަމަށް ބުނެފަ އެވެ.
ދެ ވަަނަ ފަހަރަށް ރެއާލަށް އައިސް ޒިދާން ވަނީ މިދިޔަ ސީޒަނުގެ ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ. މި ފަހަރު ރެއާލުން ސްޕެނިޝް ކަޕުން ކެޓިއިރު، ޗެމްޕިއަންސް ލީގު ނިމުނީ ސެމީ ފައިނަލްގައި ޗެލްސީ އަތުން ބަލިވުމުންނެވެ. އެ މެޗަށް ފަހު ވެސް ރެއާލް ކޯޗުކަމުގައި ޒިދާން ދެމިނުހުންނާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.
މި ފަހަރުގެ ސްޕެނިޝް ލީގަށް ރެއާލުން އަދި ވެސް އަންނަނީ ވާދަކުރަމުންނެވެ. ލީގުގައި ރެއާލަށް ބާކީ އޮތީ އެތުލެޓިކް ބިލްބާއޯ އާއި ވިޔަރެއާލާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. ލީގުގެ ދެ ވަނައިގައި ރެއާލް އޮތީ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވުރެ ދެ ޕޮއިންޓް މަދުން ހޯދައިގެންނެވެ. ޒިދާން މީގެ ކުރިން ވަނީ ފަހު ވަގުތާ ހަމައަށް ރެއާލުން ލީގު ހޯދަން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.












