އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނު ހުއްޓާލަންދެން އިޒްރޭލުގެ ފަތުރުވެރިން ރާއްޖެއަށް އައުން މަނާކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.
އިޒްރޭލުން ފަލަސްތީނާ ދެމެދު ހަމަލާ ބަދަލު ކުރަން ފެށީ އިރުމަތީ ގުދުސްގެ މައްސަލަ ހޫނުވެފައި ވަނިކޮށް މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ދަނީ ހަމަލާދެމުންނެވެ.
އިރުމަތީ ގުދުސްގެ މައްސަލަ މި އަހަރު އެންމެ ފުރަތަމަ ހޫނުވީ އަލް އަގްސާ މިސްކިތަށް ނަމާދު ކުރަން ދާ ފަލަސްތީނު މީހުންނަށް އިޒްރޭލުން ހުރަސްއަޅާ ކަމުގެ ތުހުމަތާއެކު އެވެ. ނަމަވެސް އިޒްރޭލުން އެކަން ދޮގުކޮށް ބުނީ ފިޔަވަޅު އަޅަނީ ކޮވިޑާ ގުޅިގެން ކަމަށެވެ.
އޭގެ ފަހުން އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ސަރަހައްދުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރެން ނިންމާފައިވާ މައްސަލައާ ގުޅިގެން ވެސް ހަމަނުޖެހުން އުފެދުނެވެ. އެ މައްސަލާގައި ބޮޑެތި އެއްވުންތައް ބާއްވަމުން ދިޔައިރު އަލް އަގްސާ މިސްކިތުގައި ވެސް ހަމަނުޖެހުން ހިނގި އެވެ.
އިޒްރޭލުން ގާޒާއަށް ހަމަލާ ދޭން ފެށީ ޝެއިހް ޖައްރާ މައްސަލާގައި އިޒްރޭލުގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން މިދިޔަ އާދީއްތަ ދުވަހަށް ތާވަލު ކުރި އަޑުއެހުން ފަސްކުރުމާ އެކު އެވެ. އާދީއްތަ ދުވަހުގެ ރޭ ގުދުސްގައި ހަމަނުޖެހުން ހިންގުމަށް ފަހު ހޯމަ ދުވަހުގެ ފަތިހު އިޒްރޭލުގެ ޖެޓުތަކުން ގާޒާއަށް ބޮން އަޅަން ފެށި އެވެ. އަދި ގާޒާގައި ވެރިކަން ކުރާ ހަމާސްއިން ރައްދުގައި ރޮކެޓު ހަމަލާ ދޭން ފެށި އެވެ.

އެ ހަމަލާތަކުގައި މިހާތަނަށް ހަމަލާތަކުގައި 150 އަށް ވުރެ ގިނަ މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 40 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި އެ ހަމަލާތަކުގައި 950 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.
މިއަދު ފެށި މި އަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް އިޒްރޭލު މައްސަލައިގައި، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމްގެ އިތުރުން އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް އޮތީ ކުއްލި މައްސަލައެއް ހުށަހަޅުއްވައިފަ އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް
އެއާއެކު މަޖިލީހުގެ ގަވައިދާ އެއްގޮތަށް ދެ މެމްބަރުންގެ މެދުގައި ގުރު ނެގުމަށް ފަހު، މަޖިލީހަށް ހުށަހެޅިފައިވަނީ ޝިޔާމްގެ ކުއްލި މައްސަލަ އެވެ.
އެ މައްސަލާގައި ޝިޔާމް ވިދާޅުވެފައިވަނީ އިޒްރޭލުން ހިންގަމުންދާ އުދުވާނާ ދެކޮޅަށް ހަމައެކަނި ނެރޭ ބަޔާނަކުން ނުފުދޭ ކަމަށާއި، އިޒްރޭލުގެ އަމަލުތަކާ ދެކޮޅަށް ދިވެހި ދައުލަތުން ކޮންމެވެސް ކަމެއް ކުރަންޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
އެހެންކަމުން، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ދެމުންދާ އުދުވާނު ހުއްޓާލަންދެން އިޒްރޭލުން ފަތުރުވެރިން ރާއްޖެއައުން މަނާކުރުމުގެ އިތުރުން، 2014 ވަނަ އަހަރު ނިންމި ގޮތަށް އިޒްރޭލުގެ އުފެދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުމަށް އެ މައްސަލާގައި ސަރުކާރަށް ވަނީ ގޮވާލައިފަ އެވެ.
ޝިޔާމް ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.
އެ މައްސަލައިގެ ބަހުސް ކުރިއަށްދާއިރު، ބަހުސްގައި ވާހަކަ ދެއްކެވި ހުރިހާ މެމްބަރުން ވެސް ވަނީ އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ރައްޔިތުންނާއެކު ދިވެހިން އަބަދުވެސް ތިބޭނެ ކަމަށް ވިދާޅުވެފަ އެވެ.













