ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން، މާދަމާ ފެށުމަށް ހަމަޖައްސާފައިވާ މިއަހަރުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ވަރުގަދަ ގަރާރެއް އެޖެންޑާކޮށްފި އެވެ.
މާދަމާގެ ޖަލްސާގެ އެޖެންޑާ މިހާރު އާއްމުކޮށްފައިވާއިރު، ފުރަތަމަ އައިޓަމަކަށް އޮތީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހަޅާ މައްސަލަ އެވެ.
"އަދަދު"އަށް އެނގިފައިވާ ގޮތުގައި ފަރުވާއަށްފަހު ނަޝީދު އެނބުރިވަޑައިގަންނަވަންދެން މިވަގުތު ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އިސްވެ، މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅަނީ އެފަދަ ޓެރަރިސްޓު ހަމަލާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި ގިނަ ފިޔަވަޅުތަކާއި އިގުރާރުތައް ހިމެނޭ ގަރާރެކެވެ.
މިގޮތުން، މަޖިލީހުގެ ރައީސް އަވަހާރަކޮށްލުމަށްޓަކައި ދިން ހަމަލާއަށް ސީދާ ގޮތުން ނުސީދާ ގޮތުން ހިތްވަރުލިބިގެންފައި ވަނީ، ފިތުނަ އުފެއްދުމުގެ ނަތީޖާއެއްގެ ގޮތުން ކަން ފާހަގަކޮށް، އިންޓަނެޓުގެ އެކިއެކި ޕްލެޓްފޯމްތަކުގައި ނުވަތަ އެ ނޫންވެސް ގޮތްގޮތަށް ހިންގޭ، ފިތުނަވެރިކަމުގެ ހުރިހާ އަމަލެއް މަޖިލީހުން ކުށްވެރިކުރާ ކަމަށް އެ ގަރާރުގައިވެ އެވެ.
އަދި އެ ހަމަލާއާއި އެނޫންވެސް އަނިޔާވެރި އަމަލުތަކާ ދެކޮޅަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހިންގާ ހަރަކާތްތަކަށް މަޖިލީހުން ފުރިހަމަ އެއްބާރުލުން ދިނުމަށް އިގުރާރުވެ، އެ ހަމަލާގެ ތަހުގީގު އަވަސްކަމާއި، ހާމަކަމާއެކު ހިންގުމަށް ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް އެ ގަރާރުގައި ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން، އިންޓަނެޓުގެ އެކިއެކި ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތްގޮތުން ހިންގާ ހަރުކަށި، އަނިޔާވެރި އަމަލުތަކާއި، އެފަދަ އަމަލުތަކަށް ހިތްވަރު ލިބިގެން ހިނގައިދާނޭފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި، ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގައި އެކަށައަޅާފައިވާ އަސާސްތަކުގެ ތެރޭގައި ރާއްޖޭގެ ގާނޫނީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހިމަނާފައިވެ އެވެ.
އެ ގަރާރުގައި އިތުރަށް ބުނެފައިވަނީ ހަރުކަށި އަމަލުތަކާއި، ފިތުނަ އުފެއްދުން މަނާކުރުމަށް، ރާއްޖޭގައި މިހާރު ހެދިފައިވާ ގާނޫނުތައް ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަށް ގާނޫނު ތަންފީޒުކުރާ އެންމެހައި އިދާރަތަކަށް އެންގުމުގެ އިތުރުން ދީނީ ހަރުކަށި އަމަލުތަކަށް ހިތްވަރުދިނުމާއި، ތަކުފީރުކުރުމަކީ ކުށެއްކަމަށް ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން އެކަށައެޅުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަޖިލީހުން އިގުރާރުވާ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާގެ ރިޔާސަތު އީވާ ބަލަހައްޓަވަނީ: ރައީސް ނަޝީދު ފަރުވާއަށްފަހު އެނބުރިވަޑައިގަންނަވަންދެން އެމަނިކުފާނު ކުރައްވަމުން ގެންދެވި މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އީވާ ވަނީ ވިދާޅުވެފަ. -ފޮޓޯ: މަޖިލިސް
އަދި ތަފާތުކުރުމާއި، ފިތުނައުފެއްދުމާއި ތަކުފީރުކުރުން ހިމެނޭ ގޮތަށް، ހުރިހާ ހަރުކަށި އަމަލުތަކާ ދެކޮޅަށް މަސައްކަތްކުރާނޭ ގޮތުގެ ގައުމީ އޮނިގަނޑެއް ވީހާވެސް އަވަހަކަށް އެކަށައެޅުމަށް އެ ގަރާރުގައި ވަނީ ދައުލަތުގެ އެންމެހައި މުއައްސަސާތަކަށް ގޮވާލައިފަ އެވެ.
ހަމައެއާއެކު، ސޯޝަލް މީޑިޔާގައި ދިވެހިބަހުން، ނުވަތަ ލެޓިން އަކުރުން ލިޔާ ލިޔުންތައް މޮނިޓާކޮށް، ހަރުކަށިކަމާއި އަނިޔާވެރިކަމަށް ގޮވާލާ، ވާހަކަތައް ދެނެގަނެވޭނޭ ވަސީލަތްތައް އެކަށައެޅުމަށް އިންވެސްޓްކުރުމަށް ސޯޝަލް މީޑިޔާ ކުންފުނިތަކަށް ވެސް އެ ގަރާރުގައި ގޮވާލާފައިވެ އެވެ.
"އިސްތިސްނާއެއްނެތި، ރާއްޖޭގެ އެންމެހައި ރައްޔިތުންނަކީ، ހަރުކަށި އަދި އަނިޔާވެރި އަމަލުތަކުންނާއި، ތަކްފީރުކުރުމާއި ފިތުނަވެރި ހުރިހާ އަމަލަކުން ސަލާމަތްވެފައިވާ ބައެއްކަން ކަށަވަރުކުރުމަށާއި، ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ހައްގުތަކާއި މިނިވަންކަން އެންމެ ފުޅާ ދާއިރާގައި ލިބިދީ، ފުރާނައާ މުދަލުގެ ރައްކާތެރިކަން ކޮންމެ މީހަކަށްމެ ލިބިދެވޭކަން ކަށަވަރުކުރުމަށް ކުރާންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް މި މަޖިލިސް އިގުރާރުވެއެވެ،" ރިޔާސަތުން ހުށަހަޅާ ގަރާރުގައިވެ އެވެ.
އެ ގަރާރުގެ އިތުރުން މާދަމާގެ ޖަލްސާއަށް ރައީސް ނަޝީދަށް ދިން ހަމަލާއާގުޅޭ ހާއްސަ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީން ނިންމިގޮތުގެ ރިޕޯޓު ވެސް ވަނީ އެޖެންޑާކޮށްފަ އެވެ.
އެ ހަމަލާގެ މައްސަލަ ބެލުމަށްފަހު 241 ކޮމިޓީން ނިންމާފައިވަނީ ހަމަލާދިން އިރު ރައީސް ނަޝީދަށް ދެމުންދިޔަ ސެކިޔުރިޓީ ބްރީޗުވި ގޮތުގެ އިންކުޔަރީއެއް، ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު އެންމެ ފުޅާމިނެއްގައި ހެދުމަށެވެ.
ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރަން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމަކުން ގިނަ ސާޖަރީތައް ކުރުމަށްފަހު އެމަނިކުފާނު މިހާރު ވަނީ އިތުރު ފަރުވާއަށް ޖަރުމަނަށް ގެންދެވިފަ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ބޮންގޮއްވާލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
އެ ތިން މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުންއޮތް މީހުން ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ.
ރައީސް ނަޝީދަށް ހަމަލާދިން އިރު، ފުރަތަމަ ދައުރު ނިންމައި، މަޖިލިސް ޗުއްޓީގައި އޮތް ނަމަވެސް، މަޖިލީހުން ވަނީ ހަމަލާދިން ރޭ ހާއްސަ ޖަލްސާއެއް ބާއްވައިފަ އެވެ.
އެމަނިކުފާނުގެ ހާލުކޮޅުގެ މައުލޫމާތު ލިބެންދެން އެ ޖަލްސާ ވަނީ ނިންމާނުލައި، އަނެއް ދުވަހާ ހަމައަށް ކުރިއަށް ގެންގޮސްފަ އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން ކޮންމެ އަހަރެއްގެ އޯގަސްޓު މަހަށް އެޑިޔުކޭޝަން މިނިސްޓްރީން ބަދަލު ކުރުމާ ގުޅިގެން، މަޖިލީހުގެ ދައުރު ހިނގާ ދުވަސްތަކަށް މިހާރު ބަދަލު ގެނެސްފައިވާއިރު، މާދަމާ ފެށޭ ދެވަނަ ދައުރު ޖޫން މަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.
އަދި ތިންވަނަ ދައުރު ހިނގާނީ އޯގަސްޓު މަހުގެ 16 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.












