ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ބޯޑުން ކައުންސިލަރުންނަށާއި ބައެއް ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ އާއިލާ މެމްބަރުން ތިބުން މަނާކޮށްފައި އޮތް އުސޫލު ބަދަލުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނިންމައިފި އެވެ.
އެމްއޭއިން މާލީ އިދާރާތަކާއި ބޭންކުތަކުން އަަމަލުކުރަން ޖެހޭ ކޯޕަރޭޓް ގަވަނަންސްގެ ގަވާއިދެއް އެކުލަވާލީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. މި ގަވާއިދަކީ ދެފުށް ފެންނަ އުސޫލުތަކެއް ތެރެއިން ބޭންކުތަކުގެ ހިންގުން ހަރުދަނާކޮށް ސިޔާސީ ނުފޫޒުން ބޭންކުތައް މިނިވަންކުރަން ފަހިކޮށްދޭ ގަވާއިދެކެވެ.
އެމްއެމްއޭގެ ގަވާއިދުގައި މާލީ އިދާރާތަކުގެ ބޯޑު މެމްބަރުންނާއި މެނޭޖްމަންޓްގައި ހުންނަން ޖެހޭ ޝަރުތުތަކުން ފެށިގެން، ބޭންކުތަކާއި ގުޅޭ ކަންކަމުގައި ޒިންމާ ނަގަންޖެހޭ ފަރާތްތަކާއި ޒިންމާ ނެގުމުގައި އަމަލުކުރަން ޖެހޭ ގޮތްތައް ތަފުސީލުކޮށް ދިނެވެ. އަދި އެ ޝަރުތުތަކުގެ ތެރެއިން ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި އެ މީހުންގެ އާއިލާއަށް ބޭންކުތަކުގެ ބޯޑުގައި ތިބުން މަނާކުރެވުނެވެ.
ބޯޑުގައި ތިބުން މަނާ ސިޔާސީ މަގާމުތަކުގެ ގޮތުގައި ކަނޑައެޅީ ކެބިނެޓް ވަޒީރުންނާއި، ސަރުކާރުގެ މަގާމުތަކަށް ރައީސް އައްޔަނުކުރައްވާ މީހުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ ވެރިންގެ އިތުރުން ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތައް ފުރާ މީހުންނާއި ކައުންސިލަރުންނެވެ.
ގަވާއިދު ތަންފީޒުކުރުމުގެ ބޭނުމަށް އެމްއެމްއޭއިން އާއިލާގެ ގޮތުގައި ބަލަނީ މައިންބަފައިންނާއި، އަނބިންނާއި ފިރިންނާއި ދަރިންނެވެ. އެއްބަނޑު ނޫނީ އެއްބަފާ ކޮއްކޮ ނުވަތަ ބޭބެ ނުވަތަ ދައްތަ އާއިލާ މެމްބަރުންގެ ގޮތުގައި ނުބަލަ އެވެ.
ނަމަވެސް އެމްއެމްއޭއިން ބޭންކުތަކުގެ ހިންގުމާ ގުޅޭ ގަވާއިދު ބަދަލުކޮށް ބައެއް މާއްދާތަކަށް ގެނައި އުނިއިތުރުތަކާ ގުޅިގެން ބައެއް ސިޔާސީ މީހުންގެ އާއިލާ މެމްބަރުންނަށް ތިބެވޭނެ އެވެ. އަދި ސިޓީ، އަތޮޅު ނުވަތަ ރަށު ކައުންސިލަށް އިންތިހާބުވެފައި ހުރި ނަމަވެސް ބޯޑުގައި ތިބެވޭނެ އެވެ.
މިހާރު ގަވާއިދު އޮތްގޮތުން ކައުންސިލަރުން ފިޔަވައި އެހެން ސިޔާސީ މަގާމެއްގައި ހުންނަ މީހަކަށް ފުރުސަތެއް ނެތެވެ. އަދި މިހާރު ވެސް ކެބިނެޓް ވަޒީރުންނާއި މަޖިލިސް މެމްބަރުންގެ އާއިލާއަށް އެއްވެސް މާލީ އިދާރާއެއް ނުވަތަ ބޭންކެއްގެ ބޯޑުގައި ތިބުން މަނަލެވެ.
ކުރިޔާ ހިލާފަށް މިހާރު މުއައްސަސާތަކުގެ ވެރިންގެ އާއިލާ މީހުންނަށާއި ސިޔާސީ ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިބި މީހުންގެ އާއިލާއަށް މާލީ އިދާރާއެއްގެ ނުވަތަ ބޭންކެއްގެ ބޯޑުގައި ތިބުން މަނަލެއް ނޫނެވެ.
ބަދަލު ގެނައީ ގާބިލު މީހުންނަށް ފުރުސަތު ހަނިވާތީ
މާލީ އިދާރާތަކާއި ބޭންކުތަކުން އަމަލުކުރަން ޖެހޭ ކޯޕަރޭޓް ގަވަނަންސް ގަވާއިދަކަށް ރާއްޖޭގައި އަމަލުކުރަން ފެށީ ރާއްޖޭގެ މާލީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށެވެ. އަދި ސިޔާސީ މީހުންގެ އާއިލާ މެމްބަރުން ތިބުން މަނާ ކުރީ ވެސް މި ވިސްނުމުގެ ތެރެއިން މާލީ ދާއިރާއަށް ގެންނަމުންދާ ބަދަލުތަކުގެ ތެރެއިންނެވެ.
އެމްއެމްއޭއިން ގަބޫލުކުރީ މި ބަދަލުގެ ސަބަބުން އެ ތަންތަނުގެ ބޯޑުގައި ތިބޭ ސިޔާސީ މީހުންގެ އަދަދު މަދުވެ، ސިޔާސީ ނުފޫޒުން ބޭންކުތައް އެއްކިބާވާން ފުރުސަތު ލިބޭނެ ކަމަށެވެ.
ނަމަވެސް މި ގަވާއިދަށް އަމަލުކުރަން ފެށުމުން ރާއްޖޭގައި ތިބި މަދު ގާބިލު މީހުންނަށް ފުރުސަތުތަކެއް ގެއްލިގެން ދާނެ ކަމަށް ބުނެ މާލީ އިދާރާތަކާއި ބޭންކުތަކުން އެމްއެމްއޭއަށް ކަންބޮޑުވުން ފާޅުކުރި އެވެ.
އަދި ބުނީ މަގާމުތަކަށް ނެގޭނެ މީހުންގެ ޕޫލް ކުޑަކަމުން އެ ފަރާތްތަކަށް ބޭނުންވާ ފެންވަރުގެ މުވައްޒަފުން ލިބުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
ގަވާއިދަށް ގެނައި އިސްލާހާ ގުޅޭގޮތުން އެމްއެމްއޭގެ ތަރުޖަމާނު މުހައްމަދު ނާސިހު "އަދަދު" އަށް ވިދާޅުވީ ރާއްޖޭގައި ސިޔާސީ މަގާމުތައް ނިސްބަތުން ގިނަ އިރު، ކުރިން ގަވާއިދު އޮތް ގޮތުން ގިނަ ބަޔަކަށް އެ ފުރުސަތު ގެއްލޭ ކަމަށެވެ. އެހެންކަމުން މާލީ އިދާރާތަކާއި ބޭންކުުތަކުގެ ޝަކުވާތައް އަޑުއެހުމަށް ފަހު މި ބަދަލު ގެންނަން ނިންމީ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި، ގަވާއިދަށް ގެނައި ބަދަލުތަކަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ ލަފަޔާ މަޝްވަރާ ލިބިގެން، ރާއްޖޭގެ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ކޯޕަރޭޓް ގަވަނަންސް އުސޫލަށް ފެތޭ ގޮތަށް ގެނައި ބަދަލުތަކެއް ކަމަށް ނާސިހު ވިދާޅުވި އެވެ.










