މިދިޔަ އަހަރު އިގުތިސޯދަށް އައި ހީނަރުކަމުގެ ތެރޭގައި އެސްޓީއޯ މައި ކުންފުނީގެ ފައިދާ އިތުރުވި ނަމަވެސް، މުޅި ގްރޫޕްގެ ފައިދާ ދަށަށް ހިނގެއްޖެ އެވެ.
އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުގައި، މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު ފައިދާ ވަނީ 2019 ވަނަ އަހަރާ އަޅާ ބަލާއިރު 56 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. 2019 ވަނަ އަހަރު ފައިދާ އަށް 303 މިލިއަން ރުފިޔާ ލިބިފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން އިގުތިސޯދަށް ލިބުނު ހީނަރުކަމުގެ ތެރޭގައި ވެސް ކުންފުންޏަށް ފައިދާގެ ގޮތުގައި 359 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
މިދިޔަ އަހަރު އެސްޓީއޯ ގްރޫޕްގެ އާމްދަނީއަކީ 8.5 ބިލިއަން ރުފިޔާ އެވެ. މިއީ 2019 ގެ އާމްދަނީއާ އަޅައި ބަލާއިރު، 2.4 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. 2019 ގައި އެސްޓީއޯ ގްރޫޕަށް އާމްދަނީގެ ގޮތުގައު 10 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އާމްދަނީ ދަށަށް ދިއުމުގެ ސަބަބުން އެސްޓީއޯ ގްރޫޕަށް ލިބުނު ފައިދާ ވަނީ ދަށް ވެފަ އެވެ. 2019 ވަނަ ވަނަ އަހަރު ގްރޫޕްގެ އާމްދަނީ އަށް 383 މިލިއަން ރުފިޔާ ލިބިފައިވާއިރު، 2020 ގައި ލިބުނީ 127 މިލިއަން ރުފިޔާ އެވެ. މިއީ 256 މިލިއަން ރުފިޔާގެ ދަށްވުމެކެވެ.
އެސްޓީއޯ ގްރޫޕްގެ ކުޑައިގެ ދަށުން ހިންގާ ބައެއް ކުންފުނިތަކުގެ ޕާފޯމަންސްގެ ސަބަބުން ގްރޫޕްގެ ފައިދާ ކުޑަވީ އެވެ. އޭގެ ތެރޭގައި ބޮޑެތި ދަރަނިތަކަކާ އެކު ކުންފުނީގެ ދަށަށް ބަދަލުކުރެވުނު ދައުލަތުގެ މަސް ކުންފުނި މިފްކޯ ހިމެނެ އެވެ.
އެސްޓީއޯގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި އެސްޓީއޯ ގްރޫޕަށް އަހަރުން އަހަރަށް ލިބުނު ފައިދާ ދަށްވި ސަބަބުތަކުގެ ތެރޭގައި ރައިޓް އޮފް ކުރަން ޖެހުނު ބޭޑް ޑެޓްސް އިތުރުވުން ހިމެނެ އެވެ. މިއީ ދިގު މުއްދަތެއް ވަންދެން ނުލިބި ހުރުމާ ގުޅިގެން ކުންފުންޏަށް ޒިންމާވާން ޖެހުނު ދަރަންޏެވެ. އަދި ދަރަންޏަށް ދޫކޮށްފައިވާ މުދަލުން އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާގެ އަދަދު އިތުރުވުން ހިމެނެ އެވެ.
އިގުތިސޯދަށް އައި ހީނަރުކަމުގައި ތެލުގެ އާމްދަނީއަށް ބޮޑު ހީނަރުކަމެއް
އެސްޓީއޯއަށް އާންމުކޮށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ތެލާއި ލުބްރިކަންޓް ވިއްކައިގެންނެވެ. ނަމަވެސް މިދިޔަ އަހަރު އެ ދާއިރާއިން އެ ކުންފުންޏަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު 2.5 ބިލިއަން ރުފިޔާ ދަށަށް ދިޔަ އެވެ. އަދި އަހަރުގެ ތެރޭގައި ޖުމްލަ އާމްދަނީއަށް ލިބުނީ 3.9 ބިލިއަން ރުފިޔާ އެވެ.
ތެލުން ލިބުނު އާމްދަނީ ދަށްވީ ރާއްޖޭގެ އެންމެ ބޮޑު އިގުތިސޯދީ ހަރަކާތް ކަމުގައިވާ ފަތުރުވެރިކަން ހުއްޓި ރިސޯޓުތަކާއި އެއާލައިންތަކުން ތެލަށް އޮންނަ ޑިމާންޑު ދަށަށް ދިޔައިމަ އެވެ. ރާއްޖޭގައި ތެލަށް އޮންނަ ޑިމާންޑުގެ ބޮޑު ބައެއް އަންނަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ.
ތެލުގެ އާމްދަނީއަށް އައި ހީނަރުކަން ފޫބެއްދީ މެޑިކަލް ސަޕްލައި ވިއްކައިގެން
އެހެން އަހަރުތަކާ ހިލާފަށް މި އަހަރު އެސްޓީއޯއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓްރޭޑިން ދާއިރާއިންނެވެ. އެ ކުންފުންޏަށް ލިބުނު އާމްދަނީގެ 53 ޕަސެންޓު ލިބުނީ ޓްރޭޑިންއިންނެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން ސާމާނާއި، މެޑިކަލް ސަޕްލައިސް އަދި އެސްޓީއޯގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ހިމެނެ އެވެ.
އެސްޓީއޯއަށް ޓްރޭޑިން ދާއިރާއިން ލިބުނު ކުރިއެރުން ލިބުނީ ކޮވިޑް ބަލިމަޑުކަމުގައި ރާއްޖެއަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް އަދި ސަޕްލައިސް އެތެރެކުރަން އެ ކުންފުންޏާ ހަވާލުކޮށްގެން އެތެރެކުރީމަ އެވެ. ކޮންސްޓްރަކްޝަނާއި ކާބޯތަކެތީގެ ވިޔަފާރިން އެ ކުންފުންޏަށް ލިބުނު އާމްދަނީ އޭގެ ކުރީ އަހަރަށް ވުރެ ދަށެވެ.
އެސްޓީއޯއިން ހިންގާ ވިޔަފާރި ހަރަކާތްތަކުން އެ ކުންފުންޏަށް ލިބުނު އާމްދަނީއަކީ؛
- ޓްރޭޑިން - 3.0 ބިލިއަން ރުފިޔާ (2019: 2.5 ބިލިއަން ރުފިޔާ)
- ފިއުލް އެންޑް ލުބްރިކަންޓް - 3.9 ބިލިއަން ރުފިޔާ (2019: 6.5 ބިލިއަން ރުފިޔާ
- ފިޝަރީޒް - 1.6 ބިލިއަން ރުފިޔާ (2019: 1.4 ބިލިއަން ރުފިޔާ)
- ގޭސް - 197 މިލިއަން ރުފިޔާ (2019: 219 މިލިއަން ރުފިޔާ)
- އިންޝުއަރަންސް - 179 މިލިއަން ރުފިޔާ (2019: 210 މިލިއަން ރުފިޔާ)
- އެހެނިހެން - 48 މިލިއަން ރުފިޔާ (14 މިލިއަން ރުފިޔާ)
އަހަރީ އާންމު ޖަލްސާ މެއި 31 ގައި
އެސްޓީއޯއަށް ލިބުނު ފައިދާއިން ހިއްސާދާރުންނަށް ޑިވިޑެންޑަށް 60ރ. ބަހަން ހުށައަޅަން އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފަ އެވެ. މިއީ އޭގެ ކުރީ އަހަރަށް ވުރެ 2ރ. އިތުރު އަދަދެކެވެ.
އެސްޓީއޯގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ އޮންނާނީ މޭ، 31 ގައެވެ. އެ ކުންފުނީގެ ހިއްސާދާރުންނަށް އެސްޓީއޯއިން ފޮނުވި މެސެޖުގައި ބުނީ އެ ދުވަހުގެ 16:00 ގައި މި ޖަލްސާ ބާއްވާނީ މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް ކަމަށެވެ.
ހިއްސާގެ ބާޒާރުގައި އެސްޓީއޯގެ ހިއްސާއެއް އެންމެ ފަހުން ވިއްކީ 700ރ. އަށެވެ.










