ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ބަޔާނެއް ދެއްވައިފި އެވެ.
އޭނާގެ ބަޔާން ނެގި ކަން ފުލުހުން "އަދަދު"އަށް ކަށަވަރުކޮށްދިނެވެ. އެކަމަކު އެއީ އޭނާއާ ގުޅޭ ގޮތުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ނޫން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންނަށް އިލްޔާސް ބަޔާނެއް ދެއްވިއިރު، ނަޝީދު އަވަހާރަކޮށްލަން ބަޔަކު ރާވަމުންދާ ކަމަށް އާންމުންގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ ހިއްސާކުރެއްވި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރަން އެންގެވި ކަަމަށް މާރިޔާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކުރުމުން އިލްޔާސް ވަނީ އެކަން ދޮގުކުރައްވައިފަ އެވެ.
އިލްޔާސް ވިދާޅުވި ގޮތުގައި އޭނާއަށް ލިބިވަޑައިގަތް މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރާކަށް މިނިސްޓަރު ވިދާޅެއް ނުވެ އެވެ.
ނަޝީދަށް ހަމަލާއެއް އަމާޒުކުރަން އުޅުނު ކަމުގެ މައުލޫމާތެއް ދައުރުވިކަން މި ފެންމަތިވީ އެމަނިކުފާނަށް މި މަހުގެ ހަ ވަނަ ދުވަހު ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ސިފައިންނަށް ލިބިފައި ނުވާ ކަމަށް ދެ މުއައްސަސާ އިން ބުނެފައި ވަނިކޮށެވެ.

އިލްޔާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު އާއްމު މީހެއްގެ ފަރާތުން ލިބުމާ އެކު އެކަން ނަޝީދާ ހިއްސާ ކުރެއްވި ކަމަށެވެ. އަދި، އެމަނިކުފާނުގެ އިރުޝާދާ އެކު ޑިފެންސް މިނިސްޓަރަށް އެ މައުލޫމާތުގެ ތަފްސީލް އެރުވި ކަމަށެވެ.
"ރައީސް ނަޝީދުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރަން ޖެހޭ ފަރާތަކީ ޑިފެންސް މިނިސްޓަރު ކަމަށްވާތީ އަޅުގަނޑު އެ މައުލޫމާތު އެ މުއައްސަސާއާ ހިއްސާކުރުމުން އެ މައުލޫމާތަށް ފުލުހަށް ނުވަތަ ކޮމިޝަނާ އޮފް ޕޮލިސްއަށް ހިއްސާކުރުމަށް އަޅުގަނޑަށް އެ ފަރާތުން އެއްވެސް ހާލެއްގައި އަންގާފައެއް ނުވޭ،" އިލްޔާސް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ތަހުގީގަށް އޭނާގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ އެވެ. އެކަމަކު ތަހުގީގު ކުރިއަށް ދަނިކޮށް ދައުލަތުގެ އިދާރާއަކަށް ލިބިފައިވާ މައުލޫމާތު، ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން އާންމުކޮށް، އެ މައުލޫމާތު މީޑިއާގައި ބަހުސް ކުރުމަށް ހުޅުވާލުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު މާރިޔާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އާއްމު މީހެއްގެ ފަރާތުން އިލްޔާސް ލަބީބަށް މައުލޫމާތު ލިބުނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ތިން މިލިއަން ޑޮލަރު ހަރަކޮށްގެން ބަޔަކާ ހަވާލުކޮށްފައިވާ ކަމެވެ. އެ މައުލޫމާތު ލިބިފައިވުމުން ރައީސް ނަޝީދު ވެސް ވަނީ އާއިލާގެ ބައެއް މެންބަރުންނާ އެކަން ހިއްސާ ކުރައްވައިފަ އެވެ.
ނަޝީދުގެ ބޭބޭފުޅު، ޑރ. އިބްރާހިމް ނާޝިދު ވިދާޅުވެފައިވާ ގޮތުގައި، މި ފަހުން ތްރެޓް ބޮޑުވަމުންދާ ވާހަކަ އާއިލާއާ ކޮންމެވެސް ވަރަކަށް އޮތީ ދައްކަވައިފަ އެވެ. ނަމަވެސް، އޭގެ ތަފްސީލެއް އާއިލާއަކަށް ނުދެ އެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި ނަޝީދަކީ ރާއްޖޭގެ އިސްވެރިންގެ ތެރެއިން އެންމެ ހައި ރިސްކް ބޭފުޅާ އެވެ.













