ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދޭން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ގުޅުއްވި ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދުގެ ގެކޮޅު ކައިރީ އައިއީޑީއެއް ގޮއްވާލައި، އެމަނިކުފާނު ޒަހަމްކޮށްލާފައިވާއިރު އެ ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނާއި ސިފައިންނަށް ލިބިފައިނުވާ ކަމަށް އެ ދެ މުއައްސަސާއިން ވެސް ވަނީ ބުނެފަ އެވެ.
ނަމަވެސް، އާންމު މީހަކަށް އެ މައުލޫމާތު ލިބިގެން މަޖިލީހުގެ 241 ކޮމިޓީގައި ވެސް އިންނަވާ ހޮޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް އެކަން ހިއްސާކުރުމުން އޭނާ މާރިޔާއަށް ގުޅުއްވިކަން މިހާރު ވަނީ ހާމަވެފަ އެވެ.
މިކަމާ ގުޅޭ ގޮތުން "އަދަދު"އިން މިނިސްޓަރު މާރިޔާއަށް ތަކުރާރުކޮށް ގުޅުއްވުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ނަމަވެސް، "ރާއްޖެއެމްވީ"އާ ވާހަކަ ދައްކަވަމުން މިއަދު މިނިސްޓަރު މާރިޔާ ވިދާޅުވެފައިވާ ގޮތުގައި، ތިން މިލިއަން ޑޮލަރު ބަޔަކަށް ދީގެން ރައީސް ނަޝީދަށް ހަމަލާއެއް ދޭން އުޅޭ ކަމަށް އަޑުއަހައިފީމޭ ވިދާޅުވެ މެންބަރަކު ގުޅުއްވި ކަމަށެވެ.

"މެންބަރަކު އަޅުގަނޑަށް ގުޅުއްވި، މާރީ ރައީސަށް ބައްލަވައްޗޭ ވިދާޅުވި، އަޅުގަނޑު ދެންނެވިން އަޅުގަނޑު ތިކަން ބަލަމުންދާނަމޭ،" ރާއްޖެއެމްވީއަށް މާރިޔާ ވިދާޅުވެފައިވެ އެވެ.
މާރިޔާ އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، އެ ހަމަލާގެ މައުލޫމާތު ފުލުހުންނަށް ވެސް އެންގުމަށް މެންބަރު ކައިރީގައި އޭނާ އެދިވަޑައިގަތް ކަމަށެވެ. ނަމަވެސް މެންބަރު އެދިވަޑައިގެންނެވީ އެކަން މާރިޔާ ކުރެއްވުމަށެވެ.
ތިން މިލިއަން ޑޮލަރު ހުށަހަޅައިގެން ނަޝީދަށް ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބުނު މެންބަރަކީ ކޮން ބޭފުޅެއް ކަމެއް ޔަގީން ކުރެވިފައެއް ނުވެ އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުންނަމަ، ނަޝީދަށް އަމާޒުވި ހަަމަލާއާ ގުޅޭ މައުލޫމާތެއް ފުލުހުންނާ ހިސާބަށް ގޮސްފައެއް ނުވެ އެވެ. ހަމީދު ވިދާޅުވެފައިވާ ގޮތުގައި، ނަޝީދަށް އަބަދުވެސް ނުރައްކާ އޮންނަ ކަމަށާއި ނަމަވެސް ސީދާ ހަމަލާއާ ގުޅޭ މައުލޫމާތެއް ނުލިބޭ ކަމަށެވެ.
އާންމުންގެ މީހެއްގެ ފަރާތުން ލިބުނު މައުލޫމާތެއް މިނިސްޓަރު މާރިޔާއާ ހަމައަށް މެންބަރަކު ފޯރުކޮށްދިނުމުން އެކަމުގައި އެމްއެންޑީއެފްއިން އަމަލުކުރި ސީދާ ގޮތެއް ސާފުނުވާއިރު، ޓެރަރިޒަމް ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާ ގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅޭ ކަމުގެ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބި އެކަން ފުލުހުންނަށް ނޭންގުމަކީ ކުށެކެވެ.
މިނިސްޓަރު މާރިޔާ ވިދާޅުވެފައިވާ ގޮތުގައި، މެންބަރު ދެއްކެވީ ސީދާ ނަޝީދަށް އަމާޒުވި ހަމަލާގެ ވާހަކަ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަޝީދަށް ދިން ހަމަލާއާ ގުޅޭ އެއްވެސް "ކްރިޑިބަލް، އެކްޝަނަބަލް އިންޓެލިޖެންސް" މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވި ގޮތުގައި، މެންބަރުގެ ފަރާތުން އެ މައުލޫމާތު ލިބުނުއިރު ވެސް ރައީސް ނަޝީދު ސެކިއުރިޓީ އޮތީ އެންމެ މަތީ ދަރަޖާގަ އެވެ. އެންމެ މަތީ ދަރަޖައަށް ސެކިއުރިޓީ ބަދަލުކުރީ ވެސް މީގެ ދެ މަސް ދުވަސް ކުރިން އޭނާ ފާހަގަ ކުރެއްވި އެވެ.

ނަޝީދު ބޭސްފަރުވާއަށް ބޭރަށް ވަޑައިގެންނެވިއިރު ދިން ސެކިއުރިޓީ: ހަމަލާގެ މައުލޫމާތެއް ނުލިބޭ ކަމަށް ބުނި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ހަމަލާއަށްފަހު، އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެފައިވަނީ ސީދާ ހަމަލާއާ ގުޅޭ މައުލޫމާތެއް ލިބިފައި ނެތް ނަމަވެސް، ނަޝީދަކީ އަބަދުވެސް ނުރައްކާ އޮންނަ ބޭފުޅެއް ކަމަށެވެ.
"ރައީސް ނަޝީދަކީ އެންމެ ސެކިޔުރިޓީ މަތީ ލެވެލްގައި ނުވަތަ ހައި ރިސްކުގައި ހިމެނޭ ބޭފުޅެއް، އަދި އެބޭފުޅާ އާ ގުޅޭ އިންޓެލިޖެންސް އިންޕުޓްއަކީ އަބަދުހެން އަންނަ އިންޕުޓެއް، އެބޭފުޅާއާ ގުޅުންހުރި ކަންތަކާ ގުޅުންހުރި މައުލޫމާތުތައް އަޅުގަނޑުމެންނަށް އަބަދުހެން ލިބޭ،" ޝަމާލް ވިދާޅުވެފައިވެ އެވެ.
ހަމަލާގެ އިންޓެލިޖެންސް މައުލޫމާތު ނުލިބުނު ސަބަބު ތަހުގީގު ކުރަމުންދާ ކަމަށް ސީޕީ ހަމީދާއި ޝަމާލު ވެސް ވަނީ ވިދާޅުވެފައިވާއިރު، އެ ސަބަބު އެނގިގެން ދާނީ ތަހުގީގަށްފަހު ކަމަށް ވިދާޅުވެ، އެކަމާ ގުޅޭ ސުވާލުތަކަށް އެ ބޭފުޅުން ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވަނީ ހަމަލާއާ ގުޅޭ މައުލޫމާތު އާންމުންގެ އެއްވެސް މީހަކަށް ވެސް ނޭނގުމުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ސިފައިން ނުވަތަ ފުލުހުން އިންޓެލިޖެންސްއަށް އެއްވެސް ކަހަލަ އިޝާރާތެއް އެނގޭ ނަމަ އެފަދަ ކަމަކަށް އެއްވެސް މީހަކު ހުށަހެޅޭ ގޮތަށް ފުރުސަތު ނުދޭނެ ކަމަށެވެ.
"އަޅުގަނޑު ހިތަށް އަރާ، ހަމަ މިފަދަ ޑިވައިސެއް ހަދާ އައިއީޑީއެއް ހަދާ ތަނެއްގައި ބައިންދާ މި ހުރިހާ ކަމެއް ކުރިއިރު ހަމަ އަޅުގަނޑުމެން ތެރެއިން ހަމަ އެއްވެސް އާއްމު ރައްޔިޔަަށް ނޫނީ އެއްވެސް ބޭފުޅަކަށް އެއްވެސް ހިލަމެއް ހުވަމެއް ވެސް ހަމަ ނުވޭބާވާއޭ؟ ހަމަ ކިރިޔާ ވެސް ޝައްކެއްވާ ގޮތަށް މީހެއްގެ ހަރަކާތެއް ހުއްޓަސް އެ ވާހަކަ އަންގަވައިދެއްވާށޭ،" މަންސޫރު ވިދާޅުވެފައިވެ އެވެ.
އެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މާރިޔާ ވެސް ވަނީ އެކަމާ ގުޅޭ ގޮތުން ވަރަށް ގިނައިން ވާހަކަ ދައްކަވާފަ އެވެ. އެމްއެންޑީއެފްއަށް އިންޓެލިޖެންސް މައުލޫމާތެއް ނުލިބުނުތޯ ނޫސްވެރިން ކުރާ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދައްވައި، މިނިސްޓަރު މާރިޔާ އެ ރޭ އާންމުންގެ ކިބައިން އެދިވަޑައިގެންނެވީ ޓެރަރިޒަމްގެ ހަމަލާއެއްގެ ކިރިޔާވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަމެއް ކަމާބެހޭ ފަރާތްތަކަށް އެންގުމަށެވެ.













