ހިޔާނާތުގެ ލިސްޓު: އިދިކޮޅު ލީޑަޝިޕުން ސަލާމަތްވީ މަދު ބޭފުޅެއް

ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓުގައި އޭރުގެ ސަރުކާރު އަދި މިހާރު އިދިކޮޅުގައި އިސްކޮށް ތިއްބެވި ގިނަ ބޭފުޅުންގެ ނަން ހިމެނޭ. -ގްރެފިކް: އަބްދުﷲ ޝަފީއު/ އަދަދު

ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓުގައި އޭރުގެ ސަރުކާރު އަދި މިހާރު އިދިކޮޅުގައި އިސްކޮށް ތިއްބެވި ގިނަ ބޭފުޅުންގެ ނަން ހިމެނޭ. -ގްރެފިކް: އަބްދުﷲ ޝަފީއު/ އަދަދު

ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ މަންފާ ލިބުނު މީހުންގެ ލިސްޓު މިއަދު އާއްމުކޮށްފައިވާއިރު، އޭގައި އޭރުގެ ސަރުކާރު އަދި މިހާރު އިދިކޮޅުގައި އިސްކޮށް ތިއްބެވި ގިނަ ބޭފުޅުންގެ ނަން ހިމެނިއްޖެ އެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ވަނީ ރިޕޯޓާއެކު މުޅި ލިސްޓް މިއަދު އާއްމުކޮށްފަ އެވެ.

މިއީ، މި ލިސްޓް ރަސްމީ ފަރާތަކުން އާންމުކުރި ފުރަތަމަ ފަހަރެވެ.

މިއަދު އާއްމުކުރި ލިސްޓަށް ބަލާއިރު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕުގައި މިހާރު ތިއްބެވި ގިނަ ބޭފުޅުންނަށް ބޮޑު ހިޔާނާތުގެ މަންފާ ލިބުނު ކަމަށް ވަނީ ލިސްޓަށް އަރައިފަ އެވެ.

މިގޮތުން، އެ ހިޔާނާތާ ގުޅޭ މައްސަލައެއްގައި ފަސް އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަނުގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ނަން ހިމެނޭއިރު، އިދިކޮޅު ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވެސް އެބަ އޮތެވެ.

އޭރު ފޮނަދޫ ދާއިރާގެ މެމްބަރުގެ ގޮތުގައި މަޖިލީހުގައި ހުންނެވިއިރު، އޭނާއަށް 1.71 މިލިއަން ރުފިޔާ ލިބުނު ކަމަށް ތުހުމަތުކުރެވޭކަމަށް، "އަދަދު"އަށް ވަނީ އެނގިފަ އެވެ.

ދެން ޕީޕީއެމްގެ ލީޑަޝިޕުގައި ޑެޕިޔުޓީ ލީޑަރުގެ މަގާމުގައި ފަސް ބޭފުޅުން ތިއްބަވާއިރު، އޭގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ލިސްޓުގައި އެބައޮތެވެ.

ނަން އޮތް ޕީޕީއެމްގެ ނައިބު ރައީސުން

  1. އަހުމަދު ޝިޔާމް - (1 މިލިއަން ރުފިޔާ)
  2. މުހައްމަދު ޣައްސާން މައުމޫން - (2.5 މިލިއަން ރުފިޔާ)
  3. އަހުމަދު ސަލީމް - (26.57 މިލިއަން ރުފިޔާ)

ނަވާރަ ވަނަ މަޖިލީހުގައި މި ތިން ބޭފުޅުން ވެސް ޕީޕީއެމް ތަމްސީލު ކުރައްވާއިރު، ޣައްސާނު ފިޔަވައި އަނެއް ދެ ބޭފުޅުންނަށް ފައިސާ ލިބުނު ކަމަށް ތުހުމަތު ކުރަނީ އޭގެ ކުރީ މަޖިލީހުގަ އެވެ. ޣައްސާނަށް އެ ފައިސާގެ މަންފާކޮށްފައިވާކަމަށް ތުހުމަތުކުރަނީ، ކުރީ ސަރުކާރުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު އެވެ.

އޭގެ އިތުރުން، ޕީއެންސީގައި އަބްދުއްރަހީމްގެ ދަށުން ނައިބު ރައީސުންގެ ގޮތުގައި ތިއްބަވާ ފަސް ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއް ލިސްޓުގައި ހިމެނެ އެވެ.

ނަން އޮތް ޕީއެންސީގެ ނައިބު ރައީސުން

  1. އިބްރާހިމް ޝުޖާއު
  2. މުހައްމަދު ސައީދު - (8.31 މިލިއަން ރުފިޔާ)
  3. މުހައްމަދު ހުސެއިން ޝަރީފް - (579،286 ރުފިޔާ)

މިހާރުގެ މާވަށު ދާއިރާގެ މެމްބަރު ސައީދަށް އެ ފައިސާ ލިބުނުކަމަށް ތަހުގީގީ އިދާރާތަކުން ތުހުމަތުކުރަނީ އޭނާ އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވި އިރު އެވެ. ޝުޖާއު އަށް ލިބުނު ފައިސާގެ އަދަދު ސާފު ނުވި ނަމަވެސް، އޭނާއަށް މަންފާވި ކަމަށް ތުހުމަތު ކުރަނީ 18 ވަނަ މަޖިލީހުގައި ބާރަށު ދައިރާގެ މެމްބަރު ކަމުގައި ހުންނެވިއިރު އެވެ. އޭނާ ވަނީ މިދިޔަ މަހު އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ ދާއިރާއިން މާލެ ސިޓީ ކައުންސިލަށް އިންތިހާބުވެފަ އެވެ.

މުހައްމަދު ހުސެއިން ޝަރީފް (މުންދު) އަށް އެ ފައިސާ ލިބިފައިވަނީ އޭނާ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ ހުންނެވި ދުވަސްވަރުކަމަށް ތަހުގީގީ އިދާރާތަކުން ތުހުމަތު ކުރެ އެވެ.

އާދަމް ޝަރީފާއި މުއިއްޒުގެ ނަމެއް ނެތް

ޕީޕީއެމްގެ ޑެޕިޔުޓީ ލީޑަރުންގެ ތެރެއިން ލިސްޓުގައި ނަން ހިމެނިފައިނުވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކުރާއި އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ އިންތިހާބީ މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.

ޕީއެންސީއަށް ބަލާއިރު، ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި މުހައްމަދު ނިމާލް އާއި އޭރުގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފްގެ ނަމެއް ވެސް އެ ލިސްޓުގައި ނެތެވެ.

މީގެ އިތުރުން، ނައިބު ލީޑަރުގެ ޒިންމާ އަދާނުކުރައްވައި މިހާރުގެ މަޖިލީހުގައި އިދިކޮޅު ކޯލިޝަން ތަމްސީލުކުރައްވާ ހަތަރު މެމްބަރެއްގެ ތެރެއިން ތިން މެމްބަރުންގެ ނަން ވެސް އެ ލިސްޓުގައި އެބައޮތެވެ.

މިގޮތުން، މަހިބަދޫ ދައިރާގެ މެމްބަރު އަހުމަދު ތޯރިގު (4.7 މިލިއަން ރުފިޔާ) އާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް (1.8 މިލިއަން ރުފިޔާ)ގެ އިތުރުން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ (1.5 މިލިއަން ރުފިޔާ) ވެސް ލިސްޓުގައި ހިމެނެ އެވެ.

އެ ލިސްޓުގައި ނަން ނެތީ ހަމައެކަނި ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުގެ އެވެ.

މިއަދު އާއްމުކުރި ލިސްޓަށް ބަލާއިރު، މި މެމްބަރުންގެ ތަހުގީގު ހުރި އެކި މަރުހަލާތަކުގަ އެވެ.

މިގޮތުން، ބައެއް ތަހުގީގުތައް ކުރިއަށްދާއިރު، އަނެއް ބައި މެމްބަރުންގެ ތަހުގީގު އަދި އޮތީ މައުލޫމާތު އެއްކުރާ މަރުހަލާގަ އެވެ.

ބޮޑު ހިޔާނާތުގެ ލިސްޓު ދިރާސާ ކޮމިޓީގެ ސަބް ކޮމިޓީން މަޝްވަރާކުރުމަށްފަހު އަށް ހުށަހެޅުމަކާ އެކު އެކުވާލި ރިޕޯޓު ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ލިސްޓް އާންމުކުރުން ހިމަނާފައިވާއިރު، އެކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ އާއީ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އެވެ.

ސަބް ކޮމިޓީގެ ރިޕޯޓާ ގުޅޭ ގޮތުން ޖޮއިންޓް ކޮމިޓީގައި މެންބަރުން ބަހުސް ކުރެއްވުމަށް ފަހު، އެ ރިޕޯޓް އޮތް ގޮތަށް ފާސްކުރަން ނިންމެވީ މެންބަރުންގެ އިއްތިފާގުންނެވެ.

އެ ލިސްޓްގައި ޖުމްލަ 280 ނަމެއް ހިމެނޭއިރު، އޭގެ ތެރޭގައި މިހާރު ދައުލަތުގެ އެކިއެކި މަގާމުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox