އެމްއެމްޕީއާރްސީގެ ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓާއެކު ޖޮއިންޓް ކޮމިޓީން ފާސްކޮށްފި އެވެ.
ފާސްކޮށްފައިވަނީ، ސަބް ކޮމިޓީން އެކުލަވާލި ރިޕޯޓާއެކު، ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވެސް އާންމު ކުރާށެވެ. އާންމުކުރަން ނިންމާފައިވަނީ މުޅި ލިސްޓާއި ދައުލަތުގެ މަގާމުތަކުގައި ތިބި މީހުންގެ ނަންތައް ހިމެނޭ ލިސްޓް ވަކިންނެވެ.
އާންމުކުރަން ނިންމި ލިސްޓްގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 މީހެއްގެ ނަން އެބަ އޮތެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.
އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.
ހިޔާނާތާ ގުޅިގެން ތަހުގީގު ނުނިމި ދައުވާކުރުން ދިގުލާތީ، މަޖިލީހުން އިސްވެ ކަމާބެހޭ އިދާރާތަކުގައި އެދުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުން މަންފާވި ކަަމަށް ތުހުމަތު ކުރެވޭ ސަރުކާރުގެ އިސް މަގާމްތަކުގައި މިހާރާއި އަދި ކުރީގައި ތިއްބެވި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ޝަރުއީ ދާއިރާ އާއި ސަލާމަތީ ހިދުމަތްތަކާއި މިނިވަން މުއައްސަސާތަކާއި އަދި މަޖިލީހުގައި މިހާރު ތިއްބެވި މެމްބަރުންނާއި ކުރީގެ މެމްބަރުންގެ ލިސްޓާއި ތަހުގީގު ގޮސްފައިވާ ހިސާބު ހިއްސާކޮށް ދިނުމަށެވެ.


ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ހިޔާނާތުގެ ލިސްޓް އާންމު ކުރަން ވަނީ ނިންމާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން އަދި އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން އާއްމުކޮށްފައިވާ ގޮތުގައި ލިސްޓުގައި 267 ނަން އޮތް ނަމަވެސް، މަޖިލީހާ މިހާރު ހިއްސާކޮށްފައިވާ ލިސްޓުގައި އަދަދު ވަނީ 280 އަށް އަރައިފަ އެވެ.
ކޮމިޝަނުން ފަހުން ފޮނުވި ލިސްޓު މަޖިލީހަށް ލިބުމާއެކު އޭގައި ހުރި ނަންތައް އާއްމުކުރުމަށް މަޖިލީހަށް ވަނީ އިންތިހާއަށް ޕްރެޝަރު ކުރިމަތިވެފަ އެވެ.
ނަމަވެސް، ތަހުގީގަށް ހުރަސްއެޅިދާނެކަމަށް ބުނެ އޭގެ ސިއްރު ހިފަހައްޓައި ދިނުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން އެދުނު އެދުމަށް އެ ލިސްޓު ދިރާސާކުރެވެންދެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއީ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ސަބް ކޮމިޓީން އޮތީ ނިންމައިފަ އެވެ.
ރޭ 9:00 އިން ފެށިގެން މަޝްވަރާކުރުމަށްފަހު އަށް ހުށަހެޅުމަކާއެކު ސަބް ކޮމިޓީން އެކުވާލި ރިޕޯޓު ވަނީ އިއްތިފާގުން ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި ލިސްޓް އާންމުކުރުން ހިމަނާފައިވާއިރު، އެކަން ހާމަކޮށްފައިވަނީ މިއަދު ކުރިއަށްދިޔަ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ އާއީ ޖުޑީޝިއަރީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ އެވެ.

ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ހިޔާނާތުގެ ލިސްޓް އާންމު ކުރަން ވަނީ ނިންމާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ސަބް ކޮމިޓީގެ ރިޕޯޓާ ގުޅޭ ގޮތުން ޖޮއިންޓް ކޮމިޓީގައި މެންބަރުން ބަހުސް ކުރެއްވުމަށްފަހު، އެ ރިޕޯޓް އޮތް ގޮތަށް ފާސްކުރަން ނިންމެވީ މެންބަރުންގެ އިއްތިފާގުންނެވެ. އެކަން ފާސްވުމާއެކު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މޭޒުގައި އަތް ޖައްސަވައި، އުފާ ފާޅު ކުރައްވާފަ އެވެ.
ކޮމިޓީގައި އެމްޑީޕީއަށް ނިސްބަތްވާ ހުރިހާ މެންބަރުން ވެސް ފާހަގަ ކުރެއްވި ގޮތުގައި މި މައްސަލަ ބެލުމަކީ އެމްޑީޕީން ވަރަށް އިސްކަންދޭ މައްސަލައެއް ކަމާއި އެކަމަށް ގިނަ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިއަދު ކޮމިޓީގެ ބައްދަލުވުން ފެށުމާއެކު، ރައީސް ނަޝީދު ވަނީ އީވާއަށް ވީޑިއޯ ކޯލެއް ކުރައްވައި، ކޮމިޓީގެ އެހެން މަސައްކަތްތައް އޮޅުން ފިއްލައްވައި، އެހެން މެންބަރުންނާ ވެސް ވާހަކަފުޅު ދައްކަވާފަ އެވެ.












