އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއެއްގެ ޑިވިޑެންޑަށް 60 ރުފިޔާ ބަހަން ހުށައަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
އެސްޓީއޯ ބޯޑުގެ މި ހުށައެޅުމާ މެދު ގޮތެއް ނިންމުން އޮންނާނީ އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގަ އެވެ. އެ ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނެގޭ ވޯޓަކަށް ފަހު ޑިވިޑެންޑަށް ބަހާނެ އަދަދާ މެދު ގޮތެއް ނިންމޭނެ އެވެ.
ފަހުގެ ތާރީހެއްގައި އެސްޓީއޯގެ އޭޖީއެމް ބާއްވާނެ ތާރީހެއް އިއުލާނުކުރާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.
މިދިޔަ އަހަރު އެސްޓީއޯއަށް ލިބުނު 7.2 ބިލިއަން ރުފިޔާގެ އާމްދަނީން 1.4 ބިލިއަން ރުފިޔާ ފައިދާވި އެވެ. ކުންފުނީގެ ފައިދާއިން ހިންގުމުގެ ހަރަދުތަކާއި ޓެކުހުގެ އިތުރުން ދަރަނިތައް އަނބުރާ ދެއްކުމަށް ފަހު ފައިދާއަށް ޖެހުނީ 409 މިލިއަން ރުފިޔާއެވެ.
އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އެސްޓީއޯއަށް ލިބުނު އާމްދަނީ ތިން ބިލިއަން ރުފިޔާ ދަށަށް ދިޔަ ނަމަވެސް، ފައިދާ އިތުރުވި އެވެ. އެސްޓީއޯގެ މިދިޔަ އަހަރުގެ އާމްދަނީ ދަށަށް ދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރާއްޖޭގެ ބާޒާރުގައި ތެލަށް އޮތް ޑިމާންޑު ދަށަށް ގޮސް، އެ ވިޔަފާރިން ލިބުނު އާމްދަނީ ދަށަށް ދިޔުން ފާހަގަ ކުރެވެ އެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ މައި ވިޔަފާރި ހަރަކާތްތަކަށް، ހާއްސަކޮށް ފަތުރުވެރިކަމާއި އެ ސިނާއަތާ ގުޅިފައިވާ ދަތުރުފަތުރުގެ ސިނާއަތަށް އައި ލޮޅުމުގެ އަސަރު އެސްޓީއޯގެ އާމްދަނީއަށް ކުރި އެވެ. ނަމަވެސް، އަހަރުގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި ކާބޯތަކެތީގެ އިތުރުން ގިނަ އަދަދެއްގެ މެޑިކަލް ސަޕްލައިސް ކުންފުނިން އެތެރެ ކުރުމުން އެ ދާއިރާތަކުން ރަނގަޅު އާމްދަނީއެއް ލިބުނެވެ.










