މިރޭ ހަނދު ނުފެންނަ ކަމަށާއި އެހެން ކަމުން މާދަމާއަކީ ރޯދަ މަހުގެ 30 ވަނަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިރޭ ކަނޑައަޅައިފި އެވެ.
ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ އަށް ފަހު އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު މިރޭ ވިދާޅުވީ ޝައްވާލު މަހުގެ ހަނދު ރާއްޖޭގެ އެއްވެސް ރަށަކަށް ނުފެންނަ ކަމަށެވެ. މިއަދު އިރު އޮއްސުނުއިރު ރާއްޖޭގެ އެއްވެސް ހިސާބަކަށް ހަނދު ފެންނާނެ ކަމަށް ފަލަކީ ހިސާބުން ވެސް ނުދައްކާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އިތުރުން އިސްލާމީ އެއްވެސް ގައުމަކަށް ވެސް ހަނދު ފެނިފައި ނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮވިޑުގެ ސަބަބުން މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ޖަމާއަތުގައި ނަމާދު ކުރުން ވެސް ވަނީ ހުއްޓާލަން ނިންމައިފަ އެވެ. އެހެންކަމުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ނޯންނާނެ އެވެ.
އީދަކީ ގިނަ އަދަދެއްގެ ބަޔަކު އެއްވެ އުފާފާޅު ކުރާ ދުވަހަށް ވި ނަމަވެސް މި ފަހަރު އެ ފުރުސަތު ވެސް ވަނީ މާލެ ސަރަހައްދުގައި ބަންދު ވެފަ އެވެ. މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު 4:00 އިން ފަތިހު 4:00 އަކަށް ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ.














