ބިހުރޯޒުކަމަނާ މިސްކިތް ކައިރީގައި ގޮތް ނޭނގޭ އެއްޗެއް އޮތުމުން ފުލުހުންނާއި ސިފައިން އޮޕަރޭޝަނެއް ހިންގައިފި އެވެ.
އެ ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވީ، ދޫކޮށްލާފައިވާ ފެހި ކުލައިގެ ލަގެޖް ދަބަހެއް ފެނިގެން އެއަށް ޝައްކު ކުރެވިގެންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި، ބިހުރޯޒް މިސްކިތް ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮތްކަމުގެ ރިޕޯޓް ލިބިގެން، ބަލައި ފާސްކޮށް، ވަނީ ކްލިއާކޮށްފައިވާ ކަމަށެވެ.
"މި ބަލައި ފާސްކުރުމުގައި އެތަނުން ނުރައްކާ ޒާތުގެ އެއްވެސް އެއްޗެއް ފެނިފައެއް ނުވޭ،" އާޒިމް ވިދާޅުވި އެވެ.

މިސްކިތް ކައިރީގައި ހުރި ދަބަސް: އޭގައި ނުރައްކަލެއް ނެތް

މިކަން ހިނގާފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލާފައިވަނިކޮށެވެ.
އެ ހަމަލާއަށްފަހު، ސިފައިންނާއި ފުލުހުންގެ އެލާޓް ލެވެލް ވަނީ އެންމެ މައްޗަށް ޖައްސައި، މާލެ ތެރެ ބެލެހެއްޓުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.













