ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއަށްފަހު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ސޯޝަލް މީޑިއާގައި އެ ހަމަލާއަށް ހިތްވަރުދީ ޓެރަރިޒަމްގެ ޝުއޫރުތައް ފާޅުކުރަމުންދާކަން ފާހަގަވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ގޮއްވާލި އައިއީޑީގެ ސަބަބުން އެމަނިކުފާނަށް ވަރަށް ބޮޑަށް އަނިޔާވެ، ހަށިކޮޅުގެ ގިނަ ސާޖަރީތަކެއް ހަދަންޖެހުނެވެ. ބޮމުގެ ތެރެއަށް ލާފައި އޮތް 11 ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުއް އަދި ބޮން ހަރުކޮށްފައި އޮތް ސައިކަލުގެ ޕުލާސްޓިކުކޮޅެއް ވެސް ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެގި އެވެ.
ނަޝީދަށް ދިން ހަމަލާއަކީ ޓެރަރިޒަމްގެ ބޮޑު ހަމަލާއެއް ކަމަށް އިއުލާން ކޮށްފައި އޮއްވާ އަދި އެ ހަމަލާއާ ހަރުކަށި ފިކުރާ ގުޅުން އޮތް ކަމަށް ބުނެފައި ވަނިކޮށް އެ ހަމަލާއަށް ތާއީދުކޮށް އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ދައްކަމުންނެވެ.
އެގޮތުން ނަޝީދަށް ދިން ހަމަލާއަކީ އިސްލާމް ދީނަށް ލިބުނު ނަސްރެއް ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ. ނަޝީދަކީ ލޭ ހުއްދަ މީހެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ. އަދި ވަރަށް ގިނަ ބަޔަކު އެފަދަ ލިޔުންތައް ޝެއާކޮށް ލައިކުކޮށް ހަދާފައިވެ އެވެ.
މިގޮތުން، މަލާޒު ހަންޑިގެ ނަމުގައި ފޭސްބުކްގައިވާ އެކައުންޓަކުން ވަނީ، ނަޝީދު މަރުނުވުމަކީ ކުށްވެރިކުރާ ކަމެއް ކަމަށް ބުނެ އެމަނިކުފާނަށް ދިން ހަމަލާއަށް ތާއިދުކޮށްފަ އެވެ. ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ ހަބަރު ރިޕޯޓްކުރުމާ ގުޅިގެން ބައެއް ގުރޫޕްތަކާއި ޕޭޖްތަކުގައި ވެސް މީހުން އެކަމަށް އުފާކޮށްފައިވެ އެވެ.

ހިއްބާން އަލް އަންސާރީ ނަމުގައި އޮތް ފޭސްބުކް އެކައުންޓަކުން ވެސް ނަޝީދަށް ދިން ހަމަލާ "ޖަސްޓިފައި" ކުރަން މަސައްކަތް ކޮށްފައިވެ އެވެ. މިފަދަ ގިނަ ޕޯސްޓްތަކެއް ފޭސްބުކްގައި އެކައުންޓްތަކުން ކޮށްފައިވާއިރު، އޭގެ ގިނަ ޕޯސްޓްތަކެއް ޑިލީޓް ވެސް ކޮށްފައިވެ އެވެ.
ޓެރަރިޒަމްގެ އަމަލަށް ހިތްވަރުލިބޭ ގޮތަށް ވާހަކަ ދެއްކުމަކީ ގާނޫނުގެ ދަށުން މަނާ ކަމެކެވެ. އަދި އެފަދަ ވާހަކަތައް ތަކުރާރު ކުރުމާއި ވާހަކަތަކަށް ހިތްވަރުލިބޭ ފަދަ އަމަލެއް ކުރުމަކީ ވެސް މަނާ ކަމެކެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް ހަމަލާ ދީފައި ވަނީ އެމަނިކުފާނު ގެކޮޅުން ނިކުމެވަޑައިގެން ކާރަށް އަރުއްވަން އުޅުއްވަނިކޮށެވެ. ރިމޯޓު ބޭނުންކޮށްގެން އައިއީޑީ ގޮއްވާލާފައި ވަނީ އެ ހަރުކޮށްފައި އިން ސައިކަލާ ނަޝީދު އަރާ ހަމަވިތަނާ އެވެ.
ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގުމަތިން ދިޔަ ދިވެއްސަކާއި އިނގިރޭސިވިލާތުގެ މީހަކަށް އަނިޔާވި އެވެ.












