އިސްލާމްދީނުގެ ނަމުގައި ތިމާ ގަބޫލުކުރާ ހައްދުފަހަނާޅާފައިވާ ވިސްނުމަށް ތާއީދު ނުކުރާ މީހުންނަކީ "ކާފަރުން" ކަމަށް ތުހުމަތު ކުރާ ޖަމާއަތްތަކެއް ރާއްޖޭގައި މޫލާފައި އެބަތިއްބެވެ. ހަރުކަށި ވިސްނުމާ އެއްގޮތަށް އަމަލުތައް ނުބަހައްޓާ މީހުންގެ ލޭ ހުއްދަވާނެ ކަމުގެ ނުބައި ތަސައްވަރު އެ މީހުން އުފައްދަ އެވެ. އެ ނޫން ވިސްނުމުގެ އެންމެންނާ މެދު އިހާނެތިކޮށް ހިތަން ޖެހޭ ކަމަށާއި މިއީ، "ކުފުރު"ގެ ބިމެއްގައި ކަމަށް ސިފަކުރެ އެވެ. މިސްކިތްތަކުގައި، އިމާމުންގެ ފަހަތުގައި ނަމާދެއް ނުކުރެ އެވެ. މި ހަރުކަށި ކަމުގެ ތެރޭގައި ދިވެހިން ސީރިއާގެ ހަނގުރާމައަށް ދާން ޖެހޭ ކަމަށް ވެސް ފާޅުގައި ބުނަނީ އެެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޮމެއް ގޮއްވާލި ކަމުގެ ތުހުމަތަށް ހުޅުމާލެއިން އެންމެ ފުރަތަމަ ހައްޔަރުކުރި ގއ. ކޮނޑޭ، އަހްމަދު ތަހްމީން، 32 އަކީ މި ވިސްނުންތަކަށް ފާޅުގައި ތަބާވާ މީހެކެެވެ. އޭނާ އެކު މި ހަމަލާގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބެލެވިގެން ހުޅުމާލޭން ހައްޔަރުކުރި ވ. ތިނަދޫ، އަހްމަދު އަދުހަމް، 25،ގެ ވެސް މި ވިސްނުން ހުރި ކަމަށް އެ އާއިލާއިން ބުނެ އެވެ.
ތަހުމީން ދަންނަ މީހަކު "އަދަދު"އާ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި ބޮމުގެ ހަމަލާ އަމާޒުކުރި ނަޝީދަކީ "ލާދީނީ މީހެއް" ކަމަށް އެމަނިކުފާނާ މެދު ހިތްހަމަނުޖެހޭ ހަރުކަށި ފިކުރާއި ސިޔާސީ ބައެއް މީހުން ފަތުރައި ސޯޝަލްމީޑިއާގައި ލިޔާ ވާހަކަތަކަށް ތަހުމީން ތާއީދުކުރެ އެވެ. އެކި ކަންކަމާ ގުޅުވައިގެން ނަޝީދު ފާޅުކުރާ ހިޔާލުތަކާއި ދައްކާ ވާހަކަފުޅުތަކާ މެދު ހިތްހަމަނުޖެހިގެން ގާތް މީހުންނާ ތަހްމީން ވާހަކަ ދައްކައި ހަދަ އެވެ. އެ ވާހަކަތަކުން އެމަނިކުފާނާ ދޭތެރޭގައި ނަފްރަތާއި ރުޅިވެރިކަން އޮންނަ މިންވަރު ހާމަވާ ކަަމަށް "އަދަދު"އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ނަޝީދަކީ ދުނިޔޭގައި އުޅެންވާ ވަރުގެ މީހެއް ކަމަކަށް އެ މީހުން [ތަހުމީން އާއި އޭނާ އެކު އުޅޭ ބައެއް މީހުން] ގަބޫލެއް ނުކުރޭ،" އޭނާ ކިޔައިދިނެވެ.
އެކަމަކު ނަޝީދަށް ގެއްލުމެއް ދީފާނެ ކަމުގެ އެއްވެސް ވާހަކައެއް ތަހުމީންގެ ފަރާތުން އަޑުއަހާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.
"ސީރިއާއަށް ދާން ޖެހޭ ކަމަށް ބުނި"
ތަހްމީން ސިޔާސީ ގޮތުން ވަކި ފިކުރަކަށް ތާއީދެއް ނުކުރެ އެވެ. ޖުމްލަކޮށް އޭނާ ގަބޫލުކުރާ ގޮތުގައި، ރާއްޖޭގައި ތިބުމަށް ވުރެން އެންމެ ހައްގުކަން ބޮޑު ކަމަކީ ސީރިއާގައި ކުރި ހަނގުރާމައިގައި ބައިވެރިވުމެވެ. އެއީ ވާޖިބެއް ކަމަށް އާއިލާގެ ތެރޭގައި ވެސް އޭނާ މި ވާހަކަ ދައްކާ ހަދާ ކަމަށް ވެ އެވެ.
"ދޭތެރެއަކުން ކިޔާނެ ޖިހާދުކުރުން ރަނގަޅު ކަމެކޭ. ސީރިއާއަށް ދާންވީއޭ."
މައިންބަފައިން ދޫކޮށްލާފައި އެހެން ގައުމަކަށް ގޮސް ހަނގުރާމަކޮށްގެން އަމިއްލައަށް މަރުވުމަކީ "ޖިހާދު" ނޫން ކަމަށް އޭނާއަށް އާއިލާގެ ބައެއް މީހުން ވިސްނައިދޭ ކަމަށް ވެ އެވެ.

ތަހްމީން ކުޑައިރުއްސުރެން ދިރިއުޅެނީ މާލޭގައި އާއިލާއާ އެކުގަ އެވެ. ދާއިމީ ވަޒީފާއަކަށް ވުރެން ބޮޑަށް އާމްދަނީ ހޯދަން ދޭތެރެއަކުން، ކޮންމެވެސް މަސައްކަތެއްކޮށްލާ މީހެއް ކަމަށްވެ އެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން އޭނާ ހައްޔަރުކުރިއިރު، އުޅެނީ އެމްޕީއެލް ސަރަހައްދުގައި މަޖޫރީއަކަށެވެ.
ތަހްމީން، ފަސް ނަމާދު ބަރާބަރަށް ކުރަނީ ގޭގަ އެވެ. އެކަމަކު އޭނާ ގަބޫލުކުރުމަކީ ރާއްޖޭގެ އިމާމުންގެ ފަހަތުގައި ނަމާދު ސައްހައެއް ނުވާނެ އެވެ. ހުކުރަކަށް ވެސް ނުދެ އެވެ.
"މިސްކިތަށް އެރިޔަސް ޖަމާއަތް ނިމުނީމަ ވަކިން ގޮސް ނަމާދުކޮށްލާނީ،" އަދަދުއާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
އާއިލާގެ ބައެއް މީހުން ނަމާދު އަޅާތީ ހިތްހަމަނުޖެހުން ވެސް ފާޅުކުރެ އެވެ. ގޭތެރޭގައި ޓީވީ ބެލުމާއި ލަވަ ޖެހުމާއި ގިނަ ބަޔަކު އެއްތަންވެ އުޅުން ތަހްމީނަށް އުނދަގޫވެ އެވެ. މާ ގިނަ ރައްޓެހިން ނެތަސް އަބަދު ވެސް ދިމާވާ ވަކި ބަޔަކު ތިބޭ ކަމަށް ވެ އެވެ.
ކައިވެނި ރަޖިސްޓްރީނުކުރާ ކަމުގެ މައްސަލަތަކެއް
ތަހްމީން ދެތިން ކައިވެންޏެއް ކޮށްފައިވާ އިރު "އަދަދު"އަށް ވާހަކަ ދެއްކި މީހާ ބުނީ އެއް ކައިވެނި ކޯޓުގައި ރަޖިސްޓްރީ ނުކުރާ ކަން ކަށަވަރު ކަމަަށެވެ. ކޯޓުން ބޭރުގައި ކުރި އެ ކައިވެނީގެ މައްސަލަ 2016 ގައި ފެންމަތިވެފައިވެ އެވެ. އޭނާއާ ގުޅުން ހުރި މީހެއްގެ ރަސްމީ ލިޔެކިޔުމެއް ސަރުކާރުގެ އިދާރާއަކުން ހޯދަން ޖެހިގެން ކައިވެނި ރަޖިސްޓްރީ ނުކުރުމުގެ އުނދަގޫތަކެއް ކުރިމަތިވެފައިވެ އެވެ. އޭނާގެ އެއް ކައިވެނިން ދަރިއަކު ލިބިފައި އެބަ ހުއްޓެވެ.
ކޯޓުން ބޭރުގައި އޭނާ މީހަކާ ކައިވެނިކޮށްފައި ވަނީ ރާއްޖޭގައި ކަން އެނގިފައިވެ އެވެ. ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ ބަޔަކު ރާއްޖޭގައި ތިބޭކަން ފުލުހުންނަށް ހުށަހަޅާފައިވާ އަދި ހަމަނުޖެހުންތަކުގައި ހައްޔަރުކުރާ މީހުންގެ ކުށުގެ ރެކޯޑު އާއްމުވާ އިރު އެނގެން އެބަހުއްޓެވެ.
ކޯޓުން ބޭރުގައި ކައިވެނިކޮށްދޭ މީހުން، 18 އަހަރު ނުފުރޭ ކުދިންގެ ވެސް ކައިވެނި ކުރުވާފައި އެބަހުއްޓެވެ. މިފަދަ ބައެއް މައްސަލަތައް ފުލުހުން ތަހުގީގު ވެސް ކުރި އެވެ.
ބޮމުގެ ހަމަލާ އާއި ތަހުމީނާ އޮތް ގުޅުން: ސައިކަލްގެ ވެރިޔާ
ތަހުމީންގެ އާއިލާގެ މީހަކަށް ތުހުމަތު ކުރެވުނު ފައިސާގެ ވައްކަމެއްގައި އޭނާއާ ގުޅުން އޮތް ކަމަށް ބެލެވުނަސް ފުލުހުން އެ ހާދިސާގައި އޭނާގެ ބައިވެރިވުން އޮތް ކަމަކަށް ތުހުމަތެއް ނުކުރެ އެވެ. އެކަމަކު ތަހުމީނާ ގުޅޭ ގޮތުން ފުލުހުން އިއްޔެ އާއްމުކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ތަހުމީނާއި އެ ހަމަލާގައި ހައްޔަރުކުރި މުޖާޒަކީ ވެސް ކުށުގެ ރެކޯޑު އޮތް ދެ މީހުންނެވެ.
އެކަމަކު އެ މީހުން ޝާމިލުވި ކުށުގެ ބާވަތެއް ފުލުހުން އަދި ނުބުނެ އެވެ.
މި ހަމަލާއާ ގުޅޭ ގޮތުން ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަހްމީންގެ ވަނަވަރު އާއްމުކޮށްފަ އެވެ. އޭނާއަކީ އެނގިފައިވާ ގޮތުގައި ނަޝީދު އަވަހާރަކޮށްލަން ގޮއްވާލި ސައިކަލްގެ ވެރިޔާ އެވެ.
އައީޑީ ސައިކަލްގެ ތެރެއަށް ލައި ގޮއްވާލީ ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރަށް އަރާވަޑައިގަންނަވާ ވަގުތުކޮޅާ ދިމާކޮށެވެ. އެ ސައިކަލް ހުރީ ކެނެރީގޭ ހުންނަ ނީލޯފަރުހިނގުން، މަޖީދީ މަގާ ވީ ކަންމަތީގަ އެވެ.
އިތުބާރު ހިފޭ މަސްދަރަކުން "އަދަދު"އަށް މައުލޫމާތު ދީފައިވާ ގޮތުގައި ސައިކަލުގައި ބޭނުންކޮށްފައި ހުރި AA0F P6758 ނަންބަރު ޕްލޭޓަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ރެކޯޑުތަކުން ދައްކާ ގޮތުގައި ޕީ.ސީ.އެކްސް. ބްރޭންޑުގެ ސައިކަލެެއްގެ ނަންބަރު ޕްލޭޓެކެވެ. އެކަމަކު އެއްޗެއް ގޮއްވާލި ހާދިސާގައި މި ނަންބަރު ޕުލޭޓް ހަރުކޮށްފައި ވަނީ ވޭވް125 ސައިކަލެއްގަ އެވެ.
އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި ހަމަލާގައި ބޭނުންކުރި ސައިކަލުގެ ސައްހަ މައުލޫމާތު ފުލުހުން ވަނީ ހޯދައިފަ އެވެ. އެ ސައިކަލްގެ އިންޖީނު ނަމްބަރު ވެސް ފޮހެލަން މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަޝީދަށް ދިން ހަމަލާ ދެ ސަބަބަކާ ގުޅުވައި ވާހަކަ ދައްކަ އެވެ. އެއް ކަމަކީ ހަރުކަށި ފިކުރާ ދެކޮޅަށް އެމަނިކުފާނު ފާޅުގައި ވާހަކަ ދެއްކެވުމާއި އިސްލާމްދީނުގެ އެކި ކަންކަމާ ގުޅުވައި ދައްކަވާ ވާހަކަތަކަށް އޮންނަ ހިތްހަމަ ނުޖެހުމެވެ. އަނެއް ސަބަބާ ގުޅުވަނީ ސިޔާސީ ގޮތުން އެމަނިކުފާނު ކުރައްވާ މަސައްކަތްތަކާއި ވިދާޅުވާ ބަސްފުޅުތަކުން އޮންނަ ހިތްހަމަނުޖެހުމެވެ.
ތަހުގީގަށް ހޯދައި މިހާތަނަށް އާއްމުކޮށްފައިވާ މައުލޫމާތުން ބޮޑަށް ބުރަވެވެނީ މިކަމުގައި ގުޅުން އޮތީ ހަރުކަށި ފިކުރުގެ ބައަކު ނަޝީދާ ދޭތެރޭގައި އޮތް ރުޅިވެރިކަމާ އެވެ.
ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް އިއްޔެ ވިދާޅުވެފައިވާ ގޮތުގައި އިއްޔެ ހައްޔަރުކުރި ދެ މީހުން [ތަހްމީން އާއި މުޖާޒް] ހަރުކަށި ފިކުރާ ގުޅުން އޮތް ދެ މީހުން ކަމަށް ފެންނަ ކަމަށެވެ.
"މި މައްސަލައިގެ ތެރެއިން ހަރުކަށި ފިކުރާ ގުޅޭ ކަންކަން އެބަ ފެނޭ. މިހާތަނަށް ހައްޔަރުކުރި މީހުންނާއި ލިބިފައިވާ މައުލޫމާތަށް ބަލާއިރު ހަރުކަށި ފިކުރާ ގުޅުން އޮތް ކަމަށް ފެނޭ،" ޝަމީމް ވިދާޅުވި އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވާ ގޮތުގައި ހައްޔަރުކުރި މީހުން ވަކި ޓެރަރިސްޓު ޖަމާއަތަކަށް ނިސްބަތްވާ ކަމެއް އަދި ހޯދިފައެއް ނުވެ އެވެ. އެކަމަކު މި ހަމަލާގައި އެންމެ ފަހުން، ހައްޔަރުކުރި، މިކަމުގައި އިސްކޮށް އުޅުނު ކަަމަށް ތުހުމަތުކުރާ ވ. ތިނަދޫ އަދުހަމް އަހްމަދަކީ ވެސް ހަރުކަށި ފިކުރަށް ތާއީދުކުރާ މީހެކެވެ.
އާންމު ދިރިއުޅުމުގައި ވަރަށް ބަސްމަދުކޮށް ހުރި އަދުހަމަށް ބަދަލުތަކެއް އަންނަމުން ގޮސް، އޭނާގެ ގަބޫލުކުރާ އުސޫލުތަކާއި ފިކުރުތައް ވެސް ވަރަށް ތަފާތުވި ކަމަށް އާއިލާ އިން ބުންޏެވެ. އެގޮތުން ޑިމޮކްރަސީ އާއި ވޯޓުލުން ފަދަ ކަންކަމަކީ އޭނާ އެއްގޮތަކަށް ވެސް ގަބޫލު ކުރާ ކުރުންތަކެއް ނޫނެވެ.
"ޖަމާއަތުގައި ނަމާދެއް ވެސް ނުކުރާނެ، އެކަމެއް އޭނާ ގަބޫލެއް ނުކުރޭ،" އަދްހަމްއާ ގުޅޭ ގޮތުން ތިނަދޫ މީހަކު ބުންޏެވެ.
ތަހްމީން އާއި އަދުހަމް ހުޅުމާލެ އިން ހައްޔަރުކުރިޔަސް މާލެ އިން ހައްޔަރުކުރި މުޖާޒްއާ ތިން މީހުންގެ އޮންނަ ސީދާ ގުޅުމެއް އަދި ސާފެއް ނޫނެވެ. އެކަމަކު، ތަހުމީންގެ ސައިކަލްގައި ހަރުކޮށްގެން ބޮން ގޮއްވާލުމުން، ނަޝީދު އަވަހާރަކޮށްލުމުގައި އެ ތިން މީހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ ކަމަށް ފުލުހުން މިހާތަނަށް އާއްމުކުރި މައުލޫމާތުން ވެސް ސާފެވެ.












