ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވުނު މީހާ މިއަދު ހެނދުނު ފުލުހުން ހައްޔަރުކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ހުޅުމާލެއިންނެވެ. ހައްޔަރުކުރި މީހާގެ މައުލޫމާތު ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ނަމަވެސް އެ މީހާއަކީ މި ހަމަލާއާ ގުޅޭ އެންމެ މުހިއްމު ކަމަށް ފުލުހުން އިއްޔެ ބުނެފައިވާއިރު، އެ މީހާގެ މައުލޫމާތެއް ހޯދަން ފުލުހުން އިއްޔެ ވަނީ އާއްމުންގެ އެހީތެރިކަމަށް ވެސް އެދިފަ އެވެ.

ރައީސް ނަޝީދު ދިިއުޅުއްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު ހިނގުމުގެ މަޖީދީ މަގަށް ވީ ކަންމަތީގައި ޕާކްކޮށްފައި ހުރި ސައިކަލެއްގައި ބޮން ހަރުކޮށްގެން ދިން ހަމަލާއާ ގުޅިގެން އިއްޔެ ވެސް ދެ މީހަކު ހައްޔަރުކުރި އެވެ.
އެއީ މުޖާޒް އަހުމަދު، މއ. ފޭރުގެ، 21އ އާއި ތަހުމީން އަހުމަދު، ފޮޅޭމާ ގއ. ކޮނޑޭ، 32އ ކަމެވެ.

ހޮނިހިރު ދުވަހު ހައްޔަރުކުރި ދެ މީހުން
މުޖާޒް ހައްޔަރުކުރީ އަލިކިލެގެފާނު މަގުގައި ހުރި ފެހިދޯދިގޭގެ ކުއްޔަށް ދީފައިވާ ބަޔަކުންނެވެ. އެ ސަރަހައްދުން ސައިކަލެއް ވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ތަހުމީން ހައްޔަރުކުރީ ހުޅުމާލެ ރަބަރުގަސްމަގު ހަތަރު ނަމްބަރު ގޯޅީގައި ހުރި ތަނަކުންނެވެ.
އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެ ދެ މީހުންނަކީ ހަރުކަށި ފިކުރާ ގުޅުން އޮތް ދެ މީހުން ކަމަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ފެންނަ ކަމަށެވެ.
އަދި އެ ދެ މީހުންނަކީ ކުށުގެ ރެކޯޑް އޮންނަ ދެ މީހުން ކަމަށް ވެސް ފުލުހުން އިއްޔެ ބުނެފައިވެ އެވެ.
އެ ހަމަލާއާ ގުޅިގެން ޝައްކު ކުރެވޭ ހަތަރު މީހަކު ފާހަގަކުރެވިފައިވާކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ،
ހަމަލާގައި ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ. އަދި ފުރާނަ ސަލާމަތް ކުރަން ގިނަ ސާޖަރީތަކެއް ކުރުމަށްފަހު، މިހާރު އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.











