ރިޕޯޓުހަމަލާދިން ރޭ މުޖާޒް އުޅުނީ ދަންވަންދެން "ބޭރުގައި ބިޒީކޮށް"!

ހަމަލާދިން ރޭ މުޖާޒް އުޅުނީ ދަންވަންދެން "ބޭރުގައި ބިޒީކޮށް"!

"މުޖާޒާއި އޭނާ ގާތް ގުޅުން އޮންނަ އަނެއް ދެ މީހުންނަކީ ވަޒީފާއަށް ދާ ބައެއް ނޫން. އެ މީހުން އެ އުޅޭ ގެއަށް ނިދަން ދާނީ ފަތިހު. ނިދާފަ މެންދުރު ގެއިން ނުކުންނަ މީހުން އަނެއްކާ ނިދަން ގެއަށް ދަނީ،" އެ މީހުން އެނގޭ މީހާ ބުންޏެވެ.

މުޖާޒް ހައްޔަރުކޮށްގެން ގެންދަނީ: އޭނާ އަށް ކުރަނީ ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތު. -- ފޮޓޯ/ އަދަދު
މުޖާޒް ހައްޔަރުކޮށްގެން ގެންދަނީ: އޭނާ އަށް ކުރަނީ ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތު. -- ފޮޓޯ/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ބޮމެއް ގޮއްވާލި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުޖާޒް އަހުމަދު، 21, އެރޭ ވަރަށް ދަންވަންދެން ބޭރުގައި އުޅުމަށް ފަހު، ފަތިހު އޭނާއާ ދިމާވި ބައެއް މީހުން ގާތު "ވަރަށް ބުރަކޮށް އުޅުނު ރެއެއް" ކަން ބުނެފައިވާ ކަން "އަދަދު"އަށް އެނގިއްޖެ އެވެ.

މއ. ފޭރުގެ، މުޖާޒް މިއަދު ހައްޔަރުކުރީ އަލިކިލޭގެފާނު މަގު ފެށޭ ހިސާބުގައި ހުންނަ ގަދަފެހިގެ ގޯޅިންނެވެ. އެ ގޯޅީގައި ހުންނަ ގަލޮޅު ފެހިދޯދިގެއަށް ފުލުހުން ވަދެ، އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ މޫނު ނިވާކޮށްގެންނެވެ. މުޖާޒްގެ މޫނުގައި އަޅާފައި އޮތީ އޭނާގެ ޓީޝާޓެކެވެ.

އޭނާ އަށް ތުހުމަތު ކުރަނީ، "އަދަދު" އަށް އެނގިފައިވާ ގޮތުގައި، ބާރުގަދަ އައިއީޑީ ގޮއްވާލައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގައި ބައިވެރި ވުމެވެ. އެ ހަމަލާގައި ހިންގި ކަމަށް ހަތަރު މީހުންގެ މައްޗަށް ޝައްކުވެފައިވާ ކަމުގެ ތުހުމަތާ އެކު ފުލުހުން މިއަދު ހިންގި އޮޕަރޭޝަނުގައި، މުޖާޒު ދިރިއުޅޭ ކޮޓަރިއަށް ވަދެ ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދަން ކުރި މަސައްކަތަށް ވަނީ އެއްބާރުލުން ދީފަ އެވެ.

ހައްޔަރުކޮށްގެން ގެންދިއުމުގެ ކުރިން ނަމާދުކޮށްލަން ފުރުސަތަކަށް އެދުމުން ފުލުހުން އޭނާ އަށް އެ ފުރުސަތު ދިން ކަން އެނގިފައިވެ އެވެ.

މުޖާޒް ދުއްވާ ސައިކަލް ވެސް އޭނާ ހައްޔަރުކުރި ގެ ގެކައިރީ ޕާކިން ޒޯނުގައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މުޖާޒްގެ ސައިކަލް ފުލުހުންގެ ވެހިކަލަކަށް އަރުވާފައި. -- ފޮޓޯ: ހުސެއިން ޝަޔާހް / އަަދަދު

ބޮން ގޮއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މުޖާޒްގެ އިތުރުން ތަހުމީން އަހުމަދު، ފޮޅޭމާ ގއ. ކޮނޑޭ، 32 ވެސް ވަނީ މިއަދު ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ހުޅުމާލެ ރަބަރުގަސްމަގު ހަތަރު ނަމްބަރު ގޯޅިންނެވެ.

މުޖާޒް ކުއްޔަށް އުޅުނު ފެހިދޯދިގެ ހުންނަނީ ދެ ބުރިއަށް ހަދައިފަ އެވެ. ތިރީގައި އުޅެނީ ޒުވާން ދެމަފިރިއަކާއި އެ މީހުންގެ ކުޑަ ދެ ކުދިންނެވެ. މަތީ ކޮޓަރި ހުންނަނީ ވަޒީފާއަށް ދާ ފިރިހެން ކުދިންނަށް ކުއްޔަށް ދޫކޮށްފަ އެވެ. އޭނާއާ އެކު ހަތަރު މީހުން އެ ކޮޓަރީގައި އުޅެ އެވެ.

ހައްޔަރު ކުރި މީހާ ދިރިއުޅޭ ގޭ: އޭނާގެ ވަނަވަރެއް އެ ގޭ މީހުންނަކަށް ނޭންގޭ-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު
ހައްޔަރު ކުރި މީހާ ދިރިއުޅޭ ގޭ: އޭނާގެ ވަނަވަރެއް އެ ގޭ މީހުންނަކަށް ނޭންގޭ-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު

ހައްޔަރު ކުރި މީހާ ދިރިއުޅޭ ގޭ: އޭނާގެ ވަނަވަރެއް އެ ގޭ މީހުންނަކަށް ނޭންގޭ-- ފޮޓޯ: އަހުމަދު ސާއިލް އަލީ/ އަދަދު

މުޖާޒްގެ ކަންކަން އެނގޭ މީހަކު ނަން ނުޖަހަން ޝަރުތުކޮށް "އަދަދު" އަށް ބުނި ގޮތުގައި އޭނާ އެ ގެއަށް ބަދަލުވިތާ އަދި ވާނީ ހަފުތާއެއްހާ ދުވަހެވެ. އޭނާއާ ގުޅިގެން ދެން އުޅޭ އަނެއް ދެ މީހުން އުޅޭތާ މަހެއްހާ ދުވަސް ވެއްޖެ އެވެ. އަދި އަނެއް މީހާ އެ ގޭގައި އުޅޭތާ ހަ މަސް ވެއްޖެ އެވެ.

އެ ކޮޓަރީގައި އޭނާއާ އެކު ދިރިއުޅޭ ތިން މީހުންގެ ތެރެއިން ދެ މީހަކާ މުޖާޒާ އުޅެނީ ވަރަށް ގުޅިގެންނެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި މުޖާޒު ހައްޔަރުކޮށް ފުލުހުން އަނެއް ދެ މީހުންނާ ސުވާލު ކުރުމުން އެ މީހުން އެކަކު އަނެކަކު އެހާ ދަންނަ ބަޔަކަށް ނުހެދި އެވެ.

މުޖާޒް ނިދާ ގޮދަޑި: އޭނާ އާއެކު ހަތަރު މީހުން އެގޭގައި ދިރިއުޅޭ-- ފޮޓޯ: އަދަދު

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ހަމަލާދިން ރޭ އެ ތިން މީހުން، ނިދަން ކޮޓަރިއަށް ދިޔައީ ފަތިހު އެވެ. އެންމެ ފަހުން ކޮޓަރިއަށް ދިޔައީ މުޒާޖެވެ.

"މުޖާޒާއި އޭނާ ގާތް ގުޅުން އޮންނަ އަނެއް ދެ މީހުންނަކީ ވަޒީފާއަށް ދާ ބައެއް ނޫން. އެ މީހުން އެ އުޅޭ ގެއަށް ނިދަން ދާނީ ފަތިހު. ނިދާފަ މެންދުރު ގެއިން ނުކުންނަ މީހުން އަނެއްކާ ނިދަން ގެއަށް ދަނީ،" އެ މީހުން އެނގޭ މީހާ ބުންޏެވެ.

މާލެއަށް ނިސްބަތްވާ މުޖާޒާއި އަނެއް ތިން މީހުން ވެސް އެ ގޭގައި ދިރިއުޅެނީ މަހަކު 2000ރ. އެވެ.

މުޖާޒް: ފޮޓޯ އޭއައި ބޭނުން ކޮށްގެން އެންހޭންސް ކޮށްފައި-
މުޖާޒް: ފޮޓޯ އޭއައި ބޭނުން ކޮށްގެން އެންހޭންސް ކޮށްފައި-

މުޖާޒް: ފޮޓޯ އޭއައި ބޭނުން ކޮށްގެން އެންހޭންސް ކޮށްފައި-

ގިނައިން ބޭރު ތެރޭގައި އުޅުނަސް އެ ތިން މީހުން ނަމާދުކޮށް ހަދަނީ މުޅިން ގޭގަ އެވެ.

ހުކުރަށް ވެސް ނުދާނެ. ހަމަ ގޭގައި ނަމާދު ކުރާނީ. ލަވަ ޖެހުން ވެސް މުޖާޒް އޮންނަނީ މަނާކޮށްފައި. އެއީ ހަރާމު ކަމެއް ކަމަށް އޭނާ ބުނެފައި އޮންނަނީ. -- މުޖާޒް ދަންނަ މީހާ

އެގެ ކުއްޔަށް ހިފައިގެން ދިރިއުޅޭ ދެމަފިރިންނާ "އަދަދު" އިން ސުވާލު ކުރުމުން އެ މީހުން ބުނީ މުޖާޒް އެގެއަށް އައީ މި ރޯދަ މަސް ފެށުނު ފަހުން ކަމަށާއި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެ މީހުންނާ ހިއްސާ ކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ ގެއަށް ކުއްޔަށް އަންނަ އެންމެންގެ އައިޑީ ކޮޕީ އެ ދެމަފިރިން ހޯދަ އެވެ.

ފުލުހުން ވަނީ މުޖާޒުގެ ހުރިހާ ތަކެއްޗެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އެދިފަ އެވެ. ނަމަވެސް އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ދިޔައީ ގެންގުޅޭ ދަބަހާއި އެހެން ސާމާނު ވެސް ކޮޓަރީގައި ބެހެއްޓުމަށް ފަހު އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ތެރޭގައި މުޖާޒު ގެންގުޅޭ އަރަބި ބަހުން ލިޔެ ބައިންޑްކޮށްފައިވާ ގަނޑުތަކެއް ހިމެނެ އެވެ.

މުޒާހް ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ: އޭނާއަށް ތުހުމަތު ކުރަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދިން ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
މުޒާހް ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ: އޭނާއަށް ތުހުމަތު ކުރަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދިން ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

މުޒާހް ހައްޔަރު ކޮށްގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ: އޭނާއަށް ތުހުމަތު ކުރަނީ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ހަމަލާދިން ކަމަށް-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

މި ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެ ހަމަލައާ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އެބައޮތެވެ.

ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލީ ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ހުރި ސައިކަލުގެ މަޑިދަށުގައި ބާއްވައިގެންނެވެ. ކެނެރީގެ ހުންނަ ނީލޯފަރުހިނގުމުން އެމަނިކުފާނު ހިންގަވާފައި މަޖީދީ މަގުގައި އޮތް ކާރުކޮޅާ ހަމައަށް 8:27 ގައި ފޯރުމާ އެކު އައިއީޑީ ގޮއްވާލުމުން ލިބުނު ޒަހަމްތަކާ އެކު ބިންމައްޗަށް ވެއްޓިވަޑައިގަތީ އެވެ. އެކުގައި ތިއްބެވި ސެކިއުރިޓީންނަށް ވެސް އަނިޔާވި އެވެ.

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލު ވިދާޅުވި ގޮތުގައި، ރައީސް ނަޝީދަށް ހަމަލާދިނީ ކޮމާންޑް ޑިޓޮނޭޝަނަކުންނެވެ. އެއީ، މީހެއްގެ މޫވްމަންޓް ބަލާފައި ރިމޯޓް ކޮންޓްރޯލް ޑިވައިސަކުން ގޮއްވާލުމެވެ.

"މިއީ ޓައިމްކޮށްފައި އޮތް އައިއީޑީއެއް ނޫން. ފޯނަކަށް ވުރެން ބޮޑަށް ލަފާކުރެވެނީ ގޭމްކުޅޭށާއި އެކި ކަހަލަ ކަންކަމަށް ބޭނުންކުރާ ޑިވައިސަކުން ގޮއްވާލީ ކަމަށް." އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ ފުރާނައަށް ނުރައްކާ ކުރަން އައިއީޑީގެ ތެރެއަށް އަޅާފައި ހުރީ ރޭޒަ ފުއްތަކެކެވެ. އެމަނިކުފާނުގެ ހަށިކޮޅަށް ގިނަ ޒަހަމްތަކެއް އޭގެއިން ވެ ސީރިއަސް ސާޖަރީތަކެއް ކުރަން ޖެހުނެވެ.

މި އައިއީޑީ، ޝަމާލް ވިދާޅުވި ގޮތުގައި، 2007 ގައި ސަލްޓަންޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެ އެތައް ގުނައެއް ބާރުގަދަ އެވެ.

އަހުމަދު ސާއިލް އަލީ

ސީނިއާ ޖާނަލިސްޓް

އަހުމަދު ސާއިލް އަކީ އަކީ އިޖްތިމާއީ މައްސަލަތައް ތިލަކުރުމުގައި ހާއްސަ ނޫސްވެރިއެކެވެ. އެކަމަކު ނޫސްވެރިކަމުގެ ކޮންމެ ދާއިރާއަކަށް ވެސް އޭނާ ފަރިތަ އެވެ. މީޑިއާ ކައުންސިލްގެ ނޫސްވެރިކަމުގެ އިނާމް ދެ ފަހަރު ހާސިލްކޮށްފައިވެ އެވެ. "ސަން" އިން ކެރިއަރު ފެށުމަށް ފަހު "މިހާރު" އަދި "ވަން އޮންލައިން" ގައި ވަނީ މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox