މި މަހު ރާއްޖޭގައި ސެންޓްރަލައިޒްކޮށް ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާ އެކު ރޭ މަޝްވަރާ ކުރި ނަމަވެސް އޭއެފްސީގެ ނިންމުމަކީ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑްގެ ކޭސްތައް އިންތިހާ އަށް ގިނަވަމުންދާތީ އާއި އާންމުންގެ ކަންބޮޑުވުންތައް ބޮޑުވުމާ އެކު އެފްއޭއެމުން އޭއެފްސީއާ އެކު މާލޭގައި ކުޅެން ރޭވިފައިވާ ގްރޫޕްގެ މެޗުތައް ފަސްކުރަން މަޝްވަރާކުރަން ފަށާފައިވާ ކަމަށެވެ. އެއާ އެކު ބެލެވުނީ ދާދި ފަހުން އޭއެފްސީން ހޮން ކޮންގަށް ދިން ފުރުސަތު އެފްއޭއެމަށް ވެސް ދީ ރާއްޖޭގައި ކުޅެން އޮތް އޭއެފްސީ ކަޕްގެ މެޗުތައް އަންނަ މަހަށް ފަސްކޮށްދޭނެ ކަމަށެވެ.
އެކަމަކު އެފްއޭއެމާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އޭއެފްސީން ނިންމީ ފުރުސަތު އޮތް މިންވަރަކުން އިތުރަށް ހާލަތު ގޯސްނުވާނަމަ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗުތައް ސެންޓްރަލައިޒްކޮށް ރާއްޖޭގައި ކުރިއަށް ގެންދިއުމަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ މިއަދު "އަދަދު" އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދިން ހާއްސަ ހުއްދައާ އެކު މިހާރު އޮތްގޮތުން އޭއެފްސީ ކަޕްގެ ކޮލިފައިންގައި މި މަހު 11 ވަނަ ދުވަހު ރާއްޖޭގެ އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު މާލޭގައި ކުޅޭނެ އެވެ. އެ މެޗުން މޮޅުވާ ޓީމަކަށް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ ފަހު ޖާގަ ލިބޭނެ އެވެ.
އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ، އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ މެޗުތައް ބާއްވާނީ މި މަހު 14 އިން 21 އަށް މާލޭގަ އެވެ. ރާއްޖޭން އެ ގްރޫޕްގެ މެޗުތައް ހޯސްޓްކުރުމުގެ ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށެވެ.
އެޗްޕީއޭ އިން އޭއެފްސީ ކަޕްގެ މެޗުތައް ބާއްވަން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް އިއުލާނުކުރެއްވީ އަންގާރަ ދުވަހުގެރޭގަ އެވެ. އެގޮތަށް ނިންމި އެންމެ ބޮޑު ސަބަބަކީ އޭއެފްސީން މުބާރާތަށް ކަނޑައަޅާފައިވާ ގައިޑްލައިންތައް ވަރުގަދަވުމެވެ.
އިއްޔެ ގަލޮޅު ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މިނިސްޓަރު މަހުލޫފް ވަނީ އޭއެފްސީ ކަޕް ކުރިއަށްގެންދާނީ ރައްކާތެރިކަމުގެ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ފަހު ކަމަށާއި އޭގެ ޔަގީންކަން ރައްޔިތުންނަށް ދޭ ކަމަށް ވިދާޅުވެފަ އެވެ.
އެ ގޮތުން އެ މުބާރާތުގައި ކުޅެން ބޭރުން ރާއްޖެ އަންނަ ޓީމުތައް އެކޮޅުން ފުރާނީ ކޮވިޑް ޕީސީއާރް ޓެސްޓްތަކެއް ކޮށްފަ އެވެ. މާލެ އައިސް އެ ކުޅުންތެރިން ތިބޭ ހޮޓަލަށް ވަނުމުގެ ކުރިން ވެސް ޓެސްޓް ކުރާނެ އެވެ. އޭގެ އިތުރުން އޭއެފްސީން ބޭނުންވެއްޖެ ހިނދެއްގައި ރޭންޑަމް ސާމްޕަލް ނެގޭ ގޮތަށް އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހޭނެ އެވެ. މުބާރާތުގައި ވާދަކުރަން އައިސް ބޭރުގެ ޓީމުތަކަށް ހަމައެކަނި ބޭރަށް ނުކުމެވޭނީ ޓްރެއިނިން އާއި މެޗުތަކަށް އެކަންޏެވެ. އިތުރު އެއްވެސް ތަނަކަށް ދިއުމުގެ ހުއްދައެއް ނޯންނާނެ އެވެ. އަދި ކޮންމެ ދުވަހަކު ގަވާއިދުން ކުޅުންތެރިންގެ ހޫނުމިން ޓެސްޓްކޮށް މައުލޫމާތު ފޮނުވަން ޖެހޭނެ އެވެ.
އޭއެފްސީގެ މި ގައިޑްލައިންތަކަށް ތަބާވާންޖެހޭއިރު، މުބާރާތް ރާއްޖޭގައި ބޭއްވި ނަމަވެސް ރާއްޖޭގެ ކްލަބްތަކުން ވެސް އެ އުސޫލުތަކަށް ބޯލަނބަން ޖެހޭނެ އެވެ. އަދި ރާއްޖޭގެ އީގަލްސް އާއި މާޒިޔާ ވެސް މުބާރާތަށް ވަކިން ކޭމްޕްކުރާނީ ކޮވިޑަށް ޓެސްޓް ކޮށްފަ އެވެ. އަދި މެޗުތައް ކުޅޭ މުއްދަތުގައި އެ ކުޅުންތެރިންނާއި ޓީމުގެ އޮފިޝަލުންނަށް ވެސް ބޭރަށް ނުކުމެވޭނީ ހަމައެކަނި ޕްރެކްޓިހާއި މެޗު ކުޅެން އެކަންޏެވެ.
ކޮވިޑަށް ޓެސްޓް ކުރުމަށް ފަހު އީގަލްސް އާއި މާޒިޔާ މާދަމާ ކޭމްޕްކުރާ ގޮތަށް ވަނީ ހަަމަޖެހިފަ އެވެ.
އޭއެފްސީ ކަޕްގެ ޕްރޮޓޮކޯލާ އެއްގޮތަށް އީގަލްސް އިން ވަނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޫޓާންގެ ތިމްޕޫ ސިޓީއާ ދެކޮޅަށް ކުޅެފަ އެވެ. އެ މެޗު ކުޅެން ތިމްޕޫ މާލެ އައީ އިންޑިއާގައި ކޭމްޕް ކޮށްފަ އެވެ.












